Roadha Mihaaru
ފަލަސްތީނުގެ ޝުކުރު ރާއްޖެ އަށް

ރައީސްގެ ވާހަކަފުޅާ ގުޅިގެން ފަލަސްތީނުގެ ޝުކުރު ރާއްޖެ އަށް

21 ސެޕްޓެމްބަރ 2021

މިހާރު ކުރިއަށް ގެންދާ އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި، ފަލަސްތީނަށް މިނިވަންކަން ހޯދައި ދިނުމަށް ބާރު އަޅުއްވައި ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅަށް އެ ގައުމުން ތައުރީފުކޮށް، ޝުކުރު އަދާކޮށްފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

މިހާރު ކުރިއަށް ގެންދާ އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި، ފަލަސްތީނަށް މިނިވަންކަން ހޯދައި ދިނުމަށް ބާރު އަޅުއްވައި ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅަށް އެ ގައުމުން ތައުރީފުކޮށް، ޝުކުރު އަދާކޮށްފި އެވެ.

ފަލަސްތީނުން އދ. އަށް ކަނޑައަޅާފައިވާ މިޝަނުން މިއަދު ކުރި ޓްވީޓެއްގަ ބުނީ، ފަލަސްތީނުގެ ބިންތަކަށް އިޒްރޭލުން ގާނޫނާ ހިލާފަށް ބޭއިންސާފުން ވެރިވެގަންނަމުންދާ މައްސަލައިގައި ރާއްޖޭގެ ރައީސް މުޅި ދުނިޔެ އަށް ވަރުގަދަ މެސެޖެއް ދެއްވާފައިވާތީ ޝުކުރު އަދާކުރާ ކަމަށެވެ.

ފަލަސްތީނުގެ މިޝަނުން ދިވެހި ސަރުކާރަށް ޝުކުރު އަދާކޮށް ކުރި ޓުވީޓް

އދ.ގެ އާއްމު މަޖިލީހުގެ 76 ވަަނަ ސެޝަނުގައި ދިވެހި ބަހުން ތަގުރީރު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަަތުމުން "ދުނިޔެ އަށް މަދުވަނީ ކޮންއެއްޗެއްތޯ" ސުވާލު ކުރައްވައިފަ އެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކުރުމުގައި ދިވެހިން އަބަދުވެސް ދެމިތިބޭނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވިގޮތުގައި އދ. ގެ އާންމު މަޖިލީހުން ފަލަސްތީނު މީހުންގެ ހައްގުގައި ނެރުނު ގަރާރުތަކާއި ނިންމި ނިންމުންތައް ގިނަ އެވެ. ނަމަވެސް މަދުވާ އަދި ނުވެސް ލިބި އޮތް އެއްޗަކީ ފަލަސްތީނު މީހުންގެ ހައްގު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އދ.ގެ އާއްމު މަޖިލީހުގެ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: އޭއެފްޕީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އދ.ގެ އާއްމު މަޖިލީހުގެ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: އޭއެފްޕީ

"އެ ބަޔަކު އަޅުގަނޑު މިތާ ހުރެ ތަމްސީލުކުރާ ދިވެހިން ބޭނުން ވަނީ އދ. އިންނާއި މުޅި ދުނިޔެއިން މިނިވަން ގައުމެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތުން. އެ މީހުންނަށް އެ މީހުންގެ މިނިވަން ކަމާއި ހައްގުތަކާއި އިމްތިޔާޒާއި އިހުތިޔާރުތައް ދޫކޮށްލުން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، އދ. ގެ އެތައް އަހަރެއްގެ މަސައްކަތުން ވެސް ފަލަސްތީނުގެ މީހުންގެ ހައްގުތައް ކަށަވަރު ކޮށް ނުދެވުނު ކަމަށެވެ.

"އިޒްރޭލުން ފަލަސްތީނުގެ އަންހެން، ފިރިހެން، ކުދިބޮޑު އެތައް ބައެއްގެ ހައްގު ތަކުރާރުކޮށް އެބަ ނިގުޅައިގަނޭ. އަދުގެ ހޭލުންތެރި ޒުވާން ޖީލުގެ އެތައް ބަޔަކު އެތައް ގައުމަކުން ފަލަސްތީނުގެ ހައްގުގައި އެ ނުކުންނަނީ ބޭއިންސާފާއި ލާއިންސާނިއްޔަތަށް ނޫނެކޭ ބުނަމުން،" ރައީސް ވިދާޅުވި އެވެ.

"އދ. ގެ އާންމު މަޖިލީހާއި ސެކިއުރިޓީ ކައުންސިލުން ފަލަސްތީނުގެ ހައްގުގައި ނެރުނު ގަރާރުތަކާއި ނިންމުނު ނިންމުންތައް ގިނަ. މަދު އެއްޗަކީ، އަމުދުން ނުވެސް ނެތް އެއްޗަކީ ފަލަސްތީނުގެ ހައްގު."

އދ.ގެ އާއްމު މަޖިލީހުގެ 75 ވަނަ ސެޝަނުގައި 2019 ވަނަ އަހަރު ކުރެއްވި ތަގުރީރުގައި ވެސް ރައީސް ވަނީ ފަލަސްތީނު މިނިވަން ކުރުމަށް ގޮވާލައްވައިފަ އެވެ. އެ ފަހަރު އެ މަނިކުފާނު ވިދާޅުވީ މެދުއިރުމައްޗަށް ހަމަޖެހުން ގެނެވޭނެ ހަމައެކަނި ގޮތަކީ އިޒްރޭލު ވެސް އޮތުމާ އެކު ފަލަސްތީނަށް ވެސް މިނިވަން ދައުލަތެއް ގާއިމު ކޮށްދިނުން ކަމަށެވެ. އެގޮތުން ގާއިމުކުރާ ދައުލަތުގެ ވެރިރަށަކަށް ވާން ޖެހޭނީ އިރުމަތީ ގުދުސް ކަމަށް ވެސް ރައީސް އޭރު ވިދާޅުވި އެވެ. އެކަމަކު "ޓޫ ސްޓޭޓް ސޮލިއުޝަން"ގެ ގޮތުގައި ބައިނަލްއަގްވާމީ މުޖުތަމައުން ގެންގުޅޭ އެ ސިޔާސަތުގެ ވާހަކަ މި ފަހަރު ނުދައްކަަވަ އެވެ.