Roadha Mihaaru
ފަލަސްތީނަށް އެހީވާން މަމްސް އެއިޑުން އިވެންޓެއް

ފަލަސްތީނަށް އެހީވާން މަމްސް އެއިޑުން މާދަމާ ބޮޑު އިވެންޓެއް ބާއްވަނީ

20 އޮކްޓޯބަރ 2023

އިޒްރޭލުގެ ލާއިންސާނީ އަނިޔާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނަށް އެހީވާން "މަމްސް އެއިޑް" ޖަމިއްޔާ އިން އިސްނަގައިގެން "މޯލްޑިވިއަން ވިމެން ވިތު ފަލަސްތީން"ގެ ނަމުގައި ފަންޑްރެއިޒިންގެ ބޮޑު އިވެންޓެއް މާދަމާ ހުޅުމާލޭގައި ބާއްވަން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިޒްރޭލުގެ ލާއިންސާނީ އަނިޔާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނަށް އެހީވާން "މަމްސް އެއިޑް" ޖަމިއްޔާ އިން އިސްނަގައިގެން "މޯލްޑިވިއަން ވިމެން ވިތު ފަލަސްތީން"ގެ ނަމުގައި ފަންޑްރެއިޒިންގެ ބޮޑު އިވެންޓެއް މާދަމާ ހުޅުމާލޭގައި ބާއްވަން ނިންމައިފި އެވެ.

އެ ޖަމިއްޔާ އިން ބުނީ މާދަމާ މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް މި އިވެންޓް ކުރިއަށް ގެންދާނީ ހުޅުމާލެ ރުއްގަނޑު 1 ގައި ކަމަށެވެ. ހުޅުމާލޭގެ އިތުރުން ބައެއް ރަށްރަށުގައި ވެސް މި ހަރަކާތް ބާއްވަން އެ ޖަމިއްޔާ އިން ވަނީ ނިންމައިފަ އެވެ.

މި ފަންޑްރެއިޒިން އިވެންޓުގެ އެންމެ ބޮޑު ހަރަކާތެއްގެ ގޮތުގައި އޮންނާނީ ޖަމްބަލް ސޭލެކެވެ. އެ ސޭލުގައި ވިއްކަނީ އެކި މީހުން ޑޮނޭޓުކޮށްފައިވާ ތަކެއްޗެވެ.

"ބައެއް ފިހާރަތަކުންނާއި އާންމުންގެ ފަރާތުން ހަމަ ވަރަށް އާ ރަނގަޅު އެއްޗެހި ލިބިފައި އެބަހުރި ސޭލްގައި ވިއްކަން،" އެ ޖަމިއްޔާ އިން ބުންޏެވެ.

މަމްސް އެއިޑުން ބުނި ގޮތުގައި، ފައިސާ ހޯދުމަށް، މި އިވެންޓް އޮންނަ ތަނުގައި ފުޑް ކޯނާއެއް ހުންނާނެ އެވެ. ކުޑަކުދިންނަށް ހާއްސަކޮށްގެން އެކި ކަހަލަ ކުޅިވަރު ކުޅޭނެ ތަންތަން ވެސް ހުންނާނެ ކަމަށާއި ފޭސް ޕެއިންޓިންނާއި ހީނާ އެޅުން ކަހަލަ ކަންކަން ވެސް އޮންނާނެ ކަމަށް ބުންޏެވެ.

އެ ޖަމިއްޔާ އިން ބުނީ މި އިވެންޓުން ލިބޭ ފައިސާ ޖަމާކުރާނީ ފަލަސްތީނަށް އެހީ ފޯރުކޮށްދެމުން އަންނަ ދިވެހި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ފަންޑަށް ކަމަށެވެ.

އައިއޭސީއާ ގުޅިގެން މަމްސް ޖަމިއްޔާ އިން ބާއްވާ މި އިވެންޓުގެ ހޮސްޓިން ޕާޓުނަރަކީ އާބަންކޯ އެވެ.

ދިވެހި މައިންނަށް އެހީވުމަށް ހާއްސަކޮށްގެން އުފެއްދި "މަމްސް އެއިޑް" ޖަމިއްޔާ އިން މިފަހުން އަންނަނީ އެހީތެރިކަން ބޭނުންވާ އެހެން މީހުންނަށް ވެސް އެހީ ފޯރުކޮށްދިނުމަށް އެކި އިވެންޓުތައް ބާއްވަމުންނެވެ.