Roadha Mihaaru
އިޒްރޭލަށް ދުނިޔޭގެ ތާއީދު ގެއްލެން ފަށައިފި: ބައިޑެން

އިޒްރޭލަށް ދުނިޔޭގެ ތާއީދު ގެއްލެން ފަށައިފި: ބައިޑެން

13 ޑިސެމްބަރ 2023

އިޒްރޭލަށް ދުނިޔޭގެ ސަޕޯޓް ގެއްލެން ފަށައިފި ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.

އިޒްރޭލަށް ދުނިޔޭގެ ސަޕޯޓް ގެއްލެން ފަށައިފި ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.

ބައިޑެން އެގޮތަށް ވިދާޅުވީ އޭނާ ނިސްބަތްވެވަޑައިގެންނަވާ ޑިމޮކްރެޓިކް ޕާޓީއަށް ފަންޑުކުރާ މީހުންނާ އިއްޔެ ވޮޝިންޓަންގައި ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގަ އެވެ. އެއީ އަންނަ އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފަންޑު ހޯއްދެވުމަށް އޭނާ ބޭއްވެވި އިވެންޓެކެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ އިވެންޓުގައި ބައިޑެން ވަނީ އިޒްރޭލުގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ފުރަތަމަ ފަހަރަށް ވާހަކަދައްކަވައިފަ އެވެ.

"އެމީހުންނަށް [އިޒްރޭލަށް] މިހާރު ސަޕޯޓް ގެއްލެން ފަށައިފި،" ބައިޑެން ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ އޭނާ [އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ]، މިހާރު އޮތް ސަރުކާރު ބަދަލުކުރަން ވެއްޖެހެން. މިހާރު އޮތް ސަރުކާރާ ހެދި ބަދަލެއް ގެންނަން އޭނާ އަށް ދަތިވޭ."

އިސްރާއިލްގެ ހަމަލާތަކުގައި މަރާލި ފަލަސްތީނުގެ ކުޑަކުއްޖަކު މީހަކު އުރާލައިގެން.

އިސްރާއިލްގެ ހަމަލާތަކުގައި މަރާލި ފަލަސްތީނުގެ ކުޑަކުއްޖަކު މީހަކު އުރާލައިގެން.

ބައިޑެން ވިދާޅުވީ އިޒްރޭލުން ގާޒާއަށް ހައްދެއް ނެތް މިންވަރަށް ބޮން އަޅައި، މަރުވާ މީހުންގެ އަދަދު އިންތިހާ އަށް އިތުރުވަމުން ދިއުމަކީ ބައިނަލްއަގުވާމީ ގޮތުން އިޒްރޭލުގެ އަސްކަރިއްޔާ އަށް އޮތް ސަޕޯޓް ގެއްލެން ފެށި ސަބަބެއް ކަމަށް އޭނާ ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި އިޒްރޭލު ސަރުކާރުން އިޒްރޭލާއި ފަލަސްތީނަށް ވެސް ދައުލަތެއް އޮންނަން ދުނިޔެއިން ގަބޫލުކުރާ ސިޔާސަތު ގަބޫލު ނުކުރާ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.

އެ އިވެންޓުގައި ބައިޑެން މި ވާހަކަތައް ދެއްކެވުމުގެ ކުރިން ނަތަންޔާހޫ ނެރުއްވި ނޫސްބަޔާނެއްގައި ވެސް ވަނީ އިޒްރޭލާއި އެމެރިކާއާ ދެމެދު މި ހަނގުރާމައާ ގުޅިގެން މިހާރު ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"އާދެ، ހިޔާލު ތަފާތުވުންތަކެއް އެބައުޅޭ ހަމާސްގެ [ހަނގުރާމައިގެ] ފަހުން ވާނެ ގޮތަކާ މެދު. އެކަމަކު އަހަރެން އުއްމީދުކުރަނީ އެއްބަސްވުމަކަށް އަލުން ދެވޭނެ ކަމަށް،" ނަތަންޔާހޫ ވިދާޅުވި އެވެ.

ހަމާސް ނައްތާލުމަށް ކުރާ މަސައްކަތަށް ދޫނުދެއްވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވާ ވިދާޅުވުން އޭނާ ވަނީ އަނެއްކާވެސް ތަކުރާރު ކުރައްވައިފަ އެވެ.

އޮކްޓޯބަރު ހަތެއްގައި ހަމާސް އިން އިސްރާއިލަށް ދިން ހަމަލާތަކުގެ ބަދަލުގައި އިސްރާއިލުގެ އަސްކަރިއްޔާ އިން ދަނީ މެދުކެނޑުމެއް ނެތި ގާޒާ އަށް ބޮން އަޅަމުންނެވެ. އެ ހަމަލާތަކުގައި މިހާތަނަށް 18،000 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފަ އެވެ.