Roadha Mihaaru
އެހީގެ ސާމާނު ގާޒާއަށް ވައްދަން އެއްބަސްވެއްޖެ

އެހީގެ ސާމާނު ގާޒާއަށް ވައްދަން އެއްބަސްވެއްޖެ

19 އޮކްޓޯބަރ 2023

ވަށައިގެން ހިސޯރުކޮށް އިޒްރޭލުން ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދެމުން ދާތާ 13 ދުވަސްވެފައިވާ، ފަލަސްތީނުގެ ގާޒާ އަށް އިންސާނީ އެހީތެރިކަމުގެ ސާމާނު ފޮނުވުމުގެ ފުރުސަތު ދިނުމަށް އިޒްރޭލުން އިއްޔެ އެއްބަސްވެއްޖެ އެވެ.

ވަށައިގެން ހިސޯރުކޮށް އިޒްރޭލުން ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދެމުން ދާތާ 13 ދުވަސްވެފައިވާ، ފަލަސްތީނުގެ ގާޒާ އަށް އިންސާނީ އެހީތެރިކަމުގެ ސާމާނު ފޮނުވުމުގެ ފުރުސަތު ދިނުމަށް އިޒްރޭލުން އިއްޔެ އެއްބަސްވެއްޖެ އެވެ.

އިޒްރޭލު ސަރުކާރުން އިއްޔެ އާންމުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުން، އިޒްރޭލުގެ ހިސޯރުގައި އޮތް ގާޒާ އަށް، މިސްރުގެ ރަފަހް ބޯޑަރު ހުރަސްކޮށް އިންސާނީ އެހީތެރިކަމުގެ ސާމާނު އެތެރެ ކުރުމަށް އިޒްރޭލުން މިހާރު ހުރަހެއް ނާޅާނެ އެވެ. އިޒްރޭލުން މިކަން އިއުލާން ކުރީ، ގާޒާގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް ބޭނުންވާ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަގު ފަހިކޮށްދިނުމަށް އެދި ދުނިޔޭގެ ގައުމުތަކުން އިޒްރޭލަށް ގޮވާލަމުންދާތާ އެތައް ދުވަހެއް ފަހުންނެވެ.

ގާޒާ އަށް ބޭނުންވާ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުސަތު ދިނުމަށް އިޒްރޭލުން މި އެއްބަސްވީ، ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި އެމެރިކާ އޮތީ އިޒްރޭލާ އެކުގައި ކަން ސާބިތުކޮށްދިނުމުގެ ގޮތުން، އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ އިޒްރޭލަށް ކުރެއްވި ޒިޔާރަތަށް ފަހު އެވެ.

ގާޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތާ ދެކޮޅަށް، މި މަހުގެ 7 ވަނަ ދުވަހު އިޒްރޭލުން ހަނގުރާމަ ފެށުމާއެކު، ގާޒާ އާއި މިސްރު ގުޅޭ ރަފަހް ބޯޑަރު ހުރަސްކޮށް އެއްވެސް އެއްޗެއް ގާޒާ އަށް އެތެރެކުރުން އިޒްރޭލުން ވަނީ ހުއްޓުވައިފަ އެވެ. ގާޒާގެ ރައްޔިތުންނަށް ބޭނުންވާ އެހީގެ ސާމާނު ހިފައިގެން ރަފަހް ބޯޑަރު ކައިރި އަށް ދިޔަ މިސްރުގެ ލޮރީތަކަކަށް އިޒްރޭލުން ދެ ފަހަރެއްގެ މަތިން ބޮން އެޅުމުން، މިސްރުން ވަނީ އެމަސައްކަތް ހުއްޓާލައިފަ އެވެ.

"ރައީސް ބައިޑެން އިޒްރޭލަށް ބާރުއެޅުއްވުމާ ގުޅިގެން، ގާޒާގެ ދެކުނު ސަރަހައްދުގައި ދިރިއުޅޭ އާންމުންނަށް މިސްރުގެ ތެރެއިން، ހަމައެކަނި ބޭހާއި ފެނާއި ކާބޯތަކެތި ފޯރުކޮށްދިނުމަށް އިޒްރޭލުން ހުރަހެއް ނާޅާނެ. އެހެން ނަމަވެސް، ގާޒާގައި ހިފަހައްޓާފައި ތިބި އަހަރެމެންގެ ރަހީނުން އެނބުރި ނާންނަހާ ހިނދަކު، އިންސާނީ އެހީތެރިކަމުގެ އެއްވެސް އެއްޗެއް އިޒްރޭލުގެ ތެރެއިން ގާޒާ އަށް ގެންދިޔުން ހުއްދައެއް ނުކުރެވޭނެ،" އިޒްރޭލު ސަރުކާރުން އިއްޔެ ނެރުނު ބަޔާނުގައިވެ އެވެ.

އިޒްރޭލުން ގާޒާ އަށް ހަމަލާ ދޭން ފެށުމަށް ފަހު، އިޒްރޭލުން ވަނީ ގާޒާ އިން ފެނާއި ކަރަންޓުގެ ޚިދުމަތް ކަނޑާލައި، ތެލުގެ ބާވަތްތަކާއި ވިޔަފާރި މުދަލާއި ކާޑުގެ ބާވަތްތަކާއި ކާބޯތަކެތި އިޒްރޭލުގެ ތެރެއިން ގާޒާ އަށް ފޮނުވުން ހުއްޓާލައިފަ އެވެ. އިޒްރޭލުގެ އެ ފިޔަވަޅާ ގުޅިގެން، ގާޒާގެ 2.3 މިލިއަން މީހުން ހާލުގައި ޖެހިފައިވާ ކަމަށް، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަގުވާމީ އިދާރާތަކުން ބުނެ އެވެ.

ގާޒާ އަށް އެހީގެ ސާމާނު އެތެރެކުރުމުގެ ހުއްދަ ދޭން އިޒްރޭލުން ނިންމުމާ ގުޅިގެން، މިސްރުން މިހާރު އަންނަނީ އެހީގެ ސާމާނު ގާޒާ އަށް ފޮނުވުމުގެ ތައްޔާރީތައް ވަމުންނެވެ. ރަފަހް ބޯޑަރު ހުރަސްކޮށް ގާޒާގެ ރައްޔިތުންނަށް އެހީގެ ސާމާނު ހިފައިގެން ގާޒާ އަށް ދާ 20 ލޮރީ އަށް މުދާ ބަރުކުރަމުން އަންނަ އިރު، އެހީގެ ގާފިލާ ގާޒާ އަށް ވަންނާނެ ކަމަށް ބެލެވެނީ މާދަމާ ހެނދުނުގެ ވަގުތެއްގަ އެވެ.

އެހީގެ ސާމާނު ގާޒާ އަށް ފޮނުވުން ލަސްވަނީ، މިސްރުން އެހީގެ ސާމާނު ހިފައިގެން މިދިޔަ ހަފުތާގައި ގާޒާ އަށް ވަންނަން އުޅުނު ދެ ލޮރީއަކަށް އިޒްރޭލުން ދިން ހަމަލާތަކުގައި، އެ ސަރަހައްދުގެ މަގުތައް ހަލާކުވެފައިވާތީ، މަގުތައް މަރާމާތު ކުރުމަށެވެ. މިސްރުން ބުނި ގޮތުގައި ރަފަހް ބޯޑަރު ކައިރީގައިވާ މަގުތައް މަރާމާތުކޮށް، ބޮޑެތި ލޮރީތަކަށް ދަތުރުކުރެވޭ ވަރަށް މަގުތައް ތައްޔާރުކުރުމަށް އަށެއްކަ ގަޑިއިރު ހޭދަވާނެ އެވެ.

އެކި ގައުމުތަކުން ގާޒާ އަށް ފޮނުވި އެހީގެ ސާމާނާއިގެން ގާޒާއަށް ދަތުރުކުރުމަށް، މިހާރު ވެސް 150 އަށް ވުރެ ގިނަ ލޮރީ އޮތީ ތައްޔާރަށެވެ. ނަމަވެސް، މާދަމާ ރަފަހް ބޯޑަރު ހުޅުވައިލުމަށް ފަހު، ގާޒާ އަށް އެންމެ ފުރަތަމަ ފޮނުވާނީ 20 ލޮރީގެ ސާމާނު ކަމަށް މިސްރުން ބުނެ އެވެ. އިޒްރޭލުން ބުނެފައިވަނީ ރަފަހް ބޯޑަރު ހުރަސްކޮށް ގާޒާ އަށް ވަންނަ އެހީގެ ގާފިލާގައި، ބޭހާއި ފެނާއި ކާބޯތަކެތި ފިޔަވައި އެހެން އެއްވެސް އެއްޗެއް ހުރިކަން އެނގިއްޖެ ނަމަ، އެހީގެ ސާމާނު އެތެރެކުރުމަށް ހުރަސްއަޅާނެ ކަމަށެވެ.

އަގްސާ ތޫފާންގެ ނަމުގައި، މި މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލާ ދެކޮޅަށް ފެށި ހަނގުރާމަ އަށް ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 3600 އަށް ވުރެ ގިނަ މީހުން ޝަހީދުވެ 12000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.

މިހާރު ކުރަމުންދާ ހަނގުރާމައިގައި އިޒްރޭލުން މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާއަކީ، ގާޒާގެ އުތުރުކޮޅުގައި ހުންނަ މަޢުމަދާނީ ހޮސްޕިޓަލް (އަލް އަހްލީ ހޮސްޕިޓަލް) އަށް، މި މަހުގެ 17 ވަނަ ދުވަހުގެ ރޭ އިރާކޮޅު ދިން ވަރުގަދަ މިސައިލް ހަމަލާ އެވެ. އެ ހަމަލާގައި 500 އާ ގާތްކުރާ އަދަދަކަށް ފަލަސްތީނު މީހުން ޝަހީދުވި އިރު، ޒަޚަމްވި މީހުންގެ ޖުމްލަ އަދަދެއް އަދިވެސް ސާފެއް ނުވެ އެވެ.

ހަމާސް އިން އިޒްރޭލަށް ދެމުންދާ ހަމަލާތަކުގައި މަރުވި އިޒްރޭލު ރައްޔިތުންގެ އަދަދު މިހާރު ވަނީ 1450 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރޭގައި އިޒްރޭލު ސިފައިންގެ 304 މީހަކު ވެސް ހިމެނޭއިރު، ޒަޚަމްވި އިޒްރޭލު މީހުންގެ އަދަދު ވަނީ 4400 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.