Roadha Mihaaru
ނަތަންޔާހޫ އެ ތަކުރާރުކުރަނީ ނާޒީންގެ އަމަލުތައް

ނަތަންޔާހޫ އެ ތަކުރާރުކުރަނީ ނާޒީންގެ އަމަލުތައް: ތުރުކީ

08 ނޮވެމްބަރ 2023

އަންކާރާ (ނޮވެމްބަރު 8) - ފަލަސްތީނުގެ ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް ހަނގުރާމަ ފަށައި، އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ މިހާރު ތަކުރާރު ކުރައްވަމުން އެ ގެންދަވަނީ ދެ ވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި ޖަރުމަން ވިލާތުގެ ނާޒީ ސިފައިން ހިންގި ފަދަ އަމަލުތަކެއް ކަމަށް ތުރުކީ ވިލާތުން ބުނެފި އެވެ.

އަންކާރާ (ނޮވެމްބަރު 8) - ފަލަސްތީނުގެ ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް ހަނގުރާމަ ފަށައި، އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ މިހާރު ތަކުރާރު ކުރައްވަމުން އެ ގެންދަވަނީ ދެ ވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި ޖަރުމަން ވިލާތުގެ ނާޒީ ސިފައިން ހިންގި ފަދަ އަމަލުތަކެއް ކަމަށް ތުރުކީ ވިލާތުން ބުނެފި އެވެ.

ތުރުކީ ވިލާތުގެ ވެރިކަން ކުރާ އަދާލަތު ޕާޓީ (ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ)ގެ ތަރުޖަމާނު އުމަރު ޖަލީކް ވިދާޅުވި ގޮތުގައި ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް، އިޒްރޭލު ސަރުކާރުން ނާޒީންގެ ޖަރީމާތައް ހިންގަމުން ދާއިރު، ބައިނަލްއަގުވާމީ މުޖްތަމައުން އެކަން ހުއްޓުވަންޖެހޭނެ އެވެ. އަދި ނަތަންޔާހޫގެ ސަރުކާރުން މިހާރު އެ ހިންގަނީ ސީދާ ހަނގުރާމައިގެ ޖަރީމާތަކަކާއި، ނަސްލު ނައްތައިލުމުގެ އަމަލުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަމަ އެންމެ ގައުމަކުން އިސްވެ އެފަދަ ޖަރީމާތަކެއް ހިންގައި، ޣައްޒާގެ އެތައް ލައްކަ ބަޔަކު މަރުގެ ނުރައްކަލަށް ހުށަހަޅަމުން ދާ އިރު ވެސް، ބައިނަލްއަގުވާމީ މުޖްތަމައު އޮންނަނީ ކުޅިބަލަން ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން، އިޒްރޭލުން ހަމަލާތައް ދެމުންދަނީ ބައިނަލްއަގުވާމީ ގާނޫނުތަކުން ހިމާޔަތްކޮށްފައިވާ ތަންތަނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނަތަންޔާހޫގެ ސަރުކާރުން ހިންގާ މި އުދުވާނުގައި މާއްދީ ގޮތުން ލިބުނު ގެއްލުމަށް ބަލާއިރު، ޣައްޒާގެ 55 މިސްކިތާއި ތިން ޔުނިވަސިޓީ އާއި ތިން ފައްޅި ބިމާ ހަމަކޮށްލައިފި. އޭގެ އިތުރުން ކަނޑައެޅިގެން ގަސްދުގައި 16 ހޮސްޕިޓަލަކަށާއި 23 ކްލިނިކަކަށާއި 105 ސިއްހީ މަރުކަޒަށް ހަމަލާދީ ބޭނުން ނުކުރެވޭ ވަރު ކޮށްލައިފި. އަދި ބަލިމީހުން އުފުލަން ބޭނުންކުރާ 27 އެމްބިއުލާންސް ވެސް ހަލާކުކޮށްލައިފި،" އުމަރު ޖަލީކް ވިދާޅުވި އެވެ.

މި ހުރިހާ ހަގީގަތްތަކެއް މިހެން ހުރި އިރު ވެސް، ހުޅަނގުގެ މީޑިއާތަކުން ފަތުރަމުން ދަނީ ދޮގު މައުލޫމާތު ކަމަށާއި، އެއީ ހުޅަނގުގެ މީޑިއާތަކުން ބައިނަލްއަގުވާމީ މުޖްތަމައަށް ވާ ޚިޔާނާތެއް ކަމަށް އޭނާ ސިފަ ކުރެއްވި އެވެ. ހުޅަނގުގެ މީޑިއާތަކުގެ އެ އަމަލަކީ، އިޒްރޭލު ސަރުކާރުން ހިންގާ ލާއިންސާނީ އަމަލުތަކުގައި ބައިވެރިވެ އެކަމަށް ހިތްވަރު ދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.

އިޒްރޭލުން ޣައްޒާގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ 33 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 10300 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 26800 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 5000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2900 އަށް ވުރެ ގިނަ އަންހެނުން ހިމެނޭ އިރު، ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 2300 އަށް ވުރެ މަތިވެފަ އެވެ.

އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން ހަރަކާތްތެރިވާން ފެށުމުން، އިޒްރޭލު ސިފައިން ހުޅަނގު އައްސޭރި އަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 160 އަށް ވުރެ ގިނަ މީހުން ޝަހީދުވެ އިތުރު 2350 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1700 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 7200 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 348 މީހަކާއި ފުލުހުންގެ 69 މީހަކު ވެސް ހިމެނެ އެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހާލު ސީރިއަސްވެފައިވާ 200 އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 242 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.