Roadha Mihaaru
ރަހީނުން މިނިވަންކުރީ ހަމާސް އިން، އިޒްރޭލަކުން ނޫން

ރަހީނުން މިނިވަންކުރީ ހަމާސް އިން، އިޒްރޭލަކުން ނޫން: އާއިލާތައް

06 ޑިސެމްބަރ 2023

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ރަހީނުކުރި ޔަހޫދީންގެ އާއިލާތަކާ އެކުގައި، އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ އިއްޔެ ބޭއްވި ބައްދަލުވުން، ބޮޑު ޒުވާބަކަށް ބަދަލުވެ ނަތީޖާއެއް ހާސިލުނުވެ ނިންމާލަން ޖެހިއްޖެ އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ރަހީނުކުރި ޔަހޫދީންގެ އާއިލާތަކާ އެކުގައި، އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ އިއްޔެ ބޭއްވި ބައްދަލުވުން، ބޮޑު ޒުވާބަކަށް ބަދަލުވެ ނަތީޖާއެއް ހާސިލުނުވެ ނިންމާލަން ޖެހިއްޖެ އެވެ.

ހަމާސް އިން މިނިވަންކުރި ރަހީނުންގެ އާއިލާތަކާ އެކުގައި ނަތަންޔާހޫ އިއްޔެ ބޭއްވި ބައްދަލުވުން ފެށުނުތަނާ ހެން، ދެ ފަރާތުގެ ދެމެދުގައި ވަރުގަދަ ޒުވާބެއް ހިނގި އެވެ. އެއާ އެކު އެ ބައްދަލުވުމުގެ ބައެއް ބައިވެރިން، ނަތަންޔާހޫ އަށް އެތިވަރު ގޮވަމުން ބައްދަލުވުމުގެ މެދުތެރެއިން ނުކުމެގެން ދިޔައީ އެވެ.

އެ ބައްދަލުވުމުން ނުކުތް ބައެއް މީހުން ބުނި ގޮތުގައި ބައްދަލުވުން ފެށުމާއެކު ނަތަންޔާހޫ މަސައްކަތް ކުރީ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ ރަހީނުން މިނިވަންކުރީ އިޒްރޭލުން ކުރި މަސައްކަތުން ކަން އާއިލާތަކަށް ވިސްނައިދިނުމަށެވެ. ރަހީނުން މިނިވަންކުރުމުގައި އިޒްރޭލު ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރި ކަމަށް ނަތަންޔާހޫ ވިދާޅުވާން ފެށުމާއެކު، ރަހީނުންގެ އާއިލާތަކުން އަޑުގަދަކޮށް ނަތަންޔާހޫ އަށް ރައްދު ދޭން ފެށި އެވެ.

"އެމީހުން (ނަތަންޔާހޫ އާއި ބައެއް ވަޒީރުން) ބުނަން ފެށީ އަހަރެމެން އެވެނި މިވެނި ކަމެއް ކުރީމޭ. އަހަރެމެންގެ މީހުން (ރަހީނުން) އަނބުރާ އަހަރެމެންގެ ގާތަށް ފޮނުވައިދިނީ ހަމާސްގެ ޣައްޒާ ގޮފީގެ ސިޔާސީ ވެރިޔާ ޔަހްޔާ އައްސިންވާރު، އެމީހުންނެއް ނޫން. އަހަރެންގެ ގާތަށް ރުޅި އައީ، ތިމަންނާމެންނޭ ރަހީނުން މިނިވަންކުރަން މަސައްކަތް ކުރީ ބުނީމާ. ރަހީނުން މިނިވަންކުރަން އެމީހުން އެއްކަމެއް ވެސް ނުކުރޭ،" ނަތަންޔާހޫއާ އެކުގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ދާނީ މިރާން، އިޒްރޭލުގެ ޓީވީ ޗެނަލް 13 ގައި ވާހަކަ ދައްކަމުން އިއްޔެ ބުންޏެވެ.

މިނިވަންވި ރަހީނުންގެ އާއިލާތަކާ އެކުގައި އިއްޔެ ބޭއްވި ބައްދަލުވުން ރާވާފައި އޮތީ، މިނިވަންވި ރަހީނުން ހަމާސްގެ ބެލުމުގެ ދަށުގައި ކުރި ތަޖުރިބާތައް، އިޒްރޭލުގެ ހަނގުރާމައާ ބެހޭ ކެބިނެޓްގެ ވަޒީރުންނަށް ކިޔައިދޭ ފޯރަމެއްގެ ގޮތުގަ އެވެ. ނަމަވެސް މިނިވަންވި ބައެއް ރަހީނުންގެ ފަރާތުން އިވުނު ވާހަކަތަކާއި، އެ ބައްދަލުވުމުގައި ވާހަކަތައް ކިޔައިދޭން ގެނެސްފައި ތިބި ރަހީނުންގެ ވާހަކަތައް ދިމާނުވާތީ، އާއިލާގެ މީހުންގެ މެދުގައި ރުޅިވެރިކަން އުފެދުނެވެ.

އެ ބައްދަލުވުމުގައި ވާހަކަތައް ކިޔައިދޭން އައިސް ތިބި ރަހީނުންގެ އަތަށް، އިޒްރޭލު ސަރުކާރުން ދީފައި ހުރި ނޯޓުތަކުގައި ހުރީ، ހަމާސްގެ ހަނގުރާމަވެރިން ރަހީނުންނަށް އަނިޔާކުރި ވާހަކަ އާއި އެމީހުންނާ މެދު މުއާމަލާތު ކުރި ދަށު ދަރަޖައިގެ ގޮތްތަކެވެ. ނަމަވެސް އެ ބައްދަލުވުމުގައި ބައިވެރިވި އާއިލާތަކުގެ މީހުން ވަނީ، އެއީ ދޮގު ކަމަށް ބުނެ ނަތަންޔާހޫއާ ދިމާލަށް އެއްޗެހި ގޮވައިފަ އެވެ.

ރަހީނުންނާ މެދު ހަމާސް އިން ކަންތައް ކުރި ގޮތް އޮޅުވައިލުމަށް އިންތިޒާމު ކުރި ބައްދަލުވުމުގައި، ރަހީނުންގެ އާއިލާތަކުން ނަތަންޔާހޫއާ ޒުވާބުކުރި މައިގަނޑު އަނެއް ސަބަބަކީ، ހަމާސްގެ ބެލުމުގެ ދަށުގައި އިތުރު ރަހީނުން ތިބިކަން އެނގޭ އިރު ވެސް، އެމީހުންގެ ރައްކާތެރިކަމަށް ބެލުމެއް ނެތި ޣައްޒާ އަށް ހަމަލާތައް ދެމުން ދާތީ އެވެ.

މިނިވަންވި ރަހީނުންގެ އާއިލާތަކާ އެކުގައި ނަތަންޔާހޫ އިއްޔެ ބައްދަލު ކުރި އިރު، މިދިޔަ ނޮވެމްބަރު 24-30 އަށް ދެމިގެން ދިޔަ، ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ ހަތް ދުވަހަށް ފަހު އިޒްރޭލުން މިހާރު ދަނީ ޣައްޒާ އަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ބާރުގަދަ ބޮންތަކާއި މިސައިލްތަކުން ޣައްޒާގެ އެތަން މިތަނަށް ހަމަލާ ދެމުން ދާއިރު، ހަމާސްގެ ބެލުމުގެ ދަށުގައި، އިޒްރޭލުގެ 138 ރަހީނަކު އަދިވެސް އެބަތިއްބެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމަ އަށް މިއަދަށް 61 ދުވަސް ވީއިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 16300 އަށް ވުރެ މަތިވެފަ އެވެ. އޭގެ ތެރޭގައި 7112 ކުޑަކުދިންނާއި 4885 އަންހެނުން ހިމެނެ އެވެ.

އަދި ޒަޚަމްވި މީހުންގެ އަދަދު 43000 އަށް ވުރެ މަތިވެފައިވާ އިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެ ނުވަތަ ހަމަލާތަކުގައި ހަށިގަނޑު ކުދިކުދިވުމުގެ ސަބަބުން، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 7900 އަށް ވުރެ މަތިވެފަ އެވެ.

އިޒްރޭލުން ޣައްޒާއާ ދެކޮޅަށް، އޮކްޓޫބަރު 7، 2023 ގައި ހަނގުރާމަ އިއުލާން ކުރީ، ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން އެއްގަމާއި ކަނޑާއި ވައިގެ މަގުން، ޔަހޫދީ އާބާދީތަކަށް އެ ދުވަހު އަރައިގަނެ ދިން ހަމަލާތަކުގައި 1200އެއްހާ މީހުން މަރައިލުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. އިޒްރޭލުން ބުނާ ގޮތުގައި "އެކަތައިގެ ކަނޑިތައް" ނަމުގައި ފެށި ހަނގުރާމައިގެ އަމާޒަކީ ހަމާސް ޖަމާއަތް ނައްތައިލުމެވެ.