Roadha Mihaaru
ހަތަރު ދުވަހަށް ހަމަލާތައް މެދުކަނޑާލައިފި

ހަތަރު ދުވަހަށް ހަމަލާތައް މެދުކަނޑާލައިފި

22 ނޮވެމްބަރ 2023

މިއަދުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް، ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އިޒްރޭލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތުން އެއްބަސްވެ، ދެ ފަރާތުން މިއަދު އެކަން އިއުލާންކޮށްފި އެވެ.

މިއަދުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް، ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އިޒްރޭލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތުން އެއްބަސްވެ، ދެ ފަރާތުން މިއަދު އެކަން އިއުލާންކޮށްފި އެވެ.

ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ދެ ފަރާތުން މި އެއްބަސްވީ، އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމެދު، ގަތަރު އިސްނަގައިގެން މިސްރާއި އެމެރިކާ މެދުވެރިވެގެން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު އެވެ. ހަމާސް އާއި އިޒްރޭލުން އެއްބަސްވި ކަންތަކުގެ ތެރޭގައި ހިމެނެނީ، ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމާއި އަސީރުން ބަދަލުކުރުމުގެ އިތުރުން، އިންސާނީ އެހީތެރިކަމުގެ ސާމާނު ޣައްޒާ އަށް އެތެރެކުރުމުގެ މަގު ފަހިކޮށްދިނުމެވެ.

މި ގޮތުން ދެ ފަރާތުން އެއްބަސްވި ކަންތަކަކީ؛

• ހަމަލާ ބަދަލުކުރުން މެދުކަނޑައިލުން ހަތަރު ދުވަހަށް ދެމިއޮތުން

• އެ މުއްދަތުގައި ހަނގުރާމައިގެ އެއްވެސް ހަރަކާތެއް ނުހިންގުން

• ޣައްޒާގައި ރަހީނުކޮށްފައިވާ މީހުންގެ ތެރެއިން 50 މީހަކު (އަންހެނުންނާއި ކުޑަކުދިން) މިނިވަންކުރުން

• އިޒްރޭލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި ފަލަސްތީނު މީހުންގެ ތެރެއިން 150 މީހަކު (އަންހެނުންނާއި ކުޑަކުދިން) މިނިވަން ކުރުން.

• ޣައްޒާ އިން މިނިވަންކުރާ ކޮންމެ 10 އަސީރެއްގެ ބަދަލުގައި، ހަމަލާ މެދުކަނޑައިލާ މުއްދަތަށް އެއް ދުވަސް އިތުރުކުރުން.

• ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަމުގެ ސާމާނާއި ބޭހާއި ޕެޓްރޯލާއި ޑީސަލާއި ގޭސް އެތެރެކުރުމުގެ ފުރުސަތު ދިނުން.

ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ހަމާސް އާއި އިޒްރޭލާ ދެމެދު ގާއިމުކުރި އެއްބަސްވުމަށް އެންމެ ފަހު ވަގުތު އިޒްރޭލުން އެއްބަސްވީ، ރޭ ހަތަރުދަމު އެ އެއްބަސްވުމުގެ މާއްދާތަކާ މެދު އިޒްރޭލުގެ ކެބިނެޓްގައި މަޝްވަރާ ކުރުމަށް ފަހު އެވެ. ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމާ މެދު އިޒްރޭލުގެ ކެބިނެޓްގައި ޚިޔާލު ތަފާތުވުން އުފެދުނީ، ހަމާސް އިން މިނިވަންކުރާ އަސީރުންގެ ތެރޭގައި، ހަމާސް އިން ހައްޔަރުކޮށްފައިވާ އިޒްރޭލު ސިފައިން ނުހިމެނޭތީ އެވެ.

ހަމަލާތައް މެދުކަނޑައިލުމަށް ގަތަރު މެދުވެރިވެގެން މަސައްކަތް ކުރަމުން އަންނަތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެ މަޝްވަރާތަކަށް ފަހު އިޒްރޭލުން އެންމެ ފަހުން ދޫ ދިނުމަށް ފަހު، ހަމަލާތައް މެދުކަނޑައިލަން އެއްބަސްވީ، އަސީރުން މިނިވަންކުރުމުގެ ބަދަލުގައި ފަލަސްތީނު މީހުން މެރުމަށް އިޒްރޭލު ސަރުކާރުން އިސްކަން ދޭ ކަމަށް ބުނެ، އަސީރުންގެ އާއިލާތަކުންނާއި އާންމު ރައްޔިތުން އިޒްރޭލު ސަރުކާރަށް ފާޑުކިޔުން އިތުރުވަމުން ދަނިކޮށެވެ.

ހަމަލާތައް މެދުކަނޑައިލުމާ މެދު، އިޒްރޭލުގެ ކެބިނެޓްގެ ތެރެއިން އެންމެ ބޮޑަށް ދެކޮޅުހެދީ، ކެބިނެޓްގައި ހިމެނޭ ހަރުކަށި ޔަހޫދީ ޖަމާއަތްތަކަށް ނިސްބަތްވާ މިނިސްޓަރުންނެވެ. އޭގެ ތެރެއިން އިޒްރޭލުގެ ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އީތަމާރް ބިން ޣަފީރު ބުނަމުން އައީ، ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު ސިފައިން މިނިވަން ނުކުރާ ނަމަ، ހަމަލާތައް މެދުކަނޑައިލުމަށް ވޯޓު ނުދޭނެ ކަމަށެވެ.

ނުފޫޒު ގަދަ ދިފާއީ ވަޒީރު ޔޫއާވް ގަލާންޓް ބުނަމުން އައީ، ހަމާސް ނައްތައިލުމަށް ފަށާފައިވާ ހަނގުރާމަ އެކުގައި ހުއްޓައިލުމަށް ބުނެފައިވާ ނަމަ، އެއްބަސްވުމަށް އަމަލުކުރަން ވޯޓު ނުދޭނެ ކަމަށެވެ. އަދި ހަތަރު ދުވަހުގެ މެދުކެނޑުމަކަށް ފަހުގައި އަލުން ހަމަލާތައް ފަށާނެކަމުގެ ޔަގީންކަން ދިނުމުން ނޫނީ، އެއްބަސްވުމަށް ވޯޓު ނުދޭނެ ކަމަށެވެ.

ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެއްބަސްވުމާ އެކު، އިޒްރޭލުން ވަނީ މިނިވަންކުރެވިދާނެ 300 މީހެއްގެ ލިސްޓެއް މިއަދު އާންމުކޮށްފަ އެވެ. އެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން 287 މީހަކީ 18 އަހަރާއި 18 އަހަރުން ދަށުގެ ފިރިހެން ކުދިންނެވެ. އޭގެ ތެރެއިން ގިނަ ކުދިންނަކީ، އިޒްރޭލު ސިފައިންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިވުމާއި، އިޒްރޭލުގެ އަސްކަރީ އުޅަނދުތަކާއި ސިފައިންނަށް ގާ އުކުމުގެ ކުށުގައި، ހުޅަނގު އައްސޭރިންނާއި އިރުމަތީ ގުދުސް އިން ހައްޔަރުކުރި ކުދިންނެވެ.

އެ ލިސްޓުގައި ދެން ހިމެނޭ 13 މީހުންނަކީ، އިޒްރޭލު ސިފައިންނަށް ވަޅިން ހަމަލާ ދިނުމާއި ހަމަލާ ދޭން އުޅުމުގެ ކުށުގައި ހައްޔަރުކޮށްފައިވާ ބޮޑެތި އަންހެނުންނެވެ. މި ލިސްޓު ނެރުމަށް ފަހު އިޒްރޭލުން ބުނެފައިވަނީ ހަމަލާ މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ދެ ފަރާތުން މިނިވަންކުރާ އަސީރުންގެ ނިސްބަތުން، އިތުރު އަސީރުން ހަމާސް އިން މިނިވަން ކުރާ ނަމަ، ހަމަ އެ ނިސްބަތުން އެ ލިސްޓުގައި ތިބި މީހުން މިނިވަން ކުރާނެ ކަމަށެވެ.

ދެ ފަރާތުގެ މެދުގައި އެއްބަސްވެފައިވާ ގޮތުން، ހަމާސް އިން މިނިވަން ކުރާ އިޒްރޭލުގެ ކޮންމެ އަސީރަކަށް އިޒްރޭލުން ފަލަސްތީނުގެ ތިން އަސީރުން މިނިވަންކުރަންޖެހޭނެ އެވެ.

އިޒްރޭލާއި ހަމާސްއާ ދެމެދު ޣައްޒާގައި ހަނގުރާމަ ކުރަމުން ދަނީ، ހުސްވި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ވަރުގަދަ ހަމަލާތަކެއްގައި އިޒްރޭލުގެ 1200 އަށް ވުރެ ގިނަ މީހުން މަރާލައި 200 އަށް ވުރެ ގިނަ މީހުން އަސީރު ކުރުމާ ގުޅިގެންނެވެ. އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް "އަގްސާ ތޫފާން"ގެ ނަމުގައި އެ ދުވަހު ދިން ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން، ހަމަ އެ ދުވަހު އިޒްރޭލުން ވަނީ "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމާސްއާ ދެކޮޅަށް ހަނގުރާމަ ފަށައިފަ އެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ދެމުންދާ ހަމަލާތަކަށް 46 ދުވަސް ވެގެން ދިޔައިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު މިހާތަނަށް 14000 އަށް ވުރެ މަތިވެއްޖެ އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 6000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 3700 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޒަޚަމްވެފައިވާ މީހުންގެ އަދަދު 31500 އަށް ވުރެ މަތިވެފައިވާ އިރު، އޭގެ 75 އިންސައްތައަށް ވުރެ މަތީ ނިސްބަތެއް ހިއްސާ ކުރަނީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި އިޒްރޭލުގެ ހަމަލާތަކުގައި ގެއްލިފައިވާ މީހުންގެ އަދަދު 6000 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ކަމަށް ބެލެވެ އެވެ.