14 ޑިސެމްބަރ 2023
ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލު ސިފައިންނާ ދެކޮޅަށް ޖިހާދު ކުރާ ފަލަސްތީނުގެ މުޖާހިދުންގެ ހިތްވަރަށް ކުޑަވެސް ބަދަލެއް ނާންނަ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއާ ހަވާލާދީ އިޒްރޭލުގެ ނޫސްތަކުން ބުނެފި އެވެ.
ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލު ސިފައިންނާ ދެކޮޅަށް ޖިހާދު ކުރާ ފަލަސްތީނުގެ މުޖާހިދުންގެ ހިތްވަރަށް ކުޑަވެސް ބަދަލެއް ނާންނަ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއާ ހަވާލާދީ އިޒްރޭލުގެ ނޫސްތަކުން ބުނެފި އެވެ.
އެ ގޮތުން އިޒްރޭލުގެ ނޫސްތަކުގައި ފާހަގަކޮށްފައިވަނީ، ޣައްޒާގެ އިރުމަތީގައި އޮންނަ އައްޝުޖާއިއްޔާ އަވަށުގައި މިދިޔަ އަންގާރަ ދުވަހު ހަމާސް ޖަމާއަތުގެ މުޖާހިދުންނާއި އިޒްރޭލުގެ އެއްގަމު ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުމެވެ. އަންގާރަ ދުވަހުގެ އަސުރު ވަގުތުގައި ފެށުނު އެ ކުރިމަތިލުންތައް ދެ ގަޑިއިރަށް ވުރެ ގިނަ ވަގުތު ކުރިއަށް ދިޔަ ކަމަށް އިޒްރޭލު ސިފައިންނާ ހަވާލާދީ ނޫސްތަކުން ބުނެ އެވެ.
އިޒްރޭލުގައި އިބްރީ ބަހުން ނެރޭ ނޫހެއް ކަމަށްވާ ޔަދިއޯތު އަހްރޮނޯތުގެ އިއްޔެގެ އަދަދުގައި ބުނެފައިވާ ގޮތުން ޝުޖާއިއްޔާ އަވަށުގައި ހިނގި ކުރިމަތިލުމަކީ، އިޒްރޭލު ސިފައިން އެއްގަމު މަގުން ޣައްޒާ އަށް އެރި ފަހުން މިހާތަނަށް ހިނގި އެންމެ ނުރައްކާތެރި ކުރިމަތިލުމެވެ. އެ ކުރިމަތިލުންތަކުގައި އިޒްރޭލު ސިފައިންގެ 10 މީހުން މަރުވި އެވެ.
މަރުވި 10 ސިފައިންގެ ތެރޭގައި، ބްރިގޭޑިއާ ޖެނެރަލް ރޭންކުގެ އޮފިސަރަކާއި ލެފްޓިނެންޓް ކާނަލް ރޭންކުގެ އޮފިސަރަކާ އެކު ޖުމްލަ ހަ އޮފިސަރުން ހިމެނޭ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ބުންޏެވެ. މަރުވި 10 ސިފައިންގެ ތެރެއިން ނުވަ ސިފައިން މަރުވީ، ހަމާސްގެ ހަނގުރާމަވެރިން ފިލައި ތިބެފައި ނުކުމެ ދިން ކުއްލި ހަމަލާއެއްގަ އެވެ. އަދި އަނެއް މީހާ މަރުވީ ހަމާސްގެ ހަނގުރާމަވެރިންނާ ދެމެދު ބަދަލުކުރި ހަމަލާތަކުގަ އެވެ.
ޝުޖާއިއްޔާ އަވަށުގައި މި ކުރިމަތިލުން ހިނގީ، އެ ސަރަހައްދުގައި ހުރި ހަލާކުވެފައި ހުރި އިމާރާތްތަކުގެ ތެރޭގައި އެއްވެސް ހަނގުރާމަވެރިއަކު ފިލައި ހުރިތޯ ބެލުމުގެ މަސައްކަތް ކުރަން ފެށިތަނާ އެވެ. އެ މަސައްކަތް ފެށި ސަރަހައްދަކީ އިޒްރޭލު ސިފައިންގެ ފުރިހަމަ ބާރުގެ ދަށުގައި އޮތް ސަރަހައްދެއް ކަމަށް ނިންމައި އިމާރާތްތައް ބަލައި ފާސްކުރަން ފެށިތަނާ، ކުއްލި ހަމަލާއެއް ދިނީ މުޖާހިދުން ކޮން ތަނަކުން ނުކުމެ ކަމެއް ނޭނގޭ ކަމަށް އިޒްރޭލު ސިފައިން ބުނެ އެވެ.
ހަމާސްގެ ހަނގުރާމަވެރިން ކުއްލި ހަމަލާއެއް ދިނީ ކައިރި ކައިރީގައި ހުރި ހަލާކުވެފައިވާ ތިން އިމާރާތެއްގެ ތެރެއިން މެދުގައި ހުރި އިމާރާތަށް އިޒްރޭލު ސިފައިން ވަދެ ބަލައި ފާސްކުރަން ފެށިތަނާ އެވެ. އެ ވަގުތު އިމާރާތުގެ އެތެރެއިންނާއި ބޭރުން ވެސް މުޖާހިދުން ހަމަލާ ދޭން ފެށުމުން، އިޒްރޭލު ސިފައިން ގޮތް ހުސްވެ ވަށައިގެން ބެދިފައި އެތައް އިރަކު ތިބެން ޖެހުނެވެ.
"ޝުޖާއިއްޔާގައި އަންގާރަ ދުވަހު އެ ހިނގި ކުރިމަތިލުމުން، އެ ސަރަހައްދުގައި ހަމާސްގެ ބާރު އޮތް ވަރު އެނގުނު، އަދި އެމީހުންގެ ހިތްވަރަށް އެއްވެސް ބަދަލެއް ނާންނަކަން ވެސް އެނގިއްޖެ. އެ ދުވަހު އެ ހިނގީ ވަރަށް ނުރައްކާތެރި ކުރިމަތިލުމެއް،" އިޒްރޭލުގެ އަސްކަރިއްޔާއާ ހަވާލާދީ ޔަދިއޯތު އަހްރޮނޯތުގެ އިއްޔެގެ އަދަދުގައި ބުނެފައިވެ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާ އިން އިއްޔެ ބުނި ގޮތުގައި އޮކްޓޫބަރު 27 ގައި އިޒްރޭލުގެ އެއްގަމު ސިފައިން ޣައްޒާ އަށް އަރައިގަނެ ހަނގުރާމަ ފެށި ފަހުން އިއްޔެގެ ނިޔަލަށް، އިޒްރޭލުގެ 115 ސިފައިން މަރުވެއްޖެ އެވެ. އަދި ޒަޚަމްވި ސިފައިންގެ އަދަދު 619 އަށް އަރާފައިވާ އިރު، އޭގެ ތެރެއިން 139 މީހެއްގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފަ އެވެ.
އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް މިހާރު ކުރަމުން ދާ ހަނގުރާމަ ފެށީ، އޮކްޓޫބަރު 7، 2023 ގައި ހަމާސް ޖަމާއަތުން އިޒްރޭލުގެ ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކުގައި 1147 މީހުން މަރާލައި 240 އަށް ވުރެ ގިނަ މީހުން ރަހީނުކުރުމާ ވިދިގެން ބަދަލު ހިފުމުގެ ގޮތުންނެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމަ އަށް މިއަދަށް 69 ދުވަސް ވީއިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 18700 އަށް ވުރެ މަތިވެފަ އެވެ. އޭގެ ތެރެއިން ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
އަދި ޒަޚަމްވި މީހުންގެ އަދަދު 50600 އަށް ވުރެ މަތިވެފައިވާ އިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެ ނުވަތަ ހަމަލާތަކުގައި ހަށިގަނޑު ކުދިކުދިވުމުގެ ސަބަބުން، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 9000 އަށް ވުރެ މަތިވެފަ އެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލުގެ ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކުގައި ރަހީނުކުރި 240 އަށް ވުރެ ގިނަ މީހުންގެ ތެރޭގައި ހިމެނޭ އިޒްރޭލު ސިފައިންނާއި ސިފައިންގެ ތެރޭގައި ޚިދުމަތް ކުރުމަށް ފަހު ރިޒާވް ލަޝްކަރާ ގުޅިފައިވާ 137 މީހުން އަދިވެސް ތިބީ ހަމާސްގެ ބެލުމުގެ ދަށުގަ އެވެ.
އިޒްރޭލުން ފަލަސްތީނުގެ 4،000 މީހުން ހައްޔަރުކޮށްފި
ގާޒާގެ ބިންގަރާސްތަކަށް އިޒްރޭލުން ލޮނު އަޅަނީ
ޣައްޒާގެ ގަތުލުއާންމު ހުއްޓައިލަން ދުނިޔެ ގޮވާލައިފި
މިހާތަނަށް 86 ނޫސްވެރިން ޝަހީދުކޮށްލައިފި
ޣައްޒާ ހަނގުރާމައިގައި މަރުވި އަދަދު 18000 އަށް
ޣައްޒާގެ ދެބައިކުޅަ އެއްބައި ތިބީ ހައިހޫނުކަމުގައި
އިޒްރޭލަށް ދާ ކޮންމެ ބޯޓަކީ އަހަރެމެންގެ އަމާޒެއް
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި
ޣައްޒާގެ އާންމުން މެރުމަށް އެމެރިކާގެ އިތުރު ހަތިޔާރު
އިޒްރޭލުން ބޮޑު އަގެއް އަދާކުރަންޖެހިދާނެ: އުރުދުޣާން