Roadha Mihaaru
ޣައްޒާ ހަނގުރާމައިގައި މަރުވި އަދަދު 18000 އަށް

ޣައްޒާ ހަނގުރާމައިގައި މަރުވި އަދަދު 18000 އިން މައްޗަށް

12 ޑިސެމްބަރ 2023

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމަ އަށް މިއަދަށް 67 ދުވަސް ވީއިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން މަރުވި މީހުންގެ އަދަދު 18300 އަށް ވުރެ މައްޗަށް ހިނގައްޖެ އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމަ އަށް މިއަދަށް 67 ދުވަސް ވީއިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން މަރުވި މީހުންގެ އަދަދު 18300 އަށް ވުރެ މައްޗަށް ހިނގައްޖެ އެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި އިޒްރޭލުގެ ހަމަލާތައް ތިން ވަނަ މަހަށް ފެށިގެން ދާއިރު، ޒަޚަމްވި މީހުންގެ އަދަދު އިއްޔެގެ ނިޔަލަށް ވަނީ 49،700 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. ޒަޚަމްވެފައިވާ މީހުންގެ ތެރޭގައި ހަށިގަނޑުގެ ބައެއް ގުނަވަންތައް ވަކިވެފައިވާ މީހުންނާއި، ބޮޑެތި ޒަޚަމްތަކުގެ ސަބަބުން އޮޕަރޭޝަން ކުރަންޖެހިފައިވާ އެތައް ބަޔަކު އެބަތިއްބެވެ.

ސިއްހަތާ ބެހޭ ވުޒާރާ އިން ރޭ ބުނި ގޮތުގައި އާދީއްތަ ދުވަހުގެ ރެއިން ފެށިގެން ހޯމަ ދުވަހުގެ ރެޔާ ދެމެދު އިޒްރޭލުން ދިން ހަމަލާތަކުގައި 208 މީހަކު ޝަހީދުވި އެވެ. އޭގެ ތެރެއިން ގިނަ މީހުން މަރުވީ، އަމާން ސަރަހައްދުތައް ކަމަށް އިޒްރޭލުން ބުނެފައިވާ ސަރަހައްދުތަކުގައި ހުރި އިމާރާތްތަކަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންނެވެ.

ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލުގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރީ، ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިޔާ ރެފިއުޖީ ފޭލިގެ އަވަށަށާއި މެދުތެރޭގައި އޮންނަ ދޭރުލް ބަލަހް އަށާއި ދެކުނުގައި އޮންނަ ޚާން ޔޫނުސް އާއި ރަފަހް އަށެވެ.

އޭގެ އިތުރުން ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އުދުވާން ހޮސްޕިޓަލަށް ވެސް އިޒްރޭލުގެ ހަމަލާތައް އަމާޒުކުރި އެވެ. އިޒްރޭލުގެ ޓޭންކުތައް އެ ހޮސްޕިޓަލުގެ ވަށައިގެން ރުކުރުވާލާފައިވާ އިރު، އެ ހޮސްޕިޓަލުގެ ވައިގެ ސަރަހައްދުގައި ބުރުޖަހަމުންދާ އިޒްރޭލުގެ ޑްރޯންތައް ދަނީ، އެ ހޮސްޕިޓަލުން ނުކުންނަ އަދި ވަންނަން މަސައްކަތް ކުރާ ކޮންމެ މީހަކަށް ހަމަލާ ދެމުންނެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވެގެން ގެނައި މީހުންގެ ތެރެއިން ހާލު ބޮޑު 65 މީހަކާއި 12 ކުޑަކުދިން ތިބީ އައިސީޔޫގަ އެވެ. އޭގެ އިތުރުން ވެސް ޒަޚަމްވެފައިވާ އެތައް ބަޔަކާއި، ގެދޮރު ސުންނާފަތިވުމުގެ ސަބަބުން ހިޔާވަހިކަން ހޯދައިގެން ތިބި 3000 މީހަކު ވެސް އެ ހޮސްޕިޓަލުގައި މިވަގުތު އެބަތިއްބެވެ.

ޣައްޒާގެ އުތުރުގައި ހިޔާވަހިކަން ހޯދުމުގެ ގޮތުން އާންމުން ވަދެ ތިބި މަދަރުސާތަކަށް، އިޒްރޭލުގެ އެއްގަމު ސިފައިން އިއްޔެ ވަދެގަނެ، ގިނަ ބަޔަކު ހައްޔަރުކުރި އެވެ. މަންޒަރު ދުށް މީހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އާންމުން ހިޔާވަހިކަން ހޯދައިގެން ތިބި މަދަރުސާތަކަށް އިޒްރޭލު ސިފައިން ވަދެ، އެ ތަންތަނުގައި ތިބި އަންހެނުންނާއި ކުޑަކުދިން އެއްފަރާތްކޮށް ވަކި ކުރުމަށް ފަހު، އެ ތަންތަނުގައި ތިބި ފިރިހެނުން ހައްޔަރުކޮށްގެން ގެންދިޔައީ އެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި ޣައްޒާގެ މަދަރުސާތަކަށް އިޒްރޭލު ސިފައިން ވަދެ ހައްޔަރުކޮށްގެން ގެންދިޔަ ފަލަސްތީނު ފިރިހެނުންގެ ޖުމްލަ އަދަދު މުޅިން ކަށަވަރެއް ނޫނެވެ. ނަމަވެސް އިޒްރޭލު ސިފައިން ހައްޔަރުކުރި އެންމެންނަކީ ވެސް ގެދޮރު ސުންނާފަތިވުމުގެ ސަބަބުން ހިޔާވަހިކަން ހޯދުމަށް މަދަރުސާތަކުގައި ތިބި އާންމުން ކަމަށް އެ ވުޒާރާ އިން ބުނެ އެވެ.

އިޒްރޭލުން ޣައްޒާއާ ދެކޮޅަށް، އޮކްޓޫބަރު 7، 2023 ގައި ހަނގުރާމަ އިއުލާން ކުރީ، ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން އެއްގަމާއި ކަނޑާއި ވައިގެ މަގުން، ޔަހޫދީ އާބާދީތަކަށް އެ ދުވަހު އަރައިގަނެ ދިން ހަމަލާތަކުގައި 1200އެއްހާ މީހުން މަރައިލުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. އިޒްރޭލުން ބުނާ ގޮތުގައި "އެކަތައިގެ ކަނޑިތައް" ނަމުގައި ފެށި ހަނގުރާމައިގެ އަމާޒަކީ ހަމާސް ޖަމާއަތް ނައްތައިލުމެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލުގެ ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކުގައި ރަހީނުކުރި 240 އަށް ވުރެ ގިނަ މީހުންގެ ތެރޭގައި ހިމެނޭ އިޒްރޭލު ސިފައިންނާއި ސިފައިންގެ ތެރޭގައި ޚިދުމަތް ކުރުމަށް ފަހު ރިޒާވް ލަޝްކަރާ ގުޅިފައިވާ 137 މީހުން އަދިވެސް ތިބީ ހަމާސްގެ ބެލުމުގެ ދަށުގަ އެވެ.