10 ޑިސެމްބަރ 2023
އިޒްރޭލު ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓައިލުމަށް ގޮވާލައި އެމިރޭޓްސް އިން ހުށަހެޅި ގަރާރު، މިދިޔަ ހުކުރު ދުވަހު އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރަން ހުށަހެޅުމުން އެމެރިކާ އިން ވީޓޯގެ ބޭނުން ހިފައި އެ ގަރާރު ބާތިލުކޮށްލައިފި އެވެ.
އިޒްރޭލު ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓައިލުމަށް ގޮވާލައި އެމިރޭޓްސް އިން ހުށަހެޅި ގަރާރު، މިދިޔަ ހުކުރު ދުވަހު އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރަން ހުށަހެޅުމުން އެމެރިކާ އިން ވީޓޯގެ ބޭނުން ހިފައި އެ ގަރާރު ބާތިލުކޮށްލައިފި އެވެ.
ސަތޭކައެއްހާ ގައުމުގެ ތާއީދާ އެކު އެމިރޭޓްސް އިން އެ ގަރާރު ހުށަހެޅީ، ޣައްޒާ ހަނގުރާމަ ހުއްޓުވައިދިނުމަށް އެދި، އދ.ގެ ޗާޓަރުގެ 99 ވަނަ މާއްދާ އިން ލިބިދޭ އިޚްތިޔާރުގެ ދަށުން، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް، ސަލާމަތީ މަޖިލީހަށް މިދިޔަ ބުދަ ދުވަހު އެ މައްސަލަ ހުށަހެޅުއްވުމާ ގުޅިގެންނެވެ.
އެމެރިކާ އިން އެ ގަރާރު ވީޓޯ ކުރުމާ ގުޅިގެން ދުނިޔޭގެ ހުރިހާ ގައުމުތަކެއްހެން ގެންދަނީ އެމެރިކާ އަށް ފާޑު ކިޔަމުންނެވެ. އަދި އެމެރިކާ އިން އެ ގަރާރު ވީޓޯ ކުރުމާ ގުޅިގެން އިޒްރޭލުން ވަނީ އެމެރިކާ އަށް ޝުކުރު އަދާކޮށް ބަޔާނެއް ނެރެފަ އެވެ.
އެމިރޭޓްސްގެ ގަރާރަށް ސަލާމަތީ މަޖިލީހުގެ ޖުމްލަ 15 މެމްބަރުންގެ ތެރެއިން 13 މެމްބަރު ގައުމުން ތާއީދުކުރި އެވެ. ނަމަވެސް އެ ވޯޓުގައި އިނގިރޭސި ވިލާތް ބައިވެރިނުވެ އެވެ. އަދި އެމެރިކާ އިން ވީޓޯގެ ބޭނުން ހިފައި އެ ގަރާރު ބާތިލުކޮށްލުމުން، ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތައް އިތުރަށް ފުޅާ ކުރުމަށް އިޒްރޭލަށް ވަނީ ބޮޑު ހިތްވަރެއް ލިބިފަ އެވެ.
ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ވަގުތުން ހުއްޓައިލުމަށް ގޮވާލައި އެމިރޭޓްސް އިން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ، ހަނގުރާމައިގައި ބައިވެރިވާ ދެ ފަރާތުން ވެސް ވަގުތުން ހަމަލާތައް ހުއްޓާލައި ބައިނަލްއަގުވާމީ ގާނޫނުތަކަށް ތަބާވުމަށެވެ. އަދި ހަނގުރާމައި ހުއްޓައިލުމުގެ އެއްބަސްވުން ތަންފީޒުކުރަމުންދާ ގޮތުގެ ރިޕޯޓް އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ފަރާތުން ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށް ވެސް ގޮވާލާފައިވެ އެވެ.
އެމިރޭޓްސްގެ ގަރާރު އެމެރިކާ އިން ވީޓޯ ކޮށްލުމާ ގުޅިގެން، އދ.ގައި ހުންނަވާ އެމިރޭޓްސްގެ ސަފީރު މުހައްމަދު އަބޫ ޝަހާބް ވިދާޅުވީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވެސް، ހަމަލާތައް ހުއްޓުވުމުގައި ސަލާމަތީ މަޖިލިސް ފެއިލްވެފައިވާ ކަމަށެވެ. އަދި މުޅި ދުނިޔޭގެ އާންމު ރައުޔާ ވެސް ޚިލާފަށް ސަލާމަތީ މަޖިލީހުން އަމަލުކުރާތީ ހިތާމަ ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ކޮންމެ ދުވަހަކު ޝަހީދުވަމުންދާ އާންމު ރައްޔިތުންނާ މެދު ފަރުވާލެއް ނެތި، އެމެރިކާ ސަރުކާރުން ބުނެފައިވަނީ ވީޓޯގެ ބޭނުންކުރީ ހަމަލާތައް ހުއްޓާލައިފި ނަމަ، ހަމާސް އަށް އަނެއްކާ ވެސް ޣައްޒާގައި ފުރިހަމަ ބާރު ލިބިދާނެތީ ކަމަށެވެ. އަދި ހަމާސް އަށް ޣައްޒާގެ ބޭރު ލިބިއްޖެ ނަމަ، ފަލަސްތީނު ރައްޔިތުންނަށް އަމާން ދިރިއުޅުމެއް ފެށުމުގެ ފުރުސަތު އެ ޖަމާއަތުން ނުދޭނެ ކަމަށް ވެސް އެމެރިކާ އިން ބުންޏެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމަ އަށް މިއަދަށް 65 ދުވަސް ވީއިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 17700 އަށް ވުރެ މަތިވެފަ އެވެ. އޭގެ ތެރޭގައި 7800 އަށް ވުރެ ގިނަ ކުޑަކުދިންނާއި 5100 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.
އަދި ޒަޚަމްވި މީހުންގެ އަދަދު 48780 އަށް ވުރެ މަތިވެފައިވާ އިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެ ނުވަތަ ހަމަލާތަކުގައި ހަށިގަނޑު ކުދިކުދިވުމުގެ ސަބަބުން، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 8500 އަށް ވުރެ މަތިވެފަ އެވެ.
އިޒްރޭލުން ޣައްޒާއާ ދެކޮޅަށް، އޮކްޓޫބަރު 7، 2023 ގައި ހަނގުރާމަ އިއުލާން ކުރީ، ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން އެއްގަމާއި ކަނޑާއި ވައިގެ މަގުން، ޔަހޫދީ އާބާދީތަކަށް އެ ދުވަހު އަރައިގަނެ ދިން ހަމަލާތަކުގައި 1200އެއްހާ މީހުން މަރައިލުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. އިޒްރޭލުން ބުނާ ގޮތުގައި "އެކަތައިގެ ކަނޑިތައް" ނަމުގައި ފެށި ހަނގުރާމައިގެ އަމާޒަކީ ހަމާސް ޖަމާއަތް ނައްތައިލުމެވެ.
ޔަހޫދީން ހިތްހަމަޖައްސައިދޭން މެކްރޯން ވެސް އިޒްރޭލަށް
ޣައްޒާގެ ގަތުލުއާންމު ހުއްޓައިލަން ދުނިޔެ ގޮވާލައިފި
ހަމަލާ ނުދޭ މުއްދަތު އަނެއްކާ އިތުރުކޮށްފި
ގާޒާގެ ގަތުލުއާންމުގައި ނޭޓޯގެ ބޮޑު ދައުރެއް
ރައީސް ބައިޑެން އާއި ދެ ވަޒީރަކަށް ދައުވާކޮށްފި
ނަތަންޔާހޫއާ ގުޅުން ކަނޑާލައިފިން: އުރުދުޣާން
މަތިންދާބޯޓު އުފުލާ ދެ ވަނަ މަނަވަރު އިޒްރޭލަށް
އެމެރިކާ-އަރަބި ޑްރާމާ އިން ލަދުވެތިކަން
އަގްސާ ތޫފާން: އދ.ގެ އާންމު މަޖިލިސް އެއްވަނީ
އިޒްރޭލަށް ސިފައިންނެއް ނުފޮނުވާނަން، އެހީވެދޭނަން