Roadha Mihaaru
20 އަހަރަށް ފަހު ހުޅަނގު އައްސޭރިއަށް ބޮން އަޅައިފި

20 އަހަރަށް ފަހު ހުޅަނގު އައްސޭރި އަށް ބޮން އަޅައިފި

23 އޮކްޓޯބަރ 2023

ގުދުސް (އޮކްޓޯބަރު 23) - ގާތްގަނޑަކަށް 20 އަހަރުގެ މެދުކެނޑުމަކަށް ފަހު، ފަލަސްތީނުގެ ހުޅަނގު އައްސޭރި އަށް އިޒްރޭލު ސިފައިން ފުރަތަމަ ފަހަރަށް އިއްޔެ ބޮން އަޅައިފި އެވެ. މިއީ 20 އަހަރުގެ ތެރޭގައި އިޒްރޭލުން ވައިގެ މަގުން ހުޅަނގު އައްސޭރި އަށް ހަމަލާ ދިން ފުރަތަމަ ފަހަރެވެ.

ގުދުސް (އޮކްޓޯބަރު 23) - ގާތްގަނޑަކަށް 20 އަހަރުގެ މެދުކެނޑުމަކަށް ފަހު، ފަލަސްތީނުގެ ހުޅަނގު އައްސޭރި އަށް އިޒްރޭލު ސިފައިން ފުރަތަމަ ފަހަރަށް އިއްޔެ ބޮން އަޅައިފި އެވެ. މިއީ 20 އަހަރުގެ ތެރޭގައި އިޒްރޭލުން ވައިގެ މަގުން ހުޅަނގު އައްސޭރި އަށް ހަމަލާ ދިން ފުރަތަމަ ފަހަރެވެ.

ހުޅަނގު އައްސޭރީގެ ޖެނީން ފޭލިގެ އަވަށަށް އާދީއްތަ ދުވަހު ފަތިހު ދިން މި ހަމަލާ އަމާޒުކުރީ، އެ އަވަށުގައި ހުންނަ މަސްޖިދުލް އަންސާރު ކިޔާ މިސްކިތަށެވެ. ފަލަސްތީނު ސަރުކާރުން ބުނި ގޮތުގައި އިޒްރޭލުގެ އަސްކަރީ މަތިންދާބޯޓުތަކުން އެ މިސްކިތަށް ދިން ހަމަލާގައި ދެ މީހަކު ޝަހީދުވެ މިސްކިތް އެކުގައި ހަލާކުވި އެވެ.

އޭގެ އިތުރުން ވެސް ޖެނީން ފޭލިގެ އަވަށުގެ އެހެން ބައެއް ސަރަހައްދުތަކަށް ވެސް އިޒްރޭލު ސިފައިން ބޮން އެޅުމުގެ ސަބަބުން އިތުރު ތިން މީހަކު ޝަހީދުވި އެވެ. ޖެނީން އިން ރޭ ޝަހީދު ކޮށްލި ފަސް މީހުންނާ އެކު، މިދިޔަ ދެ ހަފުތާގެ ތެރޭގައި ހުޅަނގު އައްސޭރި އަށް އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު 90 އަށް ވުރެ މައްޗަށް ދިޔައީ އެވެ.

މި މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލާ ދެކޮޅަށް ފެށި ހަނގުރާމައަށް ތާއީދުކޮށް ހުޅަނގު އައްސޭރީގައި އިޒްރޭލާ ދެކޮޅު ހަރަކާތްތައް ފެށުމާއެކު، އިޒްރޭލު ސިފައިން ގާޒާ އަށް ވަދެ، ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުކޮށް އެތައް ޒުވާނުންނެއް ވަނީ ހައްޔަރުކޮށްފަ އެވެ.

އިޒްރޭލު ސިފައިން ބުނި ގޮތުގައި ޖެނީން ފޭލިގެ އަވަށުގައި ހުރި މިސްކިތަށް ބޮން އެޅީ، އެ މިސްކިތުގެ ދަށުގައި ހަދާފައި ހުރި ބިންގަރާހާއި ބިންގަރާސް މަގު ހަލާކުކޮށްލުމުގެ ބޭނުމުގަ އެވެ. އެ ބިންގަރާހާއި ބިންގަރާސް މަގަކީ އިސްލާމިކް ޖިހާދު ޖަމާއަތާއި ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން ގުޅިގެން، އިޒްރޭލާ ދެކޮޅަށް ހަމަލާ ދިނުމުގައި ބޭނުންކުރާ އަސްކަރީ މަރުކަޒެއް ކަމަށް ވެސް އިޒްރޭލުން ބުންޏެވެ.

މިދިޔަ ދެތިން މަހެއްގެ ތެރޭގައި އިޒްރޭލާ ދެކޮޅަށް ފަލަސްތީނުގެ މުޖާހިދުން ދިން ހަމަލާތައް ރާވައި ތަންފީޒުކޮށްފައިވަނީ، އެ މިސްކިތުގެ ދަށުގައި ހުރި ބިންގަރާހުގައި ކަމަށް ވެސް އިޒްރޭލުން ބުންޏެވެ. އިޒްރޭލުން ސިފައިން ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކަށް ވަދެ، ފަލަސްތީނު މީހުންނަށް ހަމަލާ ދީ ހައްޔަރުކުރުމަކީ އާންމު ކަމެއް ނަމަވެސް، ވައިގެ މަގުން ހުޅަނގު އައްސޭރި އަށް ހަމަލާ ނުދޭތާ 20 އަހަރު ވެއްޖެ އެވެ.

ވިހި އަހަރު ފަހުން ވައިގެ މަގުން ހުޅަނގު އައްސޭރި އަށް އިޒްރޭލުން އެންމެ ފުރަތަމަ ހަމަލާ ދިނީ، މިދިޔަ ޖުލައި މަހުގެ 3 ވަނަ ދުވަހު އެވެ. އެ ދުވަހު އިޒްރޭލު ސިފައިން އަޕާޗޭ ހެލިކޮޕްޓަރުތަކުން ފަލަސްތީނުގެ މުޖާހިދުންނަށް ހަމަލާ ދިނީ، ޖެނީން ފޭލިގެ އަވަށުގައި ހިނގި ކުރިމަތިލުމެއްގައި، މުޖާހިދުންގެ އަތް ދަށުވި އިޒްރޭލުގެ ސިފައިންގެ ބަޔަކާއި އިޒްރޭލުގެ އަސްކަރީ އުޅަނދުތަކެއް ސަލާމަތް ކުރުމުގެ ގޮތުންނެވެ.

އާދީއްތަ ދުވަހު ފަތިހު މަސްޖިދުލް އައްސާރަށް ދިން ހަމަލާއަކީ ވިހި އަހަރުގެ ތެރޭގައި، އިޒްރޭލުގެ މަތިންދާބޯޓުތަކުން ހުޅަނގު އައްސޭރި އަށް ބޮން އެޅި ފުރަތަމަ ފަހަރެވެ.

ހަމާސް އާއި އިޒްރޭލާ ދެމެދު ގާޒާގައި ހިނގަމުންދާ ހަނގުރާމަ އަށް 17 ދުވަސް ވެގެން ދިޔަ އިރު، އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު ވަނީ 4750 އަށް ވުރެ މަތިވެފަ އެވެ. ގާޒާ އަށް ދެމުންދާ ހަމަލާތައް އަމާޒުކުރަނީ ހަމާސްގެ ހަނގުރާމަވެރިންނަށް ކަމަށް އިޒްރޭލުން ބުނާއިރު، ގާޒާ އިން ޝަހީދުވި މީހުންގެ ތެރޭގައި 1870 އަށް ވުރެ ގިނަ ކުޑަކުދިންނާއި 1020 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.

އޭގެ އިތުރުން ޒަޚަމްވި މީހުންގެ އަދަދު މިހާރު ވަނީ 14000 އަށް ވުރެ މަތިވެފަ އެވެ. ދިރިނުއުޅެވޭ ވަރަށް ބިމާ ހަމަކޮށްލި އިމާރާތްތަކުގެ އަދަދު 2000 ން މައްޗަށް ގޮސްފައިވާ އިރު، ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ މިލިއަނަކާ ގާތްވެފަ އެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1500 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރޭގައި އިޒްރޭލު ސިފައިންގެ 308 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ 200 އަށް ވުރެ ގިނަ މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.

އޭގެ އިތުރުން ހުޅަނގު އައްސޭރީގައި އިޒްރޭލު ސިފައިން ހިންގާ އުދުވާންތަކުގައި، މިދިޔަ 16 ދުވަސް ތެރޭގައި ޝަހީދުކޮށްލި ފަލަސްތީނުގެ މީހުންގެ އަދަދު ވެސް މިހާރު ވަނީ 94 އަށް އަރައިފަ އެވެ.