17 ޑިސެމްބަރ 2023
ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި ޣައްޒާއާ ދެމެދުގައި އޮތީ އިޒްރޭލުގެ ބިމެވެ. އެހެންކަމުން ހުޅަނގު އައްސޭރި އާއި ޣައްޒާއާ ދެމެދު އެންމެ ކައިރި ހިސާބުގައި ވެސް 40 ކިލޯމީޓަރުގެ ދުރުމިން ހުރެ އެވެ. އިޒްރޭލުގެ ތެރެއިން ލާފައި ނޫނީ، ޣައްޒާ އިން ހުޅަނގު އައްސޭރި އަށް އަދި ހުޅަނގު އައްސޭރިން ޣައްޒާ އަށް ދެވޭނީ ގޮތެއް ނެތެވެ.
ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި ޣައްޒާއާ ދެމެދުގައި އޮތީ އިޒްރޭލުގެ ބިމެވެ. އެހެންކަމުން ހުޅަނގު އައްސޭރި އާއި ޣައްޒާއާ ދެމެދު އެންމެ ކައިރި ހިސާބުގައި ވެސް 40 ކިލޯމީޓަރުގެ ދުރުމިން ހުރެ އެވެ. އިޒްރޭލުގެ ތެރެއިން ލާފައި ނޫނީ، ޣައްޒާ އިން ހުޅަނގު އައްސޭރި އަށް އަދި ހުޅަނގު އައްސޭރިން ޣައްޒާ އަށް ދެވޭނީ ގޮތެއް ނެތެވެ.
ޣައްޒާގައި ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ބާރު އޮތް އިރު، ހުޅަނގު އައްސޭރީގައި އޮތީ ފަތަހް ޖަމާއަތުގެ ބާރެވެ. އަދި ފަލަސްތީނު ރައްޔިތުން ތަމްސީލު ކުރާ ސަރުކާރެއްގެ ގޮތުގައި ބައިނަލްއަގުވާމީ މުޖްތަމައުން ބަލައިގަންނަނީ ވެސް، ހުޅަނގު އައްސޭރީގައި އޮތް ފަތަހް ޖަމާއަތުގެ ސަރުކާރެވެ.
ސިޔާސީ ގޮތުންނާއި ޖިއޮގްރަފީ ގޮތުން ބަލާއިރު، ހުޅަނގު އައްސޭރި އާއި ޣައްޒާއާ ދެމެދު މި ތަފާތުތައް ހުއްޓަސް، އެއްގޮތް ކަންތައްތަކެއް އެބަހުއްޓެވެ. އެ ތަފާތުތައް ހުއްޓަސް، އެ ދެ ސަރަހައްދުގައި ވެސް ތިބީ ފަލަސްތީނުގެ ރައްޔިތުންނެވެ. އަރަބި ބަހުން މޮށި އުޅޭ މުސްލިމުންނާއި ނަސާރާއިންނެވެ. ސަގާފަތާއި އާދަކާދަ މުޅިން އެއްގޮތެވެ.
އެއަށް ވުރެ ބޮޑު އެއްގޮތް ކަމަކީ، މިނިވަންކަމަށް ކަރު ހިއްކާފައި ތިބި މިންވަރާއި، އިޒްރޭލުގެ އަޅުވެތިކަމަށް ބޯނުލެނބުމާއި، ސަހްޔޫނީންގެ އަނިޔާވެރިކަމަށް ފާޅުގައި ދެކޮޅު ހެދުމުގެ ހިތްވަރެވެ. އެކަމުގައި ހުޅަނގު އައްސޭރި އާއި ޣައްޒާގެ ރައްޔިތުން ލިބޭ އެންމެ ބޮޑު ހިތްވަރަކީ، ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޖަމާއަތްތަކެވެ.
ހުޅަނގު އައްސޭރި އާއި ޣައްޒާގެ ރައްޔިތުން ވެސް ދެކޭ ގޮތުގައި އެއް ބަޔަކަށް ލިބޭ އަނިޔާ އަކީ އަނެއް ބަޔަކަށް ވެސް ލިބޭ އަނިޔާ އެވެ. އެކަކަށް ލިބޭ ވޭނަކީ އެންމެހައި ފަލަސްތީނީންނަށް ލިބޭ ވޭނެކެވެ. އެކަން އެންމެ ބޮޑަށް އެނގިގެން ދިޔައީ، މިދިޔަ އޮކްޓޫބަރު 7 ގައި އިޒްރޭލު ސިފައިން ޣައްޒާގެ އާންމުންނާ ދެކޮޅަށް ފެށި ހަނގުރާމައާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ރައްޔިތުން ތެދުވަން ފެށުމުންނެވެ.
ޣައްޒާގައި ކުރާ ހަނގުރާމައެއްގެ ރައްދުގައި ހުޅަނގު އައްސޭރީގެ ރައްޔިތުން ތެދުވުމަކީ، އިޒްރޭލުގެ އިސްތިއުމާރީ ސަރުކާރަށް ބަލައިގަނެވުނު ކަމަކަށް ނުވި އެވެ. އެހެންކަމުން، ހުޅަނގު އައްސޭރީގެ ރައްޔިތުން މައިތިރި ކުރުމަށް އިޒްރޭލު ސިފައިން ހުޅަނގު އައްސޭރީގެ ސަހަރުތަކާއި އަވަށްތަކުގައި ހާއްސަ އަސްކަރީ ހަރަކާތްތަކެއް ފަށައި އެކަން، ފަލަސްތީނުގެ ސަރުކާރަށް އެންގި އެވެ.
އެއަށް ފަހު، ދުވާލުގެ އަލީގަޔާއި ރޭގަނޑުގެ އަނދިރީގައި ވެސް، ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކަށް އިޒްރޭލު ސިފައިންނާއި ފުލުހުން ވަދެ، ފަލަސްތީނުގެ ޒުވާން މުޖާހިދުން ހައްޔަރުކުރަން ފެށި އެވެ. އެކަމަށް ހުރަސްއަޅާ ކޮންމެ މީހެއްގެ ގަޔަށް ބަޑި ޖަހައި މަރަމުންނެވެ. ކުޑައެއް ބޮޑެއް މުސްކުޅިއެއް ޒުވާނެއް ތަފާތު ނުކޮށެވެ.
އެ ގޮތުން އޮކްޓޫބަރު 7 ން ފެށިގެން މިއަދާ ހަމައަށް، ހުޅަނގު އައްސޭރީގެ 270 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 69 ކުޑަކުދިންނާއި ގިނަ އަދަދެއްގެ އަންހެނުން ހިމެނެ އެވެ. އެންމެ ދެ މަހާއި ހަފުތާއެއްގެ ތެރޭގައި ހައްޔަރު ކުރި ފަލަސްތީނީންގެ އަދަދު ވަނީ 4000 އަށް ވުރެ މަތިވެފަ އެވެ. އޭގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުންނާއި އަންހެނުން ހިމެނެ އެވެ.
ޣައްޒާގައި ހަމާސް އާއި އިޒްރޭލާ ދެމެދު ހިނގާ ކަމަކާ ވިދިގެން ހުޅަނގު އައްސޭރީގެ އާންމު ރައްޔިތުންގެ ކިބައިން އިޒްރޭލުން ބަދަލު ހިފަމުން ދިޔަސް، ހުޅަނގު އައްސޭރީގައި ހަމާސްއާ މެދު ދެކޮޅުވެރިކަމެއް ނެތެވެ. އޭގެ ބަދަލުގައި ހުޅަނގު އައްސޭރީގެ ބޮޑެތި ސަހަރުތަކުން ވެސް ފެންނަނީ ހަމާސް އަށް އޮތް ތާއީދު އިތުރުވަމުން އަންނަ މަންޒަރެވެ.
"ހުޅަނގު އައްސޭރީގެ އާންމުންގެ ވާހަކަތަކުން އަހަރެންނަށް އެކަން ޔަގީން ކުރެވޭ. ޓެކްސީތަކާއި ކާރުތަކުގައި ޖަހާފައި ހުންނަ ލަވަތަކުން އެކަން އެނގޭ. ފޭސްބުކް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ސާފުކޮށް ފެންނަނީ އެ މަންޒަރު. އަހަރެން ކިޔަވައިދޭ ދަރިވަރުންނާ އެކުގައި ކުރެވޭ ބަހުސްތަކުން ވެސް އެނގެނީ އެކަން،" ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ފަތަހް ޖަމާއަތުގެ ޒުވާނުންގެ ލީޑަރު އަދި ޕޮލިޓިކަލް ސައެންޓިސްޓެއް ކަމަށްވާ ރާއިދު ދައިބީ، ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވާ ގޮތުގައި ހުޅަނގު އައްސޭރީގެ އާންމުންގެ ވިސްނުން ބަދަލުކޮށްލީ އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާ އެވެ.
"އާންމު ރައްޔިތުން، ވަކިން ޚާއްސަކޮށް އައު ޖީލުގެ ޒުވާނުންގެ ގިނަ ބަޔަކު، މީގެ ކުރިން އެއްވެސް ބަޔަކަށް ތާއީދު ނުކުރާ ވަރަށް މިހާރު ތާއީދު ކުރަނީ ހަމާސް އަށް. މިދިޔަ 30 އަހަރަށް ބަލާއިރު، މިނިވަންކަމުގެ ހަރަކާތުގައި، ޒުވާން ޖީލު ނަމޫނާއެއްގެ ގޮތުގައި ނުވަތަ ރޯލް މޮޑެލެއްގެ ގޮތުގައި ބަލާނެ މީހަކު ނުވަތަ ބަޔަކު ނެތް. މިހާރު އެމީހުންނަށް އެބަ ގަބޫލުކުރެވޭ ނަމޫނާއަކަށް ދެކެން ރަނގަޅު ބަޔަކު އެބަތިބިކަން. މުޅިން އައު ވާހަކައެއް މިހާރު އުފެދިއްޖެ."
ހުޅަނގު އައްސޭރީގައި ހަމާސްގެ ތާއީދު ބޮޑުވަމުން އަންނަ އިރު، ވެރިކަން ކުރާ ފަތަހް ޖަމާއަތުގެ މަގުބޫލުކަން ދަނީ ދަށަށެވެ. އަދި ރައީސް މަހްމޫދު އައްބާސްގެ މަގުބޫލުކަން ވަރަށް ބޮޑަށް ދަށަށް ގޮސް، ހަމާސްގެ އަސްކަރީ ތަރުޖަމާނު އަބޫ އުބައިދާގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ހުޅަނގު އައްސޭރީގެ ޕޮލިޓިކަލް ސައެންޓިސްޓެއް ކަމަށްވާ އަމްޖަދު ބޫޝަކަރް، ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ހުޅަނގު އައްސޭރީގެ ރައްޔިތުންގެ ވެސް ހާސިލު ކުރަން ބޭނުންވާ ކަންކަމުގެ އިސްކަންދޭ ލިސްޓެއް އޮވެ އެވެ. އޭގެ ތެރޭގައި އަމިއްލަ ގެދޮރެއް ހޯދުމާއި ރަނގަޅަށް ކިޔަވައިގެން ޑިގްރީއެއް ހާސިލުކުރުމަކީ އެންމެ ބޮޑަށް އިސްކަންދޭ ކަންތަކެވެ.
"ނަމަވެސް އޮކްޓޫބަރު 7ގެ ފަހުން، އިސްކަންދޭ ތަރުތީބު މިހާރު ވަރަށް ބޮޑަށް ބަދަލުވެއްޖެ. މިހާރު އެންމެންގެ ދޫތަކުން އިވެނީ، އަޅުވެތިކަމާ ދެކޮޅަށް ޖިހާދުކޮށް މާދަރީ ބިމުގެ ފުރިހަމަ މިނިވަންކަން ހޯދުމުގެ އަޑު. އެ ޖިހާދު ކުރެވެން އޮތީ އަސްކަރީ ކުރިމަތިލުމަކުން ކަމަށް ވިޔަސް ނުވަތަ ސުލްހަވެރި ގޮތުގައި ކަމަށް ވިޔަސް އެމީހުންނަށް ފަރުވާލެއް ނެތް،" އަމްޖަދު ބޫޝަކަރް ވިދާޅުވި އެވެ.
ހުޅަނގު އައްސޭރީގައި ހަމާސްގެ ހަނގުރާމަވެރިންނާ މެދު ތާއީދު އިތުރުވާން މި ފެށީ، ފަލަސްތީނު ސަރުކާރުގެ ފުލުހުންގެ ނުރައްކާ ވެސް ހަމާސްގެ މެމްބަރުންނަށް ކުރިމަތިވެފައިވާތާ އަހަރުތަކެއް ފަހުންނެވެ. ފަލަސްތީނުގެ ދާޚިލީ ހަމަނުޖެހުމަށް ފަހު 2007 ވަނަ އަހަރު ހަމާސް އިން ޣައްޒާގެ ކޮންޓްރޯލް އަތުލުމާ އެކު، ހުޅަނގު އައްސޭރީގައި އުޅޭ ހަމާސްގެ މެމްބަރުންނަކީ ފަލަސްތީނު ސަރުކާރުގެ އަމާޒަކަށް ހެދި އެވެ.
ނަމަވެސް މިއަދު މަންޒަރު ފެންނަނީ މުޅިން ތަފާތު ގޮތަކަށް ކަމަށް އަމްޖަދު ބޫޝަކަރް ވިދާޅުވި އެވެ؛ "އެމީހުންނަކީ އެއް ބަޔަކު އަނެއް ބަޔަކަށް ބޭނުންޖެހޭ ބައެއް ކަމަށް، ހަމާސް އާއި ފަތަހް ޖަމާއަތް ވެސް ވަރަށް ބޮޑަށް ގަބޫލުކުރޭ. މިހާރު އަހަރެމެންނަށް ފެންނަނީ އެ ދެ ޖަމާއަތް ވެސް ވަރަށް ބޮޑަށް ގުޅިގެން މަސައްކަތް ކުރާ މަންޒަރު."
"ފަލަސްތީނު ސަރުކާރަށް ވެސް މިހާރު ގަބޫލު ކުރެވޭ ހަމާސްގެ މެމްބަރުންނަށް ހަމަލާ ދީގެން ހަމާސް ނައްތައިނުލެވޭނެކަން. ސަބަބަކީ ހަމާސް އަކީ ފަލަސްތީނު ރައްޔިތުންގެ ތެރެއިން އުފެދިފައިވާ ފިކުރަކަށް ކިޔާ ނަމެއް. ހަމަ އެ ގޮތަށް ހަމާސް އަށް ވެސް ގަބޫލު ކުރެވޭ، ފަތަހް ޖަމާއަތުގެ ފުރިހަމަ އެއްބާރުލުން ލިބިގެން ނޫނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ނުކުރެވޭނެ ކަން،" އަމްޖަދު ބޫޝަކަރް ވިދާޅުވި އެވެ.
އެކަމުގެ ހަގީގަތަކީ، ފަލަސްތީނު ސަރުކާރުގެ ބައެއް ވެރިން ވެސް، ހަމާސް ޖަމާއަތުގެ ބުރަދަން ވަޒަން ކޮށް ފާޅުގައި ވާހަކަ ދައްކަވަން ފައްޓަވާފައިވުމެވެ. ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު ޝަތިއްޔާ މި މަހުގެ ކުރީކޮޅު ބްލޫމްބާގް ވެބްސައިޓަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި މިހާރު ހިނގަމުންދާ ހަނގުރާމަ އަށް ފަހު ޣައްޒާގައި ފަލަސްތީނުގެ ވެރިކަމެއް ގާއިމުކުރާ ނަމަ، އެ ވެރިކަން ވާނީ ހަމާސް ވެސް ބައިވެރިވާ ގައުމީ އެއްބައިވަންތަކަމުގެ ވެރިކަމަކަށެވެ.
ނަމަވެސް އިޒްރޭލުން ފާޅުގައި ބުނަމުން އެ އަންނަނީ، ހަނގުރާމަ އަށް ފަހުގައި ޣައްޒާގައި އޮންނަ ވެރިކަމެއްގައި ފަތަހް ޖަމާއަތް ވިޔަސް އަދި ހަމާސް ޖަމާއަތް ވިޔަސް ބައިވެރި ނުކުރާނެ ކަމަށެވެ. އަދި ޣައްޒާގެ ކަންތައް ބެލެހެއްޓުން އިޒްރޭލު ނޫން ބައެއްގެ އަތްމައްޗަށް ދޫނުކުރާނެ ކަމަށް ވެސް އިޒްރޭލުން ބުނެ އެވެ.
ފަލަސްތީނުގެ އަމިއްލަ ޖަމާއަތެއް ކަމަށްވާ، ޕަލެސްޓައިން ސެންޓަ ފޮ ޕޮލިސީ އެންޑް ސާވޭ ރިސާޗް (ޕީއެސްއާރް)ގެ ފަރާތުން ނޮވެމްބަރު 22 އާއި ޑިސެމްބަރު 2 އާ ދެމެދު ކުރި ދިރާސާއަކާ ހަވާލާދީ ބީބީސީގައި ބުނެފައިވާ ގޮތުން، ހުޅަނގު އައްސޭރީގައި ހަމާސްގެ ތާއީދު އޮތް މިންވަރު މިހާރު ތިން ގުނަ އިތުރުވެއްޖެ އެވެ.
މި ސާވޭގައި ބައިވެރިވި މީހުންގެ 70 އިންސައްތަ މީހުން ދެކޭ ގޮތުގައި އިޒްރޭލުގެ އަޅުވެތިކަން ނިމުމަކަށް ގެނައުމަށް އޮތް އެންމެ ރަނގަޅު މަގަކީ ހަތިޔާރުގެ ކުރިމަތިލުމެވެ. އަދި އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލާ ދެކޮޅަށް ވަރުގަދަ ކުއްލި ހަމަލާއެއް ދޭން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ސާވޭގެ 72 އިންސައްތަ އަށް ވުރެ ގިނަ މީހުން ގަބޫލުކުރެ އެވެ.
އެއާ އެކު މި ސާވޭ އިން ފާހަގަވި ގޮތުގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ތާއީދު ދަނީ ފަނޑުވަމުންނެވެ. މި ސާވޭގެ ބައިވެރިންގެ 90 އިންސައްތަ އަށް ވުރެ ގިނަ މީހުން ބުނީ ރައީސް މަހްމޫދު އައްބާސް އިސްތިއުފާ ދެއްވަންވެއްޖެ ކަމަށެވެ.
ފަލަސްތީނުގެ އާންމު ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމުގައި ވެސް ފަލަސްތީނު ސަރުކާރު ފެއިލްވެފައިވާ އިރު، އިޒްރޭލުގެ އަނިޔާވެރިކަމުން ރައްކާތެރިކަން ހޯދައިދިނުމުގައި ވެސް ފަލަސްތީނު ސަރުކާރުން ކުރާ ކަމެއް ނެތް ކަމަށް ސާވޭގެ ބައިވެރިން ދެކެ އެވެ. އޭގެ އިތުރުން ރައީސް މަހްމޫދު އައްބާސްގެ ސަރުކާރުގައި ޚިޔާނަތާއި ފަސާދައިގެ އަމަލުތައް ގިނަ ކަމަށް ވެސް ދެކެ އެވެ.
އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް މިހާރު ކުރަމުން ދާ ހަނގުރާމަ ފެށީ، އޮކްޓޫބަރު 7، 2023 ގައި ހަމާސް ޖަމާއަތުން އިޒްރޭލުގެ ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކުގައި 1147 މީހުން މަރާލައި 240 އަށް ވުރެ ގިނަ މީހުން ރަހީނުކުރުމާ ވިދިގެން ބަދަލު ހިފުމުގެ ގޮތުންނެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމަ އަށް މިއަދަށް 69 ދުވަސް ވީއިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 18700 އަށް ވުރެ މަތިވެފަ އެވެ. އޭގެ ތެރެއިން ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
އަދި ޒަޚަމްވި މީހުންގެ އަދަދު 50600 އަށް ވުރެ މަތިވެފައިވާ އިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެ ނުވަތަ ހަމަލާތަކުގައި ހަށިގަނޑު ކުދިކުދިވުމުގެ ސަބަބުން، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 9000 އަށް ވުރެ މަތިވެފަ އެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލުގެ ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކުގައި ރަހީނުކުރި 240 އަށް ވުރެ ގިނަ މީހުންގެ ތެރޭގައި ހިމެނޭ އިޒްރޭލު ސިފައިންނާއި ސިފައިންގެ ތެރޭގައި ޚިދުމަތް ކުރުމަށް ފަހު ރިޒާވް ލަޝްކަރާ ގުޅިފައިވާ 137 މީހުން އަދިވެސް ތިބީ ހަމާސްގެ ބެލުމުގެ ދަށުގަ އެވެ.
ފަލަސްތީނުގެ ރައީސަށް 24 ގަޑިއިރުގެ މުހުލަތެއް
އިޒްރޭލުން ފަލަސްތީނުގެ 4،000 މީހުން ހައްޔަރުކޮށްފި
އިޒްރޭލުގެ ރަހީނުންނާ ސިންވާރު ބައްދަލުކުރެއްވި
ހުޅަނގު އައްސޭރީގައި ޔަހޫދީ އުދުވާން ފުޅާކުރަނީ
ހަތަރު ދުވަހަށް ހަމަލާތައް މެދުކަނޑާލައިފި
އިޒްރޭލު ނުރުހުނަސް، ގާޒާގައި އޮންނާނީ ހަމާސްގެ ބާރު
މުޅި ދުނިޔެއަށް ވުރެ ގާޒާގައި މަރާލި ކުދިން ގިނަ
20 އަހަރަށް ފަހު ހުޅަނގު އައްސޭރިއަށް ބޮން އަޅައިފި
ގާޒާގެ މުޖާހިދުންގެ ހިތްވަރަށް ބަދަލެއް ނާދޭ: އިޒްރޭލް
ގާޒާގެ ބިންގަރާސްތަކަށް އިޒްރޭލުން ލޮނު އަޅަނީ