Roadha Mihaaru
އަސީރަކު މިނިވަންކުރި ވާހަކަ އަތަށް ގޮވައިފި

އަސީރަކު މިނިވަންކުރި ވާހަކަ އަތަށް ގޮވައިފި

31 އޮކްޓޯބަރ 2023

މި މަހުގެ 7 ވަނަ ދުވަހު ހަމާސްގެ ހަނގުރާމަވެރިން ޣައްޒާގެ ރަށްބޭރުގައިވާ ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ކުއްލި ހަމަލާގައި އަސީރު ކުރި އިޒްރޭލު ސިފައިންގެ އަންހެނަކު މިނިވަންކުރެވިއްޖެ ކަމަށް، އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނުމުން، އެއީ ދޮގެއް ކަމަށް އިޒްރޭލުގެ ނޫސަތަކުން ބުނެފި އެވެ.

މި މަހުގެ 7 ވަނަ ދުވަހު ހަމާސްގެ ހަނގުރާމަވެރިން ޣައްޒާގެ ރަށްބޭރުގައިވާ ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ކުއްލި ހަމަލާގައި އަސީރު ކުރި އިޒްރޭލު ސިފައިންގެ އަންހެނަކު މިނިވަންކުރެވިއްޖެ ކަމަށް، އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނުމުން، އެއީ ދޮގެއް ކަމަށް އިޒްރޭލުގެ ނޫސަތަކުން ބުނެފި އެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި އެއްގަމު ލަޝްކަރުގެ ސިފައިން ޣައްޒާ އަށް އަރައި އިއްޔެ ހިންގި އަސްކަރީ ހަރަކާތުގެ ތެރޭގައި މިނިވަންކޮށްފައިވަނީ، ހަމާސް އިން ރަހީނުކޮށްގެން ގެންގުޅުނު އޯރީ މެގެދިޝް ކިޔާ ސިފައިންގެ އަންހެނެކެވެ. އޭނާ މިނިވަންކުރީ، ޣައްޒާގައި ތިބި ހަމާސްގެ ހަނގުރާމަވެރިންނާއި އިޒްރޭލު ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުންތަކަށް ފަހުގައި ކަމަށް ވެސް އިޒްރޭލު ސިފައިން ބުންޏެވެ.

ޣައްޒާ އަށް އިޒްރޭލުގެ އެއްގަމު ލަޝްކަރު އެރީ މިދިޔަ ހުކުރު ދުވަހު އެވެ. ނަމަވެސް އެ ބުނާ ސިފައިންގެ އަންހެން މީހާ މިނިވަންކުރީ ކޮން ދުވަހަކު ކަމެއް އިޒްރޭލުގެ އަސްކަރިއްޔާ އިން ނުބުނެ އެވެ. އޭނާއާ ބެހޭ މާ ގިނަ ތަފްސީލުތަކެއް ނުދީ އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ބުނި ގޮތުގައި އެ އަންހެން މީހާ މިހާރު ވަނީ ސިއްހީ ގޮތުން ބަލަންޖެހޭ ބެލުންތަކަށް ފަހު އާއިލާއާ ބައްދަލުކުރަން ފޮނުވައިފަ އެވެ.

ނަމަވެސް އިޒްރޭލުގެ ނޫސްތަކުން ބުނި ގޮތުގައި އިޒްރޭލުގެ އެއްގަމު ސިފައިންގެ މަސައްކަތުން މިނިވަންކުރި ކަމަށް ބުނާ ސިފައިންގެ މީހަކީ، ހަމާސް އިން އަސީރުކޮށްގެން ގެންގޮސްފައިވާ މީހުން ކަމަށް ބުނެ އިޒްރޭލު ސަރުކާރުން އާންމުކުރި ލިސްޓުގައި ކުރިން އޮތް މީހެއް ނޫނެވެ. އޭނާގެ ނަން އެ ލިސްޓުގައި ހިމެނީ، އޭނާ މިނިވަންކުރި ކަމަށް އިޒްރޭލު ސަރުކާރުން ބުނި ފަހުންނެވެ.

ހަމާސް އިން އަސީރުކުރި އިޒްރޭލު ސިފައިންގެ އަންހެނަކު މިނިވަންކުރި ޚަބަރު އިޒްރޭލު ސަރުކާރުން ފެތުރީ، ހަމާސް އިން އަސީރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ތިން އަންހެނެއްގެ ވީޑިއޯ މެސެޖުތަކެއް ހަމާސް އިން އިއްޔެ އާންމުކުރި ފަހުންނެވެ. އެ ވީޑިއީގައި ވާހަކަ ދެއްކި އަންހެނަކު، އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫގެ ކިބައިން އެދުނީ، ފަލަސްތީނުގެ އަސީރުން މިނިވަންކޮށް، ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލުގެ މީހުން މިނިވަން ކޮށްދިނުމަށެވެ.

ހަމާސްގެ އަސްކަރީ ގޮފި، އިއްޒުއްދީން އަލް ގައްސާމް ބްރިގޭޑް (ގައްސާމް ބްރިގޭޑް) އިން އިއްޔެ އާންމުކުރި ވީޑިއޯގައި ދައްކަނީ އެލީނާ ޓްރުޕަނޯވް ކިޔާ އަންހެނަކާއި ޑެނިއަލް އެލޯނީ ކިޔާ އަންހެނަކާއި ރިމޯން ކިރުޝްތު ކިޔާ އަންހެނެކެވެ.

އޭގެ ތެރެއިން ވީޑިއޯގައި ވާހަކަ ދެއްކީ ޑެނިއަލް އެލޯނީ އެކަންޏެވެ. އޭނާ ބުނި ގޮތުގައި ހަމާސްގެ ހަނގުރާމަވެރިން ޔަހޫދީ އާބާދީތަކަށް އަރައިގަތް އިރު، އެމީހުންގެ ހިމާޔަތުގައި މަސައްކަތް ކުރާނެ ސިފައިންގެ މީހަކު ވެސް އަދި ފުލުހަކު ވެސް އެ ސަރަހައްދަކު ނެތެވެ.

އޭނާ ބުނި ގޮތުގައި އޮކްޓޫބަރު 7ގެ ހާދިސާ ހިނގަން މެދުވެރިވީ އިޒްރޭލުން ހެދި ގޯސްތަކެއްގެ ސަބަބުންނެވެ. އަދި މިހާރު އިޒްރޭލު ސިފައިން ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ފުރާނަ އަށް ނުރައްކާ ވަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަރެމެން މިނިވަންކޮށްދީ. (އިޒްރޭލުގެ ޖަލުތަކުގައި ތިބި) އެމީހުންގެ އަސީރުން މިނިވަންކޮށްދީގެން އަހަރެމެން މިކަމުން ސަލާމަތް ކޮށްދީ. އަހަރެމެން އަހަރެމެންގެ އާއިލާތަކަށް އެނބުރި ގެންގޮސްދީ،" ޑެނިއަލް އެލޯނީ ބުންޏެވެ.

އިޒްރޭލުގެ މީޑިއާތަކުން ބުނާ ގޮތުގައި އިޒްރޭލުގެ އަންހެން ސިފައިންގެ މީހަކު މިނިވަންކުރި ކަމަށް އިޒްރޭލު ސަރުކާރުން ބުނަން ފެށީ، ހަމާސް އިން އާންމުކުރި ވީޑިއޯގެ ސަބަބުން ސަރުކާރަށް ކުރިމަތިވާން ފެށި ފިއްތުންތަކުން ރެކުމުގެ ބޭނުމުގަ އެވެ. އެ ވާހަކަ ފެތުރީ، ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލުގެ ރައްޔިތުން މިނިވަންކުރުމަށް ކުރާ މަސައްކަތުން ނަތީޖާ ހާސިލުކުރެވޭ ކަން ދެއްކުމުގެ ގޮތުން ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.

ރަހީނަކު ސަލާމަތްކުރި ކަމަށް ބުނި ނަމަވެސް، އޭނާ ސަލާމަތްކުރި ގޮތަކާއި ސަލާމަތްކުރި ދުވަހަކާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނަން ސަރުކާރުން ދެކޮޅު ހަދާތީ، އެއީ ތެދު ޚަބަރެއް ކަމަށް މީހުން ގަބޫލެއްނުކުރެ އެވެ. އޭގެ އިތުރުން އެ އަންހެން މީހާ ސަލާމަތްކުރި އިރު، އިތުރު އެހެން އަސީރަކު ފެނުނު ކަމެއް ނުވަތަ ނުފެންނަ ކަމެއް ވެސް އިޒްރޭލު ސަރުކާރުން ނުބުނާތީ، މީޑިއާތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

އިޒްރޭލުން ގާޒާ އަށް ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި މިމަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތަކުގައި 25 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 8300 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 21040 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 3450 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2130 އަށް ވުރެ ގިނަ އަންހެނުންނާއި 460 އަށް ވުރެ ގިނަ މުސްކުޅިން ހިމެނެ އެވެ.

އޭގެ އިތުރުން ޣައްޒާގެ ހަނގުރާމައާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން އަޑުއުފުލަން ފެށުމާ ގުޅިގެން ހުޅަނގު އައްސޭރިއަށް އިޒްރޭލު ސިފައިން ވަދެގަނެ ހިންގަމުން ދާ އުދުވާނީ އަމަލުތަކަށް ތިން ހަފުތާ ވެގެން ދިޔައިރު، ޝަހީދުވި މީހުންގެ އަދަދު 125 އަށް އަރައިފި އެވެ. އަދި އިތުރު 2100 އަށް ވުރެ ގިނަ މީހުން ވަނީ، ހުޅަނގު އައްސޭރިން ޒަޚަމްވެފަ އެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1500 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 5130 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 315 މީހަކާއި ފުލުހުންގެ 58 މީހުން ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 239 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.