Roadha Mihaaru
ފަލަސްތީނުގެ އަސީރުން މެރުމުގެ ގާނޫނެއް ހަދަނީ

ފަލަސްތީނުގެ އަސީރުން މެރުމުގެ ގާނޫނެއް ހަދަނީ

21 ނޮވެމްބަރ 2023

އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ގައިދީންނަށް މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ގާނޫނެއްގެ ދެލިކޮޕީއާ މެދު އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީގައި އިއްޔެ ބަހުސް ކުރަން ފަށައިފި އެވެ.

އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ގައިދީންނަށް މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ގާނޫނެއްގެ ދެލިކޮޕީއާ މެދު އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީގައި އިއްޔެ ބަހުސް ކުރަން ފަށައިފި އެވެ.

އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި ބަހުސްކުރަމުން އަންނަ މި ބިލަކީ، އިޒްރޭލުގެ ކެބިނެޓްގައި ހިމެނޭ ހައްދުފަހަނައެޅި ދީނީ ލީޑަރެއް ކަމަށްވާ، އީތަމާރް ބިން ޣަފީރު ހުށައެޅި ބިލެކެވެ. އިޒްރޭލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރުގެ މަގާމުގައި ހުރި އީތަމާރު ބުނި ގޮތުގައި މިހާރުގެ ހާލަތަށް ބަލާއިރު މިފަދަ ބިލެއްގެ މުހިންމުކަން މިހާރު ވަނީ ވަރަށް ބޮޑުވެފަ އެވެ.

އޭނާ ބުނި ގޮތުގައި އިޒްރޭލަށް ކުރިމަތިވާ ނުރައްކާތައް ކުޑަކުރެވޭނީ، އިޒްރޭލާ ދެކޮޅަށް ޓެރަރިސްޓު ހަމަލާތައް ދޭ ފަލަސްތީނުގެ ރައްޔިތުންނަށް މަރުގެ ހުކުމް ތަންފީޒުކޮށްގެންނެވެ. މީގެ ކުރިން ވެސް މިފަދަ ގާނޫނެއް ހެދުމަށް ގޮވާލާފައިވާ އީތަމާރު، މިދިޔަ ޖެނުއަރީ މަހު ބުނެފައިވަނީ އިޒްރޭލާ ދެކޮޅަށް ޓެރަރިސްޓު އަމަލެއް ހިންގައިފި މީހެއްގެ އަދަބަކީ ކަރަންޓު ގޮނޑި ކަމަށެވެ.

އޭނާ އެ އިޝާރާތްކުރި ކަރަންޓު ގޮނޑިއަކީ ކަރަންޓުގައި ޖައްސައިގެން މެރުމަށް ކުށްވެރިން ބައިންދާފައި އިންނަ ގޮނޑި އެވެ.

ފަލަސްތީނުގެ އަސީރުންނަށް މަރުގެ އަދަބު ދިނުމަށް ގޮވައިލުމާ ގުޅިގެން، އިޒްރޭލުގެ ތެރޭގައި ވަނީ އެ ކަމާ ދެކޮޅު އަޑުތައް ގަދަވެފަ އެވެ. މިހާރު ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ އަސީރުންގެ އާއިލާތަކުން ބުނި ގޮތުގައި އެފަދަ ގާނޫނެއް ފާސްކުރަން އުޅުމަކީ، އިޒްރޭލުގެ އަސީރުންގެ ފުރާނަ އަށް އިތުރު ނުރައްކާތައް ކުރިމަތިވާނެ ކަމެކެވެ.

"ތި ބުނާ ބިލުގެ މަސައްކަތް ފަށައިފިއްޔާ ދެން ފެންނާނީ، އަހަރެމެންގެ ލޯބިވާ މީހުން (އަސީރުން)ގެ މަރާލާފައިވާ ހަށިގަނޑުގެ ފޮޓޯއެއް އެކަނި. އެކަމުގެ ހުރިހާ ބަދުނާމެއް އެޅޭނީ ހަމާސްއަކު ނޫން، އިޒްރޭލުގެ ބޮލުގައި،" އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގެ ޕެނަލެއްގައި އިއްޔެ ވާހަކަ ދައްކަމުން، އަސީރުންގެ އާއިލާގެ މީހަކު ބުންޏެވެ.

"އަރަބިން މެރުމުގެ ވާހަކަ ދެއްކުން ހުއްޓާލަ ބަލަ. ހަމާސް އިން ރަހީނުކޮށްފައި ތިބި ޔަހޫދީން ސަލާމަތް ކުރުމުގެ ވާހަކަ ނިކަން ދައްކަބަލަ،" އަސީރުންގެ އާއިލާތަކުގެ އެހެން މެމްބަރަކު، އީތަމާރް އަށް އިޝާރާތްކޮށް ބުންޏެވެ.

އިޒްރޭލު ސަރުކާރުގައި ހިމެނޭ ދީނީ ހަރުކަށި ޕާޓީތަކުގެ ވަޒީރުން މިހާރު މަސައްކަތް ކުރަނީ، އޮކްޓޫބަރު 7 ވަނަ ދުވަހު އިޒްރޭލަށް ހަމަލާ ދިނުމުގައި ބައިވެރިވި ހަމާސްގެ ހަނގުރާމަވެރިންގެ ތެރެއިން އަތުލައިގަނެވިފައިވަނީ ހަނގުރާމަވެރިންނަށް މަރުގެ އަދަބު ދިނުމަށެވެ. ނަމަވެސް، ހަމާސް އިން އެ ދުވަހު އަސީރު ކުރި އިޒްރޭލުގެ 240 އަށް ވުރެ ގިނަ މީހުންގެ ތެރެއިން މަދު މީހަކު ފިޔަވައި އެހެން އެންމެން އަދިވެސް ތިބީ ހަމާސްގެ ބެލުމުގެ ދަށުގަ އެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ދެމުންދާ ހަމަލާތަކަށް 45 ދުވަސް ވެގެން ދިޔައިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު މިހާތަނަށް 13300 އަށް ވުރެ މަތިވެއްޖެ އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 6000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 3500 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޒަޚަމްވެފައިވާ މީހުންގެ އަދަދު 31000 އަށް ވުރެ މަތިވެފައިވާ އިރު، އޭގެ 75 އިންސައްތައަށް ވުރެ މަތީ ނިސްބަތެއް ހިއްސާ ކުރަނީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި އިޒްރޭލުގެ ހަމަލާތަކުގައި ގެއްލިފައިވާ މީހުންގެ އަދަދު 6000 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ކަމަށް ބެލެވެ އެވެ.