Roadha Mihaaru
ގާޒާ އަށް އަރައިގަންނަން އިޒްރޭލު ސިފައިން ތައްޔާރު

ގާޒާ އަށް އަރައިގަންނަން އިޒްރޭލު ސިފައިން ތައްޔާރު

19 އޮކްޓޯބަރ 2023

ގާޒާ (އޮކްޓޯބަރު 19) - އެއްގަމު މަގުން ގާޒާ އަށް އެރުމަށް އިޒްރޭލު ސިފައިން ތައްޔާރުވާން ފަށައިފި ކަމަށް، އިޒްރޭލުގެ ރަސްމީ ނޫސް އޭޖެންސީން މިއަދު ބުނެފި އެވެ.

ގާޒާ (އޮކްޓޯބަރު 19) - އެއްގަމު މަގުން ގާޒާ އަށް އެރުމަށް އިޒްރޭލު ސިފައިން ތައްޔާރުވާން ފަށައިފި ކަމަށް، އިޒްރޭލުގެ ރަސްމީ ނޫސް އޭޖެންސީން މިއަދު ބުނެފި އެވެ.

ގާޒާ އަށް އިޒްރޭލުން ދެމުންދާ އުދުވާނީ ހަމަލާތަކަށް ހިތްވަރު ދެއްވުމަށް އިއްޔެ އިޒްރޭލަށް ކުރެއްވި އެއް ދުވަހުގެ ޒިޔާރަތަށް ފަހު، އެމެރިކާގެ ރައީސް ޖޯ ބައިޑެން ފުރާވަޑައިގަތުމާއެކު، ގާޒާގެ ރަށްބޭރުގައި އޮތް އިޒްރޭލުގެ އެއްގަމު ލަޝްކަރުގެ ހަރަކާތްތައް ވަނީ އިތުރުވެފަ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫގެ އޮފީހުން ބުނި ގޮތުގައި ގާޒާގެ އުތުރު ކޮޅުން އިޒްރޭލު ސިފައިން ވަންނަން ތައްޔާރުވަމުން ދާއިރު، އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ސަލާމަތީ މައްސަލަތަކާ މެދު، ހަނގުރާމައިގެ ކެބިނެޓާ އެކު ނަތަންޔާ އިއްޔެ މަޝްވަރާ ކުރެއްވި އެވެ. ކެބިނެޓް ބައްދަލުވުމުގައި އިޒްރޭލުގެ ދިފާއީ ވަޒީރު ޔޮއާވް ގަލާންޓް ވިދާޅުވީ އިޒްރޭލުގެ އުތުރުން ކުރިމަތިވަމުން ދާ ނުރައްކާތަކަށް ވެސް މިވަގުތު އިތުރު ސަމާލުކަމެއް ދޭންޖެހިފައިވާ ކަމަށެވެ.

އިޒްރޭލުގެ އުތުރުން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވަމުން ދަނީ ލެބަނާންގައި އޮންނަ ހިޒްބުﷲ ޖަމާއަތުގެ ފަރާތުންނެވެ. ދިފާއީ ވަޒީރު ވިދާޅުވި ގޮތުގައި ލެބަނާންގެ ހިޒްބުﷲ ޖަމާއަތުގެ ނުރައްކާތެރިކަން ހަމާސްގެ ނުރައްކާތެރިކަމަށް ވުރެ 10 ގުނަ އިތުރެވެ.

ގާޒާ އަށް ވަދެގަންނަން އިޒްރޭލު ސިފައިން ތައްޔާރުވަމުންދާ މައްސަލައިގައި، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫއާ އެކުގައި މަޝްވަރާ ކުރެއްވި ކަމަށް، ރައީސް ބައިޑެން އިއްޔެ ވިދާޅުވި އެވެ. އިޒްރޭލަށް ކުރެއްވި ދަތުރު ނިންމަވާލައްވައި އެމެރިކާ އަށް ވަޑައިގަތުމުގެ މަގުމަތީގައި މަތިންދާބޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބައިޑެން ވިދާޅުވީ އެނޫން ގޮތަކަށް އެކަން ހައްލުކުރެވޭތޯ ބެލުމަށް ނަތަންޔާހޫ އަށް ދެންނެވި ކަމަށެވެ.

ނަމަވެސް އިޒްރޭލުގެ ޓީވީ ޗެނަލް 12 އިން ބުނި ގޮތުގައި އިޒްރޭލު ސިފައިން އެއްގަމު މަގުން ގާޒާއަށް ވަދެގަތުން ނޫން ގޮތެއް ނެތް ކަމަށް، ނަތަންޔާހޫ ވަނީ ރައީސް ބައިޑެން އަށް ދަންނަވައިފަ އެވެ. އަދި މިހާރު ފެށިފައިވާ ހަނގުރާމައިގައި އިޒްރޭލަށް ކާމިޔާބު ނުލިބިއްޖެ ނަމަ، އިޒްރޭލުގެ ދެމިއޮތުމަށް ނުރައްކާވާނެ ކަމަށް ވެސް ބައިޑެން އަށް ދެންނެވި އެވެ.

ގާޒާ އަށް އަރައިގަތުމުގެ އެންމެ ފަހުގެ ތައްޔާރީތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް، ހަނގުރާމައާ ބެހޭ އަސްކަރީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ރޭ ބޭއްވި ކަމަށް އިޒްރޭލުގެ ރަސްމީ ނޫސް އޭޖެންސީން މިއަދު ބުންޏެވެ. އަދި އިޒްރޭލުގެ އެއްގަމު ލަޝްކަރު މިހާރު އޮތީ ގާޒާ އަށް އަރައިގަތުމަށްޓަކައި ފުރިހަމަ އަށް ތައްޔާރުވެފައި ކަމަށް ވެސް ނޫސް އޭޖެންސީން ބުންޏެވެ.

އިޒްރޭލުން މިހާރު ގާޒާ އަށް ދެމުންދާ ހަމަލާތައް ފެށީ، އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް މިމަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން، އަގްސާ ތޫފާންގެ ނަމުގައި ފެށި ހަނގުރާމަ އަށް ބަދަލު ހިފުމުގެ ގޮތުންނެވެ. ހަމާސްއާ ދެކޮޅަށް އިޒްރޭލުން މިފަހަރު ފެށި ހަނގުރާމައިގެ އަމާޒަކަށް ހަދާފައިވަނީ، ހަމާސް ނައްތައިލުމެވެ.

އިޒްރޭލުގެ މީޑިއާތަކުން ބުނާ ގޮތުގައި އެއްގަމު މަގުން ގާޒާ އަށް އަރައިގަތުމަށް އެދި، އިޒްރޭލުގެ އަސްކަރިއްޔާގެ ބައެއް އިސް ޖެނެރަލުންނާއި ސިޔާސީ ލީޑަރުން ވެސް ގެންދަނީ، ބޮޑުވަޒީރު ނަތަންޔާހޫ އަށް ބާރު އަޅަމުންނެވެ. އެމީހުން ދެކޭ ގޮތުގައި އެއްގަމު ލަޝްކަރު ގާޒާ އަށް އަރުވައިގެން ނޫނީ، ހަމާސް ނައްތައިލުމުގެ ލަނޑުދަނޑި ހާސިލެއް ނުވާނެ އެވެ.

އަގްސާ ތޫފާންގެ ނަމުގައި ހަމާސް އިން ފެށި ހަނގުރާމަ އަށް ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 3600 އަށް ވުރެ ގިނަ މީހުން ޝަހީދުވެ 12000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.

މިހާރު ކުރަމުންދާ ހަނގުރާމައިގައި އިޒްރޭލުން މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާއަކީ، ގާޒާގެ އުތުރުކޮޅުގައި ހުންނަ މަޢުމަދާނީ ހޮސްޕިޓަލް (އަލް އަހްލީ ހޮސްޕިޓަލް) އަށް، މި މަހުގެ 17 ވަނަ ދުވަހުގެ ރޭ އިރާކޮޅު ދިން ވަރުގަދަ މިސައިލް ހަމަލާ އެވެ. އެ ހަމަލާގައި 500 އާ ގާތްކުރާ އަދަދަކަށް ފަލަސްތީނު މީހުން ޝަހީދުވި އިރު، ޒަޚަމްވި މީހުންގެ ޖުމްލަ އަދަދެއް އަދިވެސް ސާފެއް ނުވެ އެވެ.

ހަމާސް އިން އިޒްރޭލަށް ދެމުންދާ ހަމަލާތަކުގައި މަރުވި އިޒްރޭލު ރައްޔިތުންގެ އަދަދު މިހާރު ވަނީ 1450 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރޭގައި އިޒްރޭލު ސިފައިންގެ 304 މީހަކު ވެސް ހިމެނޭއިރު، ޒަޚަމްވި އިޒްރޭލު މީހުންގެ އަދަދު ވަނީ 4400 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.