Roadha Mihaaru
ނަތަންޔާހޫ އެ އަޅަނީ އަލިފާނަށް އިތުރު ދަރު

ނަތަންޔާހޫ އަލިފާނަށް އެ އަޅަނީ އިތުރު 50 އަހަރުގެ ދަރު: ބެން ވެލޭސް

18 ޑިސެމްބަރ 2023

ފަލަސްތީނުގެ ހަމާސް ޖަމާއަތް ނައްތައިލުމުގެ ނަމުގައި އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ މިހާރު ކުރަމުން ދާ ހަނގުރާމައަކީ، އަނދަމުންދާ އަލިފާންގަނޑު އިތުރު 50 އަހަރަށް އެންދުމަށްޓަކައި ދަރު އެޅުން ކަމަށް، އިނގިރޭސި ވިލާތުގެ ކުރީގެ ދިފާއީ ވަޒީރު ބެން ވެލޭސް ސިފަ ކުރައްވައިފި އެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތް ނައްތައިލުމުގެ ނަމުގައި އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ މިހާރު ކުރަމުން ދާ ހަނގުރާމައަކީ، އަނދަމުންދާ އަލިފާންގަނޑު އިތުރު 50 އަހަރަށް އެންދުމަށްޓަކައި ދަރު އެޅުން ކަމަށް، އިނގިރޭސި ވިލާތުގެ ކުރީގެ ދިފާއީ ވަޒީރު ބެން ވެލޭސް ސިފަ ކުރައްވައިފި އެވެ.

އިނގިރޭސި ވިލާތުގެ ދަ ޑެއިލީ ޓެލެގްރާން ދުވަހު ނޫހަށް ދެއްވި އިންޓަވިއުއެއްގައި ބެން ވެލޭސް ވިދާޅުވި ގޮތުގައި ހަމާސް ނައްތައިލުމަށް ނަތަންޔާހޫ ބޭނުންކުރަމުންދާ އުކުޅުތަކުގެ ސަބަބުން، ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މުސްލިމް ޒުވާނުންގެ މެދުގައި ހަރުކަށިކަން އިތުރުވަމުން ދާނެ އެވެ. ހަމާސްއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައެއް ހުއްޓައިލުމަކީ، ހަމާސް އިން ބޭނުންވުމުން ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަން އެހެން އޮތަސް، އެއްވެސް ގޮތެއް ފޮތެއް ބެލުމެއް ނެތި އިޒްރޭލު ސިފައިން ޣައްޒާ އަށް ދެމުންދާ ހަމަލާތައް ހުއްޓައިލަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަމާސް ނައްތައިލަން މަސައްކަތް ކުރުމަކީ ހުއްދަ ކަމެއް. ނަމަވެސް ޣައްޒާގެ ބޮޑު ސަރަހައްދެއް ސުންނާފަތިކޮށް ނައްތައިލުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން. ހަމާސް ކުށްވެރިކުރުމުގައި އަހަރެން ފަހެއް ނުޖެހެން. އެކަމަކު އެމީހުން ފަލަސްތީނުގެ އާންމު ރައްޔިތުން ބޭނުންކުރަމުން އެދަނީ ބޮޑުބަޑި އަށް އަޅާ ބަޑިބޭހުގެ ގޮތުގައި،" ބެން ވެލޭސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަމާސްގެ ނުރައްކާތެރިކަން ކިތަންމެ ބޮޑު ނަމަވެސް، ހަމާސްގެ ފިކުރު ނައްތައިލުމުގައި އިޒްރޭލުން ބޭނުންކުރަމުންދާ އުކުޅުތަކުން އެދެވޭ ނަތީޖާއެއް ނުނެރެވޭނެ އެވެ. އޭގެ ބަދަލުގައި އެ އުކުޅުތަކުގެ ސަބަބުން ހަމާސްގެ ފިކުރު ދާނީ އިތުރަށް ފެތުރި ފުޅާވަމުން ކަމަށް ބެން ވެލޭސް ވިދާޅުވި އެވެ.

އުތުރު އަޔަލޭންޑްގައި 1980ގެ އަހަރުތަކުގައި އުފެދުނު ވަކިވެގަތުމުގެ ހަރަކާތްތަކަށް އިޝާރާތް ކުރައްވައި ބެން ވިދާޅުވީ ދައުލަތުގެ ފަރާތުން ކަމާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކުރަން ފެށުމަކީ، ޓެރަރިސްޓް ހަރަކާތްތައް ފެށިގެން ދާ އެންމެ މުހިންމު ވަސީލަތް ކަމަށެވެ. އަދި މިހާރު ޣައްޒާގައި އިޒްރޭލުން އެ ހިންގަމުންދާ އުދުވާނީ އަމަލުތަކުގެ ސަބަބުން، ޣައްޒާގެ ރައްޔިތުންނަށް އިހްސާސް ކުރެވޭނީ ނާމާންކަމާއި ބިރުވެރިކަން ކަމަށާއި އެ ބިރުވެރިކަން ދުވަހުން ދުވަހަށް ދާނީ އިތުރުވަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބެން ވެލޭސް ސިފަ ކުރެއްވި ގޮތުގައި އޮކްޓޫބަރު 7 ގައި ހަމާސް އިން ދިން ކުއްލި ހަމަލާ، ދުރާލައި ނުހުއްޓުވުމަކީ ނަތަންޔާހޫ އަށް މިއަދު ކުރިމަތިވާ އެންމެ ބޮޑު މަލާމާތެވެ. އަދި ތިމާއަކީ މާ ބާރު ގަދަ، މާ ބޮޑު ރައްކާތެރިކަމެއް ކަށަވަރުވެފައިވާ މީހެއް ކަމަށް އަމިއްލަ ނަފްސަށް ގަބޫލުކުރައްވައިގެން ހުންނެވުމަކީ ނަތަންޔާހޫ ހެއްދެވި ގޯހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ހުރިހާ ކަމެއް ނިމި، އިޒްރޭލު ސިފައިން ޣައްޒާ އިން ފައިބައިގެން ދާއިރު، ޣައްޒާގައި ސަލާމަތުން އޮންނަ ތަންކޮޅެއްގައި ހަމާސް ދެމިއޮންނާނެ. ކެނޑިގެން ދާނީ ދެ ދައުލަތުގެ ހައްލަށް ބޭނުންވެފައި ތިބި ފަލަސްތީނުގެ މެދުމިނުގެ އާންމު ރައްޔިތުންގެ އަޑު. އަދި ބައިނަލްއަގުވާމީ މުޖްތަމައުގައި އިޒްރޭލަށް އޮތް ހަމްދަރުދީ ވެސް ގެއްލި، ބައިނަލްއަގުވާމީ މުޖްތަމައުގައި އިޒްރޭލު މިހާރަށް ވުރެ ވެސް އެކަހެރި ވެގެންދާނެ."

ބެން ވެލޭސް ވިދާޅުވި ގޮތުގައި މައްސަލަ އަށް ހައްލެއް ހޯދަން އެދޭ ނަމަ، އިޒްރޭލުން މިހާރު އަމަލުކުރަމުންދާ ގޮތް ބަދަލުކުރަން ޖެހެ އެވެ. އެހެން ނޫން ނަމަ، މެދުއިރުމަތީގެ މައްސަލަ އިތުރަށް ގޯސްވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް މިހާރު ކުރަމުން ދާ ހަނގުރާމަ ފެށީ، އޮކްޓޫބަރު 7، 2023 ގައި ހަމާސް ޖަމާއަތުން އިޒްރޭލުގެ ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކުގައި 1147 މީހުން މަރާލައި 240 އަށް ވުރެ ގިނަ މީހުން ރަހީނުކުރުމާ ވިދިގެން ބަދަލު ހިފުމުގެ ގޮތުންނެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ 73 ވަނަ ދުވަހަށް ފެށިފައިވާ އިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 19000 އަށް އަރައިފަ އެވެ. އޭގެ ތެރެއިން ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

އަދި ޒަޚަމްވި މީހުންގެ އަދަދު 51000 އަށް ވުރެ މަތިވެފައިވާ އިރު، އޭގެ ތެރެއިންވެސް ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. ގެއްލިފައިވާ މީހުންގެ އަދަދު ވެސް 10 ހާހާ ގާތްކުރާނެ ކަމަށް ބެލެވެ އެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލުގެ ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކުގައި ރަހީނުކުރި 240 އަށް ވުރެ ގިނަ މީހުންގެ ތެރޭގައި ހިމެނޭ އިޒްރޭލު ސިފައިންނާއި ސިފައިންގެ ތެރޭގައި ޚިދުމަތް ކުރުމަށް ފަހު ރިޒާވް ލަޝްކަރާ ގުޅިފައިވާ 137 މީހުން އަދިވެސް ތިބީ ހަމާސްގެ ބެލުމުގެ ދަށުގަ އެވެ.