Roadha Mihaaru
އިޒްރޭލު މިހާރު އެކުރަނީ ދިފާއީ ހަނގުރާމައެއް ނޫން

އިޒްރޭލު މިހާރު އެކުރަނީ ދިފާއީ ހަނގުރާމައެއް ނޫން: ސީސީ

16 އޮކްޓޯބަރ 2023

ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް ގާޒާގައި އިޒްރޭލު ސިފައިން ކުރަމުންދާ ހަނގުރާމައަކީ، އަމިއްލަ ނަފްސުގެ ދިފާއުގައި އިޒްރޭލުން ދެމުންދާ ހަމަލާތަކެއް ކަމަށް ގަބޫލުކުރެވޭ ވަރަށް ވުރެ، އިޒްރޭލުގެ އަމަލުތައް ހައްދުފަހަނައަޅާފައިވާ ކަމަށް މިސްރުން އެމެރިކާ އަށް އިއްޔެ އަންގައިފި އެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް ގާޒާގައި އިޒްރޭލު ސިފައިން ކުރަމުންދާ ހަނގުރާމައަކީ، އަމިއްލަ ނަފްސުގެ ދިފާއުގައި އިޒްރޭލުން ދެމުންދާ ހަމަލާތަކެއް ކަމަށް ގަބޫލުކުރެވޭ ވަރަށް ވުރެ، އިޒްރޭލުގެ އަމަލުތައް ހައްދުފަހަނައަޅާފައިވާ ކަމަށް މިސްރުން އެމެރިކާ އަށް އިއްޔެ އަންގައިފި އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެންއާ އިއްޔެ ގާހިރާގައި ބޭއްވި ބައްދަލުކުރެއްވުމުގައި، މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ ވިދާޅުވީ އިޒްރޭލުގެ ހަމަލާތައް މިހާރު އެވަނީ އަމިއްލަ ދިފާއުގެ އިމުން ބޭރުވެ، ޖަމާއީ އުގޫބާތް ދިނުމަކަށް ބަދަލުވެފައި ކަމަށެވެ. އެހެންކަމުން ފަލަސްތީނުގެ މައްސަލަ އަށް އަވަސް ހައްލެއް ނުހޯދައި، މިފަދަ ޖަރީމާތައް ނުހުއްޓުވޭނެ ކަމަށް ވެސް، ސީސީ ވަނީ ބްލިންކެން އަށް ދަންނަވައިފަ އެވެ.

މިސްރުގެ ރިއާސީ ގަނޑުވަރާ ހަވާލާދީ މިސްރުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ގާޒާ އަށް މިހާރު ކުރިމަތިވެފައިވާ ނުރައްކާތެރި މައްސަލަ އަވަސް ގޮތަކުން ހައްލު ކުރެވޭތޯ މިސްރުން އަންނަނީ ކުރެވެން ހުރިހާ މަސައްކަތެއް ކުރަމުންނެވެ. އަދި މިހާރު އުފެދިފައިވާ ހަމަނުޖެހުމުގެ ތެރެއަށް އެހެން އެއްވެސް ބަޔަކު ވަނަނުދިނުމަށް ވެސް މިސްރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ސީސީ ވިދާޅުވި އެވެ.

ބްލިންކެންއާ ބައްދަލުކުރެއްވުމަށް ފަހު ރައީސް ސީސީ އިއްޔެ ވަނީ މިސްރުގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހާ އެކުގައި ވެސް، ގާޒާގެ މިހާރުގެ މަސްރަހާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. އެ ބައްދަލުމުގައި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ވަނީ، ގާޒާގެ މައްސަލައާ ބެހޭ ގޮތުން ނިންމުންތަކެއް ނިންމައިފަ އެވެ.

އެ ނިންމުންތަކުގެ ތެރޭގައި ހިމެނެނީ؛

އެ ނިންމުންތަކުގެ ތެރޭގައި ހިމެނެނީ؛

• ގާޒާގައި މިހާރު އުފެދިފައިވާ ހަމަނުޖެހުންގަނޑު މައިތިރި ކުރުމަށާއި، މަދަނީންނަށް ހަމަލާދިނުން ހުއްޓުމުގެ ގޮތުން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ބައިވެރިންނާ އެކުގައި މުވާސަލާތު ކުރުން

• ގާޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ހޯދުމުގެ ގޮތުން، އެހީދޭ ބައިނަލްއަގުވާމީ އަދި ސަރަހައްދީ ޖަމާއަތްތަކާ އެކުގައި މުވާސަލާތު ކުރުން

• ފަލަސްތީނުގެ މައްސަލަ އަށް ދެ ދައުލަތުގެ ހައްލު ފިޔަވައި އެހެން ހައްލެއް ނެތްކަން ކަށަވަރު ކުރުމާއި، އެންމެ ގައުމެއް ބޭނުންވާ ގޮތަށް އެކަނި ފަލަސްތީނުގެ މައްސަލަ ހައްލުކުރަން ދެކޮޅު ހެދުމަށާއި، ގާޒާގެ ރައްޔިތުން އެ ބިމުން ބޭރުކޮށް ފައްސައިލުމަށް ކުރާ މަސައްކަތަށް ދެކޮޅު ހެދުން.

• ސުލްހައިގެ ވާހަކަތައް އަލުން ފެށުމަށާއި، މައްސަލަ ހައްލުކުރުމުގައި އެހީތެރިވެދިނުމަށް މިސްރު ތައްޔާރަށް އޮތްކަން ހާމަކުރުން.

• މިސްރުގެ ގައުމީ ރައްކާތެރިކަމަކީ ރަތް ރޮނގެއް ކަމާއި އެ ރޮނގު ހިމާޔަތް ކުރުމުގައި މިސްރުން ކުޑަވެސް ފަރުވާ ކުޑަކުރުމެއް ނުގެންގުޅޭނެ ކަން ކަށަވަރުކުރުން

އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން މިހާރު މެދުއިރުމަތީގައި ޖައްސަވަމުން ގެންދަވާ ބުރުގައި އިއްޔެ ހެނދުނު ސައޫދީގެ ވެރިރަށް ރިޔާޒްގައި ސައޫދީ ވަލީ އަހުދާ އެކުގައި މަޝްވަރާ ކުރެއްވުމަށް ފަހު، އިއްޔެ މެންދުރު ފަހު ގާހިރާގައި ރައީސް ސީސީއާ މަޝްވަރާ ކުރެއްވި އެވެ. އަދި މިއަދުގެ ވަގުތެއްގައި އިޒްރޭލަށް އަލުން ވަޑައިގެން އިޒްރޭލުގެ ވެރިންނާ އެކުގައި ވެސް މަޝްވަރާ ކުރައްވާނެ އެވެ.

އިޒްރޭލުގެ ހަމަލާއެއްގައި ބިމާހަަވެފައިވާ ގެއެއްގައި ރޯވެފައި އޮތް އަލިފާންގަނޑެއް ނިއްވަނީ.-- ފޮޓޯ: އޭއެފްޕީ

އިޒްރޭލުގެ ހަމަލާއެއްގައި ބިމާހަަވެފައިވާ ގެއެއްގައި ރޯވެފައި އޮތް އަލިފާންގަނޑެއް ނިއްވަނީ.-- ފޮޓޯ: އޭއެފްޕީ

ހަމާސް ޖަމާއަތުން އިޒްރޭލާ ދެކޮޅަށް މިމަހުގެ 7 ވަނަ ދުވަހު ފަށާފައިވާ ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް، ފަލަސްތީނުގެ 2500 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 9500 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ. މަރުވި މީހުންގެ ތެރޭގައި 800 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ.

ހަމާސްގެ ހަމަލާތަކުގައި މަރުވި އިޒްރޭލު މީހުންގެ އަދަދު ވެސް މިހާރު ވަނީ 1400 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އޭގެ ތެރޭގައި 280 އަށް ވުރެ ގިނަ ސިފައިން ހިމެނެ އެވެ. އިޒްރޭލުން ޒަޚަމްވި މީހުންގެ އަދަދު ވެސް މިހާރު ވަނީ 3800 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.

މީގެ އިތުރުން، ހުޅަނގު އައްސޭރި އަށް ދެމުންދާ ހަމަލާތަކުގައި އެ ސަރަހައްދުން ވެސް ފަލަސްތީނުގެ 50 އަށް ވުރެ ގިނަ މީހުން ޝަހީދުވެ އިތުރު 1100 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. ހުޅަނގު އައްސޭރި އަށް އިޒްރޭލު ސިފައިން ވަދެގަނެ ހިންގަމުންދާ އަސްކަރީ ހަރަކާތްތަކުގައި ފަލަސްތީނުގެ އެތައް ޒުވާނުންނެއް ހައްޔަރުކޮށްގެން ގެންގޮސްފައިވެ އެވެ.

އދ. އިން އިއްޔެ ބުނި ގޮތުގައި ވައިގެ މަގުންނާއި އެއްގަމު މަގުން އަދި ކަނޑު މަގުން އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް، 1300 އަށް ވުރެ ގިނަ އިމާރާތް ވަނީ ބިމާ ހަމަވެފަ އެވެ.