Roadha Mihaaru
އެމެރިކާގެ އެންމެ ބޮޑު ނިއުކްލިއާ ސަބްމެރިން އިޒްރޭލަށް

އެމެރިކާގެ އެންމެ ބޮޑު ނިއުކްލިއާ ސަބްމެރިން އިޒްރޭލަށް

07 ނޮވެމްބަރ 2023

އެމެރިކާގެ ކަނޑުގެ ލަޝްކަރުގައި ހިމެނޭ، އެންމެ ބޮޑު ނިއުކްލިއާ ސަބްމެރިން ޔޫއެސްއެސް އޮހާޔޯ އިޒްރޭލުގެ ހިމާޔަތުގައި އިއްޔެ މެދުއިރުމައްޗަށް ހިނގައްޖެ އެވެ.

އެމެރިކާގެ ކަނޑުގެ ލަޝްކަރުގައި ހިމެނޭ، އެންމެ ބޮޑު ނިއުކްލިއާ ސަބްމެރިން ޔޫއެސްއެސް އޮހާޔޯ އިޒްރޭލުގެ ހިމާޔަތުގައި އިއްޔެ މެދުއިރުމައްޗަށް ހިނގައްޖެ އެވެ.

އެމެރިކާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި ނިއުކްލިއާ ހަކަތައިން ދުއްވާ އަދި ނިއުކްލިއާ ހަތިޔާރު އެކުލެވޭ މި ސަބްމެރިން މެދުއިރުމަތީގައި މަސައްކަތް ކުރާނީ، މިހާރު އެ ސަރަހައްދަށް ފޮނުވާފައި އޮތް ހަނގުރާމަމަތީ މަތިންދާބޯޓު އުފުލާ ދެ މަނަވަރާ އެކުގަ އެވެ. އޭގެ ތެރެއިން ފުރަތަމަ މަނަވަރު، ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް އޭގެ ލަޝްކަރުގައި ހިމެނޭ އެހެން މަނަވަރުތަކާ އެކު މެޑިޓެރޭނިއަން ކަނޑުގެ އިރުމަތީ ސަރަހައްދަށް ދިޔައީ ހުސްވި އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އެވެ.

ދެ ވަނަ މަނަވަރު، ޔޫއެސްއެސް ޑްވައިޓް ޑީ އެއިޒިންހަވާ އޭގެ ލަޝްކަރުގައި ހިމެނޭ އެހެން މަނަވަރުތަކާ އެކު މެޑިޓެރޭނިއަން ކަނޑުގެ ތެރެއިން ގޮސް މިސްރުގެ ސުވޭސް ކެނެލް ހުރަސް ކުރުމަށް ފަހު ރަތް ކަނޑަށް ނުކުތީ، މި މަހުގެ 4 ވަނަ ދުވަހު އެވެ. އިޒްރޭލަށް މަދަދުވެރިވުމަށް ފޮނުވި ނިއުކްލިއާ ސަބްމެރިން ވެސް އިއްޔެ ސުވޭސް ކެނެލް ހުރަސްކޮށް، މިހާރު އޮތީ ރަތްކަނޑުގެ ތެރޭގަ އެވެ.

މި ސަބްމެރިންގައި ގެންގުޅޭ ހަތިޔާރުތަކުގެ ތެރޭގައި ނިއުކްލިއާ ވޯހެޑާއި ދުރު އަދި މެދުރާސްތާގެ މިސައިލްތައް ހިމެނެ އެވެ. އޭގެ އިތުރުން ޓޮމަހޯކް މަރުކާގެ 154 މިސައިލް ވެސް މި ސަބްމެރިންގެ ހަތިޔާރު ގުދަނުގައިވެ އެވެ.

އޮހާޔޯ ސަބްމެރިންއަކީ، ނިއުކްލިއާ ހަކަތައިން ދުއްވާ އުޅަނދަކަށް ވުމުން، އޭގައި ތިބި މީހުންނަށް ބޭނުންވާ ކާބޯތަކެތި އެތެރެކުރުން ފިޔަވައި އެހެން ބޭނުމެއްގައި ކަނޑުން މައްޗަށް އަރަން ނުޖެހި، ކިތަންމެ ދުވަހަކު ވެސް ކަނޑު އަޑީގައި އޮތުމުގެ ގާބިލުކަން ލިބިގެންވެ އެވެ.

މި އުޅަނދުތައް މެދުއިރުމައްޗަށް މިފޮނުވީ، ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް އިޒްރޭލުން މިހާރު ކުރަމުންދާ ހަނގުރާމައިގެ ތެރެއަށް، އެހެން ބަޔަކު (އީރާން، ހިޒްބުﷲ، ހޫތީން ފަދަ..) ވަދެ، ހަނގުރާމަ އިތުރަށް ފުޅާވެދާނެ ކަމުގެ ބިރު އުފެދުމާ އެކު، އެފަރާތްތަކަށް އިންޒާރު ކުރުމުގެ ގޮތުންނެވެ. އަދި އެއްވެސް ބަޔަކު ހަނގުރާމައިގެ ތެރެއަށް ވަދެ، އިޒްރޭލަށް ނުރައްކަލެއް ކުރިމަތިކޮށްފި ނަމަ، އިޒްރޭލު ހިމާޔަތްކޮށް އެ ބަޔަކަށް ހަމަލާ ދިނުމުގެ ގޮތުންނެވެ.

ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.

އިޒްރޭލުން ޣައްޒާގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ 32 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 10165 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 26800 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 5000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2900 އަށް ވުރެ ގިނަ އަންހެނުން ހިމެނޭ އިރު، ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 2300 އަށް ވުރެ މަތިވެފަ އެވެ.

އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން ހަރަކާތްތެރިވާން ފެށުމުން، އިޒްރޭލު ސިފައިން ހުޅަނގު އައްސޭރި އަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 150 އަށް ވުރެ ގިނަ މީހުން ޝަހީދުވެ އިތުރު 2300 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި، އޮކްޓޫބަރު 7 ން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ޣައްޒާ އާއި ހުޅަނގު އައްސޭރިން ޝަހީދުވި މީހުންގެ 70 އިންސައްތައަށް ވުރެ ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

އޮކްޓޫބަރު 7ގައި ހަމާސްއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އިޒްރޭލު ސިފައިންގެ ތެރެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 347 އަށް އަރައިފަ އެވެ. އަދި އޮކްޓޫބަރު 27 ވަނަ ދުވަހު އެއްގަމު ސިފައިން ޣައްޒާ އަށް ވަދެގަތުމަށް ފަހު ކުރަމުންދާ ހަނގުރާމައިގައި، ހަމާސްގެ މުޖާހިދުންގެ ހަމަލާތަކުގައި މަރުވި އިޒްރޭލު ސިފައިންގެ އަދަދު ވަނީ 31 އަށް އަރައިފަ އެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1700 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 5500 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 347 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 239 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.