Roadha Mihaaru
އަހަރެމެން މިތިބީ ހަނގުރާމައިގެ ތެރޭގައި: ހިޒްބުﷲ

އަހަރެމެން މިތިބީ ހަނގުރާމައިގެ ތެރޭގައި: ހިޒްބުﷲ

22 އޮކްޓޯބަރ 2023

ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން މަސައްކަތް ކުރަނީ، އިޒްރޭލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު މިހާރު ފެށިފައިވާ ހަނގުރާމައިގެ ތެރެއަށް ވަންނަން ކަމަށް އިޒްރޭލުން ތުހުމަތުކުރުމާ އެކު، މިހާރު ވެސް މިތިބީ ހަނގުރާމައަށް ވަދެ ކަމަށް ހިޒްބުﷲ އިން ބުނެފި އެވެ.

ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން މަސައްކަތް ކުރަނީ، އިޒްރޭލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު މިހާރު ފެށިފައިވާ ހަނގުރާމައިގެ ތެރެއަށް ވަންނަން ކަމަށް އިޒްރޭލުން ތުހުމަތުކުރުމާ އެކު، މިހާރު ވެސް މިތިބީ ހަނގުރާމައަށް ވަދެ ކަމަށް ހިޒްބުﷲ އިން ބުނެފި އެވެ.

އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް އީރާންގެ މަދަދާ އެކު ހަނގުރާމަކުރާ ހިޒްބުﷲ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު ނައީމް ގާސިމް ވިދާޅުވީ ހަމާސް-އިޒްރޭލު ހަނގުރާމައިގެ ތެރެއަށް، އެޖަމާއަތް އިތުރަށް ވަންނަން ނުޖެހޭ ކަމަށެވެ. މިހާރު މިތިބީ ފިސާރި ރަނގަޅަށް ހަނގުރާމައިގެ ތެރެއަށް ވަދެ ކަމަށާއި، ފެނުނު ކޮންމެ ތަނަކުން އިޒްރޭލަށް ހަމަލާ ދިނުމަށް ހިޒްބުﷲ ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމާސް އާއި އިޒްރޭލާ ދެމެދު މި މަހުގެ 7 ވަނަ ދުވަހު ހަނގުރާމަ ފެށުމާ އެކު، ހިޒްބުﷲގެ ހަނގުރާމަވެރިން ވަނީ ލުބްނާންގެ ދެކުނު ސަރަހައްދުގެ ތެރެއިން އިޒްރޭލުގެ އުތުރު ސަރަހައްދަށް ހަމަލާ ދޭން ފަށައިފަ އެވެ. އެ ގޮތުން އިޒްރޭލުން ހިފާފައިވާ ލުބްނާންގެ ބިމެއް ކަމަށްވާ ޝިބްއާގެ ދަނޑުބިންތަކުގައި ތިބި އިޒްރޭލު ސިފައިންނަށް، ހިޒްބުﷲ އިން އަންނަނީ ހަމަލާތައް ދެމުންނެވެ.

އޭގެ ރައްދުގައި އިޒްރޭލުގެ އަސްކަރީ މަތިންދާބޯޓުތަކުން ދަނީ، ލުބްނާންގެ ދެކުނުގައި ހިޒްބުﷲގެ ހަނގުރާމަވެރިން ތިބޭ ސަރަހައްދުތަކަށް ވެސް ހަމަލާ ދެމުންނެވެ. އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނު އިއްޔެ ވިދާޅުވީ ހިޒްބުﷲ އިން ހަނގުރާމައިގެ ތެރެއަށް ވަންނަން މަސައްކަތް ކުރާ ކަމަށާއި، އެ ޖަމާއަތަށް ވަރުގަދަ ފިލާވަޅެއް އިޒްރޭލުން ދޭނެ ކަމަށެވެ.

ނައީމް ގާސިމް ވިދާޅުވީ އިޒްރޭލު ސިފައިން ގާޒާ އަށް ވަދެގެންފި ނަމަ، އަންދާޒާ ވެސް ނުކުރެވޭ ވަރުގެ ބޮޑު ނުރައްކަލަކާ އިޒްރޭލު ސިފައިން ކުރިމަތިލާންޖެހޭނެ ކަމަށެވެ.

ފަލަސްތީނަށް ތާއީދުކޮށް ހިޒްބުﷲ އިން ކުރިއަށް ގެންދިތަ އެއްވުމެއްގެ ތެރެއިން --- ފޮޓޯ: އޭއެފްޕީ

ފަލަސްތީނަށް ތާއީދުކޮށް ހިޒްބުﷲ އިން ކުރިއަށް ގެންދިތަ އެއްވުމެއްގެ ތެރެއިން --- ފޮޓޯ: އޭއެފްޕީ

"އަހަރެމެން މަސައްކަތް މި ކުރަނީ އިޒްރޭލުގެ އަސްކަރިއްޔާ ބަލިކަށި ކޮށްލަން. އަދި އަހަރެމެންގެ ވެސް އެބަތިބި ކަން އިޒްރޭލަށް އަންގައިދޭން. އިޒްރޭލު ސިފައިން ގާޒާ އަށް އަރައިގެންފިއްޔާ، މިހާރަށް ވުރެ ވެސް ފުރިހަމަ އަށް އަހަރެމެން ހަނގުރާމައިގައި ބައިވެރިވާނަން،" ނައީމް ގާސިމް ވިދާޅުވި އެވެ.

އިޒްރޭލު ސިފައިންނާއި ހިޒްބުﷲގެ ހަނގުރާމަވެރިންނާ ދެމެދު އިއްޔެ ހިނގި ކުރިމަތިލުންތަކުގައި އެޖަމާއަތުގެ ހަ މުޖާހިދަކު ޝަހީދުވި ކަމަށް އެ ޖަމާއަތުން ބުންޏެވެ. އިއްޔެގެ ކުރިމަތިލުންތަކުގައި އިޒްރޭލު ސިފައިން ހަމަލާތައް ދިނީ ޑްރޯން ބޭނުންކޮށްގެންނެވެ. އޭގެ ރައްދުގައި ހިޒްބުﷲ އިން ވަނީ ރޮކެޓާއި މިސައިލުން އިޒްރޭލަށް ހަމަލާތަކެއް ދީފަ އެވެ.

ނައީމް ގާސިމް ވިދާޅުވީ ހިޒްބުﷲ އިން އިޒްރޭލަށް ދެމުންދާ ހަމަލާތަކުގެ ނަތީޖާ މިހާރު ވެސް ފެންނަމުންދާ ކަމަށެވެ. އެ ގޮތުން އޭނާ ފާހަގަކުރެއްވި ގޮތުގައި ގާޒާ ހަނގުރާމައިގައި ބައިވެރިވާން ތައްޔާރުކުރި އިޒްރާލުގެ އެއްގަމު ލަޝްކަރުގެ ތިން ފައުޖެއް، ގާޒާ އަށް ފޮނުވުމުގެ ބަދަލުގައި އިޒްރޭލުގެ އުތުރުގައި، ހިޒްބުﷲއާ ކުރިމަތިލުމަށް ބާއްވަން ވަނީ މަޖުބޫރުވެފަ އެވެ.

ހިޒްބުﷲ ޖަމާއަތުގައި އެތައް ހާސް ރޮކެޓަކާއި މިސައިލްގެ އިތުރުން، މަތީ ފެންވަރުގެ އަސްކަރީ ޑްރޯންތައް ހުރުމާ އެކު، މިހާރު ދެ ފަރާތުގެ ދެމެދުގައި ބަދަލުކުރަމުންދާ ހަމަލާތައް، ވަރުގަދަ ހަނގުރާމައަކަށް ބަދަލުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.