Roadha Mihaaru
ގާޒާ ހަނގުރާމަ ފުޅާވެދާނެ، އީރާން ތައްޔާރު

ގާޒާ ހަނގުރާމަ ފުޅާވެދާނެ، އީރާން ފުރިހަމައަށް ތައްޔާރު

13 ނޮވެމްބަރ 2023

ފަލަސްތީނުގެ ހަމާސް ޖަމާއަތް ނައްތައިލުމުގެ ނަމުގައި، ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލު ސިފައިން ކުރަމުންދާ ހަނގުރާމަ، ފަލަސްތީނުން ބޭރުވެ މުޅި އެ ސަރަހައްދަށް ފެތުރިދާނެ ކަމަށް ބެލެވޭތީ، އީރާން އޮތީ އެކަމަށް ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތް ނައްތައިލުމުގެ ނަމުގައި، ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލު ސިފައިން ކުރަމުންދާ ހަނގުރާމަ، ފަލަސްތީނުން ބޭރުވެ މުޅި އެ ސަރަހައްދަށް ފެތުރިދާނެ ކަމަށް ބެލެވޭތީ، އީރާން އޮތީ އެކަމަށް ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ.

އީރާންގެ ޖައްވީ ލަޝްކަރުގެ ކޮމާންޑަރު، ބްރިގޭޑިއާ ޖެނެރަލް އަމީރު އަލީ ހާޖީޒާދާ މިއަދު ވިދާޅުވި ގޮތުގައި ޣައްޒާގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި އިޒްރޭލުގެ އެއްވެސް ކޮންޓްރޯލެއް ނެތެވެ. އެހެންކަމުން އެ ހަނގުރާމަ ފަލަސްތީނުން ބޭރުވެ ލުބްނާނާއި ސީރިޔާ އަށް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

އަދި އެ ހަނގުރާމަ ހިނގަނީ އީރާނާ މާ ދުރު ނޫން ސަރަހައްދެއްގައި ކަމަށްވާތީ، އީރާންގެ ހަތިޔާރު އެޅި ލަޝްކަރުތައް މިހާރު ވެސް އޮތީ ފުރިހަމަ ތައްޔާރީ ހާލަތުގައި ކަމަށް ކޮމާންޑަރު ވިދާޅުވި އެވެ.

"ހަނގުރާމަ މިހާރު ވެސް ކުރިއަށް ވުރެ ފުޅާވެއްޖެ. ލެބަނާން ވެސް މިހާރު ބައިވެރިވެއްޖެ. މި ކޯޅުމުގެ ބޮޑުމިން މިހާރަށް ވުރެ ވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއް. އެހެން ވިޔަސް، އީރާން މިހާރު ވެސް އޮތީ ކޮންމެ ފަދަ ހާލަތަކަށް ވެސް ފުރިހަމަ އަށް ތައްޔާރުވެގެން،" ޖެނެރަލް އަމީރު އަލީ ހާޖީޒާދާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތައް މެޑިޓޭރޭނިއަން ކަނޑުގެ އިރުމަތީ ސަރަހައްދަށާއި ރަތް ކަނޑުގެ ސަރަހައްދަށް ޖަމާކުރިޔަސް އެކަމާ އީރާން ޖެހިލުމެއް ނުވެ އެވެ. އަދި އެމެރިކާއަކީ އެއްވެސް އިރެއްގައި އީރާނަށް ހުރި ބިރެއް ނޫން ކަމަށާއި އީރާނަކީ އެ ސަރަހައްދުގެ އެންމެ ބޮޑު ބާރުކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާންގެ ޚާރިޖީ ވަޒީރު ހުސައިން އާމިރް އަބްދުﷲޔާން ވެސް މިދިޔަ ހަފުތާގައި ވިދާޅުވެފައިވަނީ ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމެރިކާ އިން އީރާނަށް އަންގާފައިވާ ކަމަށެވެ. އެހެން ނަމަވެސް، ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ހިންގާ ގަތުލު އާންމުތަކަށް އެމެރިކާ އިން ތާއީދުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖެނެރަލް އަމީރު އަލީ ހާޖީޒާދާ ވިދާޅުވި ގޮތުގައި އިޒްރޭލަކީ ފަލަސްތީނުގެ ކުޑަކުދިން މެރުމުގެ ހުތުރު ތާރީޚެއް އޮތް ދައުލަތެކެވެ. އަދި މިހާރު ޣައްޒާގެ ކުޑަކުދިން މަރަމުންދާ މައްސަލަ މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެކަން ފޮރުވަން އިޒްރޭލުން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.

އިޒްރޭލުން ޣައްޒާގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ 38 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 11300 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 28000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 5000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 3100 އަށް ވުރެ ގިނަ އަންހެނުން ހިމެނޭ އިރު، ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 3000 އަށް ވުރެ މަތިވެފަ އެވެ.

އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން ހަރަކާތްތެރިވާން ފެށުމުން، އިޒްރޭލު ސިފައިން ހުޅަނގު އައްސޭރި އަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 186 އަށް ވުރެ ގިނަ މީހުން ޝަހީދުވެ އިތުރު 2500 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. އަދި 2400 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްގެން ޖަލަށް ގެންގޮސްފަ އެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1700 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 7200 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 350 މީހަކާއި ފުލުހުންގެ 69 މީހަކު ވެސް ހިމެނެ އެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހާލު ސީރިއަސްވެފައިވާ 220 އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 242 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.