Roadha Mihaaru
ދެކުނު ލުބްނާނަށް އިޒްރޭލުގެ ވަރުގަދަ ހަމަލާތަކެއް

ދެކުނު ލުބްނާނަށް އިޒްރޭލުގެ ވަރުގަދަ ހަމަލާތަކެއް

23 ނޮވެމްބަރ 2023

ލުބްނާންގެ ދެކުނު ސަރަހައްދުން އިޒްރޭލުގެ ތެރެއަށް ރޮކެޓް ހަމަލާތައް ދޭ ސަރަހައްދަށް އިޒްރޭލުން ދޭ ރައްދު ހަމަލާތައް ވަރުގަދަކޮށް އިތުރުކޮށްފި އެވެ.

ލުބްނާންގެ ދެކުނު ސަރަހައްދުން އިޒްރޭލުގެ ތެރެއަށް ރޮކެޓް ހަމަލާތައް ދޭ ސަރަހައްދަށް އިޒްރޭލުން ދޭ ރައްދު ހަމަލާތައް ވަރުގަދަކޮށް އިތުރުކޮށްފި އެވެ.

ލުބްނާންގެ ދެކުނު ސަރަހައްދުގެ ތެރެއަށް ދޭ ހަމަލާތައް އިޒްރޭލުން ވަރުގަދަ ކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ. އޭގެ ފަހުން އިއްޔެ އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ވަނީ އެ ސަރަހައްދަށް ހުދު ފޮސްފަރަސް ބޮން އަޅައިފަ އެވެ. އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް މި ބާވަތުގެ ބޮން ބޭނުންކޮށްގެން ހަމަލާ ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުން މަނާކޮށްފައިވާ ކަމަކަށް ވިޔަސް، އިޒްރޭލުން އެކަމަށް ފަރުވާލެއް ނުބަހައްޓަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ލުބްނާންގެ ދެކުނު ސަރަހައްދުގެ ވައިގެ ތެރޭގައި އިޒްރޭލުގެ ޑްރޯން މަތިންދާބޯޓުތައް ދަނީ މެދުނުކެނޑި ބުރު ޖަހަމުންނެވެ. އަދި އިޒްރޭލުން ހިފާފައިވާ ލުބްނާންގެ ޝިބްއާ ދަނޑުބިންތަކުގެ ތެރޭގައި އިޒްރޭލުގެ ޓޭންކުތައް ވެސް ހަރަކާތްތެރިވަމުން ދާ އިރު، ލުބްނާންގެ ދެކުނު ސަރަހައްދުގެ އަވަށްތަކުގެ ތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ވެއްޖެ ނަމަ، އިޒްރޭލުގެ ޓޭންކުތަކުން ނުވަތަ ޑްރޯންތަކުން އެ ސަރަހައްދަކަށް ހަމަލާ ދެ އެވެ.

އިޒްރޭލު ސިފައިންގެ ހަމަލާތައް އިތުރުކުރުމާ ވިދިގެން، ދެކުނު ލުބްނާންގައި ތިބި ހިޒްބުﷲގެ ހަނގުރާމަވެރިން ވަނީ އިޒްރޭލަށް ދޭ ހަމަލާތައް ވެސް އިތުރުކޮށްފަ އެވެ.

ހުދު ފޮސްފަރަސްއަކީ އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ބޭނުންކުރުން، ބައިނަލްއަގުވާމީ ގާނޫނުތަކުން މަނާކޮށްފައިވާ ހަތިޔާރެކެވެ. މި ބާވަތުގެ ބޮން ވައިގެ ތެރެއަށް ގޮވުމުން އުފެދޭ ދުމުގެ އަސަރު ފުއްޕާމެއަށް ކުރުމުން، ފުއްޕާމޭގައި ވަގުތުން ޒަޚަމްތައް އުފެދެ އެވެ. އަދި އެ ދުމުގެ ތެރެއަށް ނޭވާލުމުން ނޭވާ ހާސްވާނެ އެވެ.

އޭގެ އިތުރުން ހުދު ފޮސްފަރަސް ގޮވުމުން އުފެދޭ ދުމާއި އޭގެ ކުނޑި އިންސާނުންގެ ހަންގަނޑުގައި ޖެހުމުން ހަންގަނޑު ފިހޭނެ އެވެ. ހުދު ފޮސްފަރަސްއަކީ ވައިގައި ޖެހުމާއެކު އޭގައި އަލިފާން ހިފާ ބާރު ގަދަ މާއްދާއެކެވެ. ބޮމެއްގެ ގޮތުގައި ހުދު ފޮސްފަރަސް ބޭނުންކުރުމުން، ބޮމެއް ފަދައިން ގޮވުމާއެކު ހުޅު ހިފާނެ އެވެ.

ހުދު ފޮސްފަރަސް ބޮން ގޮވުމުން ރޯފާ އަލިފާންގަނޑު ބޮޑު ސަރަހައްދަކަށް ފެތުރި، އެ ސަރަހައްދެއްގެ ވައިގެ ތެރޭގައި ހުންނަ ހުރިހާ ފޮސްފަރަސްތަކެއް އަނދައި ހުލިވަންދެން، ވައިގެ ތެރޭގައި އަލިފާން ރޯވެފައި ހުންނާނެ އެވެ. އެހެންކަމުން ހަނގުރާމައިގެ ހާލަތްތަކުގައި އާންމު ގޮތެއްގައި މި ބާވަތުގެ ބޮން ބޭނުންކުރަނީ، ހަނގުރާމައިގެ މައިދާން އަލިކުރުމުގެ ގޮތުންނެވެ.

ނޭވާލާ ނިޒާމުގެ ޒަރީއާއިން ނުވަތަ ކާބޯތަކެއްޗާ އެކުވެގެން ހަށިގަނޑުގެ ތެރެއަށް އެތެރެވާ ފޮސްފަރަސް ހިނގައްޖެ ނަމަ، އެކަމަށް ފަރުވާ ކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ.

އިޒްރޭލާއި ހަމާސްއާ ދެމެދު ޣައްޒާގައި ހަނގުރާމަ ކުރަމުން ދަނީ، ހުސްވި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ވަރުގަދަ ހަމަލާތަކެއްގައި އިޒްރޭލުގެ 1200 އަށް ވުރެ ގިނަ މީހުން މަރާލައި 200 އަށް ވުރެ ގިނަ މީހުން އަސީރު ކުރުމާ ގުޅިގެންނެވެ. އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް "އަގްސާ ތޫފާން"ގެ ނަމުގައި އެ ދުވަހު ދިން ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން، ހަމަ އެ ދުވަހު އިޒްރޭލުން ވަނީ "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމާސްއާ ދެކޮޅަށް ހަނގުރާމަ ފަށައިފަ އެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ދެމުންދާ ހަމަލާތަކަށް 46 ދުވަސް ވެގެން ދިޔައިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު މިހާތަނަށް 14000 އަށް ވުރެ މަތިވެއްޖެ އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 6000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 3700 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޒަޚަމްވެފައިވާ މީހުންގެ އަދަދު 31500 އަށް ވުރެ މަތިވެފައިވާ އިރު، އޭގެ 75 އިންސައްތައަށް ވުރެ މަތީ ނިސްބަތެއް ހިއްސާ ކުރަނީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި އިޒްރޭލުގެ ހަމަލާތަކުގައި ގެއްލިފައިވާ މީހުންގެ އަދަދު 6000 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ކަމަށް ބެލެވެ އެވެ.