Roadha Mihaaru
އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު މެދުއިރުމައްޗަށް

މަތިންދާބޯޓު އުފުލާ މަނަވަރު މެދުއިރުމައްޗަށް

09 އޮކްޓޯބަރ 2023

އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ގެރަލްޑް އާރް ފޯޑް އޭގެ ހަނގުރާމަމަތީ ލަޝްކަރާ އެކުގައި މެދުއިރުމައްޗަށް ފޮނުވުމަށް އެމެރިކާ ސަރުކާރުން ނިންމުމާ ގުޅިގެން އެ މަނަވަރުތައް އެ ސަރަހައްދަށް ދިއުމުގެ ދަތުރު ފަށައިފި އެވެ.

އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ގެރަލްޑް އާރް ފޯޑް އޭގެ ހަނގުރާމަމަތީ ލަޝްކަރާ އެކުގައި މެދުއިރުމައްޗަށް ފޮނުވުމަށް އެމެރިކާ ސަރުކާރުން ނިންމުމާ ގުޅިގެން އެ މަނަވަރުތައް އެ ސަރަހައްދަށް ދިއުމުގެ ދަތުރު ފަށައިފި އެވެ.

ޔޫއެސްއެސް ގެރަލްޑް ފޯޑް މެދުއިރުމައްޗަށް ފޮނުވަން އެމެރިކާ އިން ނިންމީ، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން، މިދިޔަ ހޮނިހިރު ދުވަހު އިޒްރޭލާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި އިޒްރޭލަށް އެހީތެރިވުމަށެވެ. އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޯސްޓިން ވިދާޅުވި ގޮތުގައި އެ މަނަވަރު ދާނީ، އިޒްރޭލުގެ ހުޅަނގު ފަރާތުން މެޑިޓެރޭނިއަން ކަނޑުގެ އިރުމަތީ ސަރަހައްދަށެވެ.

އެ މަނަވަރު މެދުއިރުމައްޗަށް ފޮނުވާ މައިގަނޑު ބޭނުމަކީ، ހަމާސްއާ ދެކޮޅަށް އިޒްރޭލުން ދޭ ހަމަލާތަކުގައި ބޭނުން ކުރުމަށް ބޭނުންވާނެ ހަނގުރާމައިގެ އާލާތްތަކާއި ސާމާނު ވައިގެ މަގުން، އިޒްރޭލަށް ފޮނުވުމެވެ. އޭގެ ތެރޭގައި ބަޑީގެ ވަޒަނާއި އެނޫން ތަކެތި ވެސް ހިމެނޭނެ ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ވިދާޅުވި އެވެ.

މަތިންދާބޯޓު އުފުލާ މަނަވަރުގެ ހަނގުރާމަމަތީ ލަޝްކަރުގައި އިތުރު އެތައް މަނަވަރެއް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ގައިޑެޑް މިސައިލުން ހަމަލާ ދިނުމަށް ޚާއްސަކޮށް އުފައްދާފައިވާ މަނަވަރުތަކާއި، ކަނޑުމަތީގެ އަމާޒުތަކަށް ހަމަލާ ދީ ހަލާކުކޮށްލުމަށް ޚާއްސަ މަނަވަރުތަކާއި އެހެން އުޅަނދުތައް ވެސް ހިމެނެ އެވެ.

އިޒްރޭލުގެ ދިފާއުގައި، ހަނގުރާމަމަތީ މަތިންދާބޯޓު އުފުލާ މަނަވަރުގެ ލަޝްކަރެއް ފޮނުވަން އެމެރިކާ އިން މި ނިންމީ، ހަމާސް އިން ފަށާފައިވާ ހަނގުރާމައިގައި އެމެރިކާގެ ރައްޔިތުންތަކެއް ވެސް މަރުވެފައިވާ ކަމުގެ އަޑު ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް އެއީ ކިތައް މީހުންކަން މުޅިން ސާފުނުވާ ކަމަށް، އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ވިދާޅުވި އެވެ.

މަތިންދާބޯޓު އުފުލާ މަނަވަރުގެ އިތުރުން، ހަނގުރާމަމަތީ އިތުރު މަތިންދާބޯޓުތަކެއް ވެސް މެދުއިރުމައްޗަށް ފޮނުވުމަށް އެމެރިކާ އިން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި އެފް-35، އެފް-15، އެފް-16 އަދި އޭ-10ގެ ބޯޓުތައް ހިމެނެ އެވެ.

ބެލެވޭ ގޮތުގައި އެމެރިކާގެ އަސްކަރީ ބާރު މެދުއިރުމަތީގައި މި ގަދަކުރަނީ، ހަމާސް އާއި އިޒްރޭލާ ދެމެދު މިހާރު ކުރިއަށް ދާ ހަނގުރާމައިގައި އީރާން ބައިވެރިވާ ކަމަށް ތުހުމަތުކޮށް، އީރާނަށް ހަމަލާތަކެއް ދިނުމަށް ކަމަށް ބެލެވެ އެވެ. އެމެރިކާ ސިފައިން އީރާނަށް ހަމަލާ ދިނުމުގެ ބަދަލުގައި، އެމެރިކާ ސިފައިން ތިބޭނީ، އިޒްރޭލު ސިފައިން އީރާނަށް ދޭ ހަމަލާއަށް މަދަދު ފޯރުވުމުގައި ކަމަށް ބެލެވެ އެވެ.