18 ޑިސެމްބަރ 2023
ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލުން ދޭ ހަމަލާތައް މެދުކަނޑާލައި، ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަމުގެ ސާމާނު އެތެރެ ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ގޮވާލައި އެމިރޭޓްސް އިން ހުށަހަޅާފައިވާ ގަރާރަށް ވޯޓަށް އެހުމަށް، އދ.ގެ ސަލާމަތީ މަޖިލިސް މިއަދު ބައްދަލުކުރާނެ އެވެ.
ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލުން ދޭ ހަމަލާތައް މެދުކަނޑާލައި، ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަމުގެ ސާމާނު އެތެރެ ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ގޮވާލައި އެމިރޭޓްސް އިން ހުށަހަޅާފައިވާ ގަރާރަށް ވޯޓަށް އެހުމަށް، އދ.ގެ ސަލާމަތީ މަޖިލިސް މިއަދު ބައްދަލުކުރާނެ އެވެ.
މިއަދު ވޯޓަށް އެހުމަށް ތައްޔާރުވެފައިވާ ގަރާރަކީ އެމިރޭޓްސްގެ ފަރާތުން ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރެކެވެ. މި ގަރާރު ފާސްކުރުމަކީ، ޣައްޒާގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަމުގެ ސާމާނު ފޯރުކޮށްދިނުމަށްޓަކައި ކޮންމެހެން ބޭނުން ކަމަކަށްވާތީ، އެމެރިކާ ރުހޭ ފަދަ ގޮތަކަށް ގަރާރުގެ އިބާރާތް އިސްލާހުކުރުމަށް އެމިރޭޓްސް އިން މިހާރު ގެންދަނީ އެމެރިކާއާ މަޝްވަރާ ކުރަމުންނެވެ.
އެމެރިކާ އިން ވީޓޯކޮށް ގަރާރު ބާތިލު ކޮށްލައިފި ނަމަ، ޣައްޒާ އަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ސާމާނު އެތެރެކުރުން އަނެއްކާ ވެސް ލަސްވެ، އެތައް ބައެއްގެ ފުރާނަ ގެއްލިގެން ދިއުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން އެމިރޭޓްސް އިން ބޭނުންވަނީ، އެމެރިކާ ވެސް އެއްބަސްވާ ފަދަ ގޮތަކަށް ގަރާރުގެ އިބާރާތް ބަދަލުކޮށްގެން ވިޔަސް، ހަމަލާތައް މެދުކަނޑައިލުމުގެ ގަރާރެއް ފާސްކުރާށެވެ.
އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވީ މި ގަރާރު ކާމިޔާބު ވޭތޯ ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެމެރިކާ ރުހޭނީ ކޮން ކަންކަމަކަށް ކަމާއި ނުރުހޭނީ ކޮން ކަމަކަށް ކަން ވެސް އެރޭޓްސްއަށް ރަނގަޅަށް އެނގޭ ކަމަށާއި، މި ގަރާރު ފާސްކުރަން ބޭނުންވާ ނަމަ، އެ ބާރު އޮތީ އެމިރޭޓްސްގެ އަތްމަތީގައި ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.
ހުޅަނގުގެ ޑިޕްލޮމޭޓުން ވިދާޅުވާ ގޮތުގައި އެމިރޭޓްސް އިން ހުށަހެޅި ގަރާރާ މެދު އެމެރިކާ ކަންބޮޑުވަނީ، ހަނގުރާމަ ހުއްޓައިލުމަށް ގޮވާލާފައި އޮތުމުންނެވެ. އޭގެ ބަދަލުގައި އެމެރިކާ ބޭނުންވަނީ ހަނގުރާމަ ހުއްޓައިލުމުގެ މާނަ ދޭހަނުވާ ފަދަ ގޮތަކަށް އިބާރާތް ބަދަލުކުރާށެވެ.
އެމިރޭޓްސް އިން ހުށަހަޅާފައިވާ ގަރާރުގައިވާ ގޮތުން ހަމަލާތައް މެދުކަނޑާލާފައި އޮންނަ މުއްދަތުގައި، އިންސާނީ އެހީތެރިކަމުގެ ސާމާނު ޣައްޒާ އަށް އެތެރެކުރުމުގެ މަސައްކަތް ކުރިއަށް ދާ ގޮތް އދ. އިން ބަލައި ފާރަވެރިވާންޖެހޭނެ އެވެ. އަދި ޣައްޒާ އަށް އިންސާނީ އެހީތެރިކަމުގެ ސާމާނު ފޯރުކޮށްދޭނީ، މިހާރު ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިނުވާ އެހެން ގައުމުތަކުން ކަމަށާއި، ޣައްޒާ އަށް އެހީގެ ސާމާނު އެތެރެކުރަމުންދާ ގޮތުގެ ފުރިހަމަ މައުލޫމާތު، އދ.ގެ ފަރާތުން އިޒްރޭލަށާއި ފަލަސްތީނު ސަރުކާރަށް އަންގަންޖެހެ އެވެ.
ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި މީގެ ކުރިން ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރުތައް ވެސް ބޭކާރުވެގެން ދިޔައީ، އެމެރިކާ އާއި އިނގިރޭސި ވިލާތާއި ރަޝިޔާ އިން ވީޓޯ ކުރުމުންނެވެ. ސަލާމަތީ މަޖިލީހުގައި ގަރާރެއް ފާސްވާނީ، ދާއިމީ ފަސް މެމްބަރުން ކުރެ މެންބަރަކު ވީޓޯގެ ބޭނުންނުކޮށް، އަދި މަދުވެގެން 9 މެމްބަރުންގެ ތާއީދު ލިބިގެންނެވެ.
އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް މިހާރު ކުރަމުން ދާ ހަނގުރާމަ ފެށީ، އޮކްޓޫބަރު 7، 2023 ގައި ހަމާސް ޖަމާއަތުން އިޒްރޭލުގެ ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކުގައި 1147 މީހުން މަރާލައި 240 އަށް ވުރެ ގިނަ މީހުން ރަހީނުކުރުމާ ވިދިގެން ބަދަލު ހިފުމުގެ ގޮތުންނެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ 73 ވަނަ ދުވަހަށް ފެށިފައިވާ އިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 19000 އަށް އަރައިފަ އެވެ. އޭގެ ތެރެއިން ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
އަދި ޒަޚަމްވި މީހުންގެ އަދަދު 51000 އަށް ވުރެ މަތިވެފައިވާ އިރު، އޭގެ ތެރެއިންވެސް ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. ގެއްލިފައިވާ މީހުންގެ އަދަދު ވެސް 10 ހާހާ ގާތްކުރާނެ ކަމަށް ބެލެވެ އެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލުގެ ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކުގައި ރަހީނުކުރި 240 އަށް ވުރެ ގިނަ މީހުންގެ ތެރޭގައި ހިމެނޭ އިޒްރޭލު ސިފައިންނާއި ސިފައިންގެ ތެރޭގައި ޚިދުމަތް ކުރުމަށް ފަހު ރިޒާވް ލަޝްކަރާ ގުޅިފައިވާ 137 މީހުން އަދިވެސް ތިބީ ހަމާސްގެ ބެލުމުގެ ދަށުގަ އެވެ.
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި
ޣައްޒާގެ ގަތުލުއާންމު ހުއްޓައިލަން ދުނިޔެ ގޮވާލައިފި
އދ.ގައި އޮތީ އިޒްރޭލު ހިމާޔަތްކުރާ މަޖިލީހެއް
އެމެރިކާ-އަރަބި ޑްރާމާ އިން ލަދުވެތިކަން
ގާޒާ އަށް އެހީ ފޮނުވުމުގެ ގަރާރު އެމެރިކާ ވީޓޯކޮށްފި
އަގްސާ ތޫފާން: ސަލާމަތީ މަޖިލީހަށް އެއްބަހެއް ނުވެވުނު
އިޒްރޭލުގެ އުދުވާން ހުއްޓުވުމަށް ގުޓަރޭސް ގޮވާލައްވައިފި
ހަމާސް ނައްތައިލަށް އިޒްރޭލަށް 10 އަހަރު ބޭނުންވާނެ
ހަމަލާ ނުދޭ މުއްދަތު އަނެއްކާ އިތުރުކޮށްފި
ގާޒާގެ ކުރިމަގާމެދު އެމެރިކާއާ އިޒްރޭލު ހިޔާލު ތަފާތު