Roadha Mihaaru
ފަލަސްތީނުގެ ހައްގުގައި ގިނަ ބަޔަކު މާލޭގެ މަގުތަކަށް

ފަލަސްތީނުގެ މީހުންގެ ހައްގުގައި އެތައް ސަތޭކަ ބަޔަކު މާލޭގެ މަގުތަކަށް!

20 އޮކްޓޯބަރ 2023

އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑު އުފުލައި، ފަލަސްތީނުގެ މީހުންނާ އެކު ދިވެހިން ތިބިކަން އަންގައިދިނުމަށް މިރޭ ވެސް މާލޭގައި ބޮޑު އެއްވުމެއް ބާއްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑު އުފުލައި، ފަލަސްތީނުގެ މީހުންނާ އެކު ދިވެހިން ތިބިކަން އަންގައިދިނުމަށް މިރޭ ވެސް މާލޭގައި ބޮޑު އެއްވުމެއް ބާއްވައިފި އެވެ.

ރަސްފަންނު ސަރަހައްދުން ފަށައިގެން މަޖީދީ މަގުން އާޓިފިޝަލް ބީޗް ސަރަހައްދާ ހަމައަށް ބޭއްވި ހިނގާލުމުގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވި އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެ އެވެ.

އެ ހިނގާލުން އިންތިޒާމު ކުރީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އާންމުންގެ އެކުވެރި ގުޅުމާއި ރައިޓް މޫވްމަންޓް ގުޅިގެންނެވެ. މިރޭގެ ހިނގާލުމުގެ ބައިވެރިން ވަނީ އިޒްރޭލު "ބޮއިކޮޓް" ކުރުމަށް ގޮވާލައި އަޑު އުފުލައިފަ އެވެ. އަދި އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް ވެސް އަޑު އުފުލި އެވެ.

ރާއްޖެ އިން ފަލަސްތީނަށް ތާއީދުކޮށް، ދިވެހިން ތިބީ އެ ގައުމާ އެކު ކަމަށް ހާމަކުރަމުން އަންނާތީ، އިޒްރޭލުގެ މީހުން ރާއްޖެއަށް ދަތުރު ނުކުރުމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން އަންގައި، އިންޒާރުގެ މެސެޖެއް އިއްޔެ ވަނީ ނެރެފަ އެވެ.

އެ މިނިސްޓްރީން ނެރުނު އިންޒާރުގެ ބަޔާނުގައި ބުނީ، އެ ގައުމާ ދެކޮޅު ހަރަކާތްތައް ރާއްޖޭގައި ވަރުގަދަވަމުން އަންނަ ކަމަށެވެ. އެހެންވެ، މި ދަނޑިވަޅުގައި އިޒްރޭލުގެ މީހުން ރާއްޖެ އަށް މި ވަގުތު ދަތުރު ނުކުރުމަށް އެ ބަޔާނުގައި އެ ގައުމުގެ ސަރުކާރުން އެދިފައި ވެ އެވެ.

ފަލަސްތީނު ރައްޔިތުންގެ ހައްގުގައި މި މަހު 13 ގައި ވެސް މާލޭ ބޮޑު އެއްވުމެއް ބޭއްވި އެވެ. އެ އެއްވުމުގައި ވެސް ގިނަ ބަޔަކު ބައިވެރިވި އެވެ.

އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑު އުފުލައި ފަލަސްތީނުގެ ރައްޔިތުންނާ އެކު ދިވެހިން ތިބިކަން އަންގައިދިނުމަށް މާލެ، މަޖީދީ މަގުގައި ބޭއްވި ހިންގާލުމުގައި އަންހެނުންނާއި ކުޑަކުދިން ބައިވެރިވަނީ.-- ފޮޓޯ: ވަގުތު އިމޭޖެސް

އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑު އުފުލައި ފަލަސްތީނުގެ ރައްޔިތުންނާ އެކު ދިވެހިން ތިބިކަން އަންގައިދިނުމަށް މާލެ، މަޖީދީ މަގުގައި ބޭއްވި ހިންގާލުމުގައި އަންހެނުންނާއި ކުޑަކުދިން ބައިވެރިވަނީ.-- ފޮޓޯ: ވަގުތު އިމޭޖެސް

މާލޭގެ އިތުރުން ރަށްރަށުގައި ވެސް ފަލަސްތީނުގެ ދިފާއުގައި ހިނގާލުންތައް ބާއްވާފައިވެ އެވެ.

ރާއްޖޭގެ އެކި ޖަމިއްޔާތަކާއި މީޑިއާތަކާ އަދި އަމިއްލަ އެކި ފަރާތްތައް ވެސް ގުޅިގެން ފަލަސްތީނަށް އެހީ ފޯރުކޮށްދިނުމަށް ވެސް ތަފާތު ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ.

ފަލަސްތީނަށް އެހީ ފޯރުކޮށްދެމުން އަންނަ ދިވެހި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ހުޅުވާލާފައިވާ ފަންޑަށް މިހާތަނަށް ވަނީ 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފަ އެވެ.

ހަމާސް އިން އިޒްރޭލަށް މި މަހުގެ ހަތްވަނަ ދުވަހު ދިން ކުއްލި ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ނުރައްކާ ވެފަ އެވެ. ބަދަލުގައި އިޒުރޭލުން ދަނީ ފަލަސްތީނަށް ބާރުގަދަ އެތައް ހަމަލާތަކެއް ދެމުންނެވެ. އެ ހަމަލާތަކުގައި ފަލަސްތީނުގެ 4،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި 15،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.