އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވައި، ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލަނބަން މަޖުބޫރު ކުރުވުމަށްޓަކައި އިޒްރޭލާ ދެކޮޅަށް ސިޔާސީ އަދި އިގުތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.
އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވައި، ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލަނބަން މަޖުބޫރު ކުރުވުމަށްޓަކައި އިޒްރޭލާ ދެކޮޅަށް ސިޔާސީ އަދި އިގުތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.
މި މަހުގެ 9 ވަނަ ދުވަހު ގަތަރުގެ ދޯހާ އަށް އިޒްރޭލުން ދިން ހަމަލާއާ ގުޅިގެން، ގަތަރުގައި މިއަދު ބޭއްވި އަރަބި-އިސްލާމިކް އިމަޖެންސީ ސަމިޓުގައި ތަގުރީރު ކުރައްވަމުން، ރައީސް ވިދާޅުވި ގޮތުގައި، ފަލަސްތީނުގެ ޣައްޒާގައި ސުލްހަ ގާއިމު ކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ ގަތަރަށް ހަމަލާ ދިނުމަކީ، އިޒްރޭލުން ސުލްހަ ބޭނުންނުވާކަމުގެ ސާފު ދަލީލެކެވެ.
"އިޒްރޭލުން ދޯހާއަށް ހަމަލާ ދިނުމުގެ ބޭނުމަކީ، ސީދާ ސުލްހައަށް ހަމަލާދީ، މެދުވެރިއެއްގެ ދައުރަށް ހުރަސްއަޅައި، މުޅި ސަރަހައްދު އިތުރު ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
އިޒްރޭލުގެ އެ ހަމަލާއަކީ ރައީސް ސިފަކުރެއްވި ގޮތުގައި، ފަލަސްތީނުގެ ބިންތައް ފޭރިގަނެ، ހުޅަނގު އައްސޭރި އިސްތިއުމާރުކޮށް އަދި ޣައްޒާއަށް އެހީ ވެއްދުމަށް ހުރަސް އެޅުމާއި ޑޮކްޓަރުންނާއި ނޫސްވެރިންނަށް އަމާޒުކޮށްގެން ރާވައިގެން ހިންގަމުންދާ ޖަރީމާތަކަށް އިތުރު ބޮޅެކެވެ.
މީގެ އިތުރުން އަމިއްލައަށް ދިފާއުވުމުގެ ނަމުގައި ފަލަސްތީނުގެ ބިންތައް ސުންނާފަތިކޮށް، ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް ހުއްޓުމެއްނެތި އިޒްރޭލުން މަސައްކަތް ކުރަމުންދާކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.
އަރަބި-އިސްލާމިކް ސަމިޓުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް
ފަލަސްތީނާއި ޔަމަނާއި ސީރިޔާ އާއި ލުބުނާން އަދި އުރުދުންއަށް ހަމަލާދިނުމަށްފަހު އެއްވެސް ޖެހިލުމެއްނެތި މިހާރު ގަތަރަށް ހަމަލާދީ، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ބިންގާ އިޒްރޭލުން ގުޑުވާލާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވާލަން ބޭނުން. ގަތަރަށް ދިން ހަމަލާއަކީ އަޅުގަނޑުމެން އެންމެންނަށް ދިން ހަމަލާއެއް. ގަތަރުގެ އިސްތިގުލާލާއި ސަލާމަތަކީ މިއަދު މިތަނުގައި ތަމްސީލުކުރާ ކޮންމެ ގައުމެއްގެ އިސްތިގުލާލާ ވަކި ނުކުރެވޭނެ އެއްޗެއް،" ގަތަރާއެކު ރާއްޖެ ސާބިތުކަމާއެކު އޮތް ކަމުގެ ޔަގީންކަން ދެއްވައި އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، އދ. އާއި އައިސީޖޭ އަދި ބައިނަލްއަގުވާމީ އެކި އިދާރާތަކުން އިޒްރޭލުން ހަނގުރާމައިގެ ޖަރީމާތަކާއި ގަތުލުއާއްމު ހިންގަމުންދާކަން ހެއްކާ އެކު ބުނަމުންދާއިރު، އިޒްރޭލުން ހިންގާ ޖަރީމާތައް ނުފެންނަ ކަމަށް ހަދައިގެން ތިބެވޭކަށް ނެތެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކުގައި އެއްވެސް މާނައެއް ހުންނާނީ، ހުރިހާ ގައުމުތަކެއްގެ މައްޗަށް ހަމަހަމަކަމާއެކު އެ ގާނޫނުތައް ތަންފީޒުކޮށްގެން ކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.
އެހެންކަމުން، އިޒްރޭލުގެ ޖަރީމާތައް ހަމައެކަނި ކުށްވެރިކޮށްގެން ނުހުއްޓުވޭނެކަމަށް ވިދާޅުވެ، ރައީސް ވަނީ އިޒްރޭލާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައްވައިފަ އެވެ.
އެގޮތުން، އިޒްރޭލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކަށް ޖަވާބުދާރީކުރުވުމަށް އިޒްރޭލުގެ ވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެ މަނިކުފާނު ގޮވައިލެއްވި އެވެ.
"ބައިނަލްއަގުވާމީ ޤާނޫނުތަކަށް [އިޒްރޭލުން] ތަބާވާންދެން، ސިޔާސީ، އިގުތިސާދީ، އަދި ހާރިޖީ ގޮތުން އަޅުގަނޑުމެން އެންމެން ގުޅިގެން ފިޔަވަޅުތައް އަޅަންޖެހޭ." ރައީސް ވިދާޅުވި އެވެ.
އެ ސަމިޓަކީ އިސްތިއުމާރާއި ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް އަރަބި އިސްލާމީ ގައުމުތަކުން ގުޅިގެން، ސާބިތުކަމާއެކު ތެދުވި ތާރީހީ ވަގުތުގެ ގޮތުގައި ހެދުމަށް ވެސް ރައީސް ގޮވާލެއްވި އެވެ.
އިސްލާމީ ވެރިންގެ ކުއްލި ސަމިޓަކަށް ރައީސް ގަތަރަށް
އިޒްރޭލް ޕާސްޕޯޓް މަނާކުރަން ގާނޫނު އިސްލާހުކުރަނީ
ރައީސް ގޮވާލެއްވީ ހަމަލާތައް ވަގުތުން ހުއްޓާލުމަށް
ފަލަސްތީނު ދައުލަތް ބަލައިގަތް ގަރާރަށް ރާއްޖޭގެ ވޯޓު
ފަލަސްތީނުގެ ހައްގުގައި މަސައްކަތްކުރަން އެދިވަޑައިގެންފި
އިޒްރޭލުގެ އިސްތިއުމާރު ފުޅާކުރުން ހުއްޓުވަން ގޮވާލައިފި
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލް ތަސްދީގުކުރައްވައިފި
ބިލު ބަދަލުކުރީ މަގްސަދު ހާސިލްނުވާ ގޮތަށް: މީކާއިލް
އެދުނީ އިޒްރޭލު ނޫން ޕާސްޕޯޓެއް ނަމަ މަނާނުކުރަން
ފަލަސްތީނަށް ލިބުނު ގެއްލުމުގެ ބަދަލު ދޭންޖެހޭ: ރައީސް