Roadha Mihaaru

އިޒްރޭލުގެ އިސްތިއުމާރު ފުޅާކުރުން ހުއްޓުވަން ރާއްޖޭން ގޮވާލައިފި

ފަލަސްތީނުގެ އިތުރުން މެދުއިރުމަތީގެ ބޮޑު ސަރަހައްދަކަށް އިޒްރޭލުގެ އިސްތިއުމާރީ ދައުލަތް ފުޅާކުރުމަން ގެންގުޅޭ ވިސްނުން ކުށްވެރިކޮށް، އެ ކަން ހުއްޓުވަން ރާއްޖޭން ދުނިޔެއަށް ގޮވާލައިފި އެވެ.

އިޒްރޭލުގެ އިސްތިއުމާރު ފުޅާކުރުން ހުއްޓުވަން ގޮވާލައިފި

ފަލަސްތީނުގެ އިތުރުން މެދުއިރުމަތީގެ ބޮޑު ސަރަހައްދަކަށް އިޒްރޭލުގެ އިސްތިއުމާރީ ދައުލަތް ފުޅާކުރުމަން ގެންގުޅޭ ވިސްނުން ކުށްވެރިކޮށް، އެ ކަން ހުއްޓުވަން ރާއްޖޭން ދުނިޔެއަށް ގޮވާލައިފި އެވެ.

މެދުއިރުމަތީގެ ބޮޑު ސަރަހައްދަކަށް "ގްރޭޓާ ވިޝަން އޮފް އިޒްރޭލް"ގެ ނަމުގައި އިޒްރޭލުގެ އިސްތިއުމާރީ ބާރު ފުޅާކުރަން ބޭނުންވާކަމުގެ ޕްލޭނެއް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިއުލާނުކޮށްފަ އެވެ.

މިކަމުގެ ކަންބޮޑުވުމާއި ނުރުހުން އަރަބި ގިނަ ގައުމުތަކަކުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިޒްރޭލުގެ އެ ވިސްނުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އިޒްރޭލުން ގެންގުޅޭ މިފަދަ ބިރުވެރި ރޭވުންތަކުން، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމުގެ ހައްގަށް އަރައިގަނެވޭ ކަމަށެވެ.

އެއާއެކު، އެ މަނިކުފާނު ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، އެ މީހުންނަށް ކުރިމަތިވެފައިވާ ބިރުވެރި ހާލަތު ނިމުމަކަށް ގެނައުމަށްޓަކައި، މުޅި ދުނިޔެ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވައިފަ އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިޒްރޭލުގެ މިފަދަ ރޭވުންތަކުގެ ސަބަބުން، މުޅި މެދުއިރުމަތީގެ ސަރަހައްދަށް ނުތަނަވަސްކަން ކުރިމަތިވެ، ހަމަނުޖެހުމުގެ ތެރެއަށް ވެއްޓުމުގެ ފުރުސަތު ބޮޑުވަމުންދާ ކަމަށެވެ.

އެއާއެކު، ފަލަސްތީނާއި މެދުއިރުމަތީގެ ގައުމުތަކުގެ ހައްގުތައް ހިމާޔަތްކުރަން ބައިނަލްއަގުވާމީ މުޖުތަމައުއިން ތެދުވުމަށް އެ ބަޔާނުގައި ވެސް ވަނީ ގޮވާލައިފަ އެވެ.

"ގްރޭޓާ އިޒްރޭލް"ގެ ސިޔާސަތަކީ، އިޒްރޭލުން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރިއާއި، ޣައްޒާ، ސޫރިޔާގައި ހިފާފައިވާ ގޯލާން ހައިޓްސްއާއި، މިސްރުގެ ސިނާއީ ޕެނިންސުލާ އަދި އުރުދުންގެ ބައެއް ހިސާބުތަކަށް އިޒްރޭލުގެ ދައުލަތް ފުޅާކުރުމަށް ގެންގުޅޭ ވިސްނުމެކެވެ.