Roadha Mihaaru
އިޒްރޭލުގެ މީހުން ރާއްޖެ އަށް ދަތުރުނުކުރަން އަންގައިފި

އިޒްރޭލުގެ މީހުން ރާއްޖެ ނައުމަށް އެ ގައުމުގެ ސަރުކާރުން އަންގައިފި

20 އޮކްޓޯބަރ 2023

ރާއްޖެ އިން ފަލަސްތީނަށް ތާއީދުކޮށް، ދިވެހިން ތިބީ އެ ގައުމާ އެކު ކަމަށް ހާމަކުރަމުން އަންނާތީ، އިޒްރޭލުގެ މީހުން ރާއްޖެއަށް ދަތުރު ނުކުރުމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން އަންގައި، އިންޒާރުގެ މެސެޖެއް އިއްޔެ ނެރެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖެ އިން ފަލަސްތީނަށް ތާއީދުކޮށް، ދިވެހިން ތިބީ އެ ގައުމާ އެކު ކަމަށް ހާމަކުރަމުން އަންނާތީ، އިޒްރޭލުގެ މީހުން ރާއްޖެއަށް ދަތުރު ނުކުރުމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން އަންގައި، އިންޒާރުގެ މެސެޖެއް އިއްޔެ ނެރެފި އެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓްރީން ނެރުނު އިންޒާރުގެ ބަޔާނުގައި ބުނީ، އެ ގައުމާ ދެކޮޅު ހަރަކާތްތައް ރާއްޖޭގައި ވަރުގަދަވަމުން އަންނަ ކަމަށެވެ. އެހެންވެ، މި ދަނޑިވަޅުގައި އިޒްރޭލުގެ މީހުން ރާއްޖެ އަށް މި ވަގުތު ދަތުރު ނުކުރުމަށް އެ ބަޔާނުގައި އެ ގައުމުގެ ސަރުކާރުން އެދިފައި ވެ އެވެ،

އިޒްރޭލުގެ ނޫސް، އަރުޓްސް ޝެވާ އިން ވަނީ އެ ބަޔާން ރިޕޯޓްކޮށްފަ އެވެ.

ގިނަ އަދަދެއްގެ ބަޔަކާއެކު މާލޭގައި ބޭއްވި ބޮޑު އެއްވުން: އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން އިންތިޒާމު ކުރި "ދިވެހިން ފަލަސްތީނާއެކު" ހަރަކާތް މުޅި ރާއްޖޭގައި ވަނީ ކުރިއަށް ގެންގޮސްފަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިޒްރޭލުގެ މީހުން ރާއްޖެ އަށް ދަތުރު ނުކުރުމަށް އެ ގައުމުގެ ސަރުކާރުން އެންގި އިރ، ރާއްޖެއަށް އާންމުކޮށް ރާޅާ އެޅުމަށް ޒިޔާރަތްކުރާ އިޒްރޭލްގެ ޓޫރިސްޓަކު ވަނީ ރާއްޖެއަކީ ހަމާސް ފަދަ ހައްދުފަނައަޅާފައިވާ ޖަމާއަތްތަކަށް ފަންޑުކުރާ ތަނެއް ކަމަށް ބުނެފަ އެވެ. އޭނާ އެހެން ބުނީ، ރާއްޖެ އިން ފަލަސްތީނަށް ވަމުންދާ އެހީތައް އަދި ދިވެހިން ތިބީ ފަލަސްތީނާއެކު ކަމަށް ވާތީ އެވެ.

ދިވެހިން އަންނަނީ ފަލަސްތީނުގެ މީހުންނަށް އެހީވުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ. ފައިސާ ހޯދުމަށް ތެލަތޯން ބޭއްވުމާއި ރަށްރަށުގެ ޖަމިއްޔާތައް ގުޅިގެން ވެސް އެކި މަސައްކަތް ކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަނީ ހޯދައިފަ އެވެ.

ކޭކް ޑޮނާސް އިން އިއްޔެ ބޭއްވި ހަރަކާތުން ލިބުނު ފައިސާ، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނަށް ހަވާލުކުރަނީ.-- ފޮޓޯ: ކޭކް ޑޮނާސް

ކޭކް ޑޮނާސް އިން އިއްޔެ ބޭއްވި ހަރަކާތުން ލިބުނު ފައިސާ، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނަށް ހަވާލުކުރަނީ.-- ފޮޓޯ: ކޭކް ޑޮނާސް

ރާއްޖެ އިން ހޯދާ ފައިސާތައް ފަލަސްތީނު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޯސީ) ކިޔާ ޖަމިއްޔާއަކުންނެވެ. އެ ޖަމިއްޔާއިން އެންމެ ފަހުން ބުނެފައިވާ ގޮތުން ފަލަސްތީނު ފަންޑަށް ރާއްޖެއިން ވަނީ 15 މިލިއަން ރުފިޔާގެ އެހީ ދީފަ އެވެ.

އެ ފައިސާ އެ ގައުމުގެ ރައްޔިޔުންނަށް އެކި ގޮތްގޮތުން ފޯރުކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ވެސް އައިއޯސީން ބުންޏެވެ.

މީގެ އިތުރުން އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން މިދިޔަ ބުދަ ދުވަހު ބޭއްވި ކުއްލި ބައްދަލުވުމުގައި ރާއްޖެ އިން ވަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ހިންގާ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ބުނެ ވެސް އަޑު އުފުލާފަ އެވެ.

ދިވެހި ސަރުކާރުން އަބަދުވެސް އަންނަނީ ފަލަސްތީނުގެ މީހުންގެ ދިފާއުގައި އަޑު އުފުލައި، ބައިނަލްއަގްވާމީ މައިދާނުގައި ވެސް އެ މީހުންގެ ހައްގުތައް ދިފާއު ކުރަމުންނެވެ.

ރާއްޖެ އިން އަންނަނީ ދިވެހިން ތިބީ ފަލަސްތީނުގެ މީހުންނާ އެކު ކަމަށް ހާމަކުރުމަށް އެއްވުންތައް ބާއްވައި އަދި ފަލަސްތީނުގެ ދިދަތަކާއި ބެނާތައް ދެމުން ފަދަ ކަންކަން ވެސް ކުރަމުންނެވެ.