Roadha Mihaaru
އަފްޣާނިސްތާނުގެ މީހުން ހައްގުގައި ތެދުވާންޖެހޭ: ޝާހިދު

އަފްޣާނިސްތާން ރައްޔިތުންގެ ހައްގުގައި ދުނިޔެ ތެދުވާންޖެހޭ: ޝާހިދު

27 އޯގަސްޓް 2021

އަފްޣާނިސްތާނުގެ ރައްޔިތުންގެ ހައްގުގައި ދުނިޔެއިން ތެދުވާން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަފްޣާނިސްތާނުގެ ރައްޔިތުންގެ ހައްގުގައި ދުނިޔެއިން ތެދުވާން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން އެ ގައުމުން ފޭބުމުން ތާލިބާނުންގެ ބާރުގަދަވެ، އަފްޣާނިިސްތާނުގެ ސަރުކާރު ވަނީ ވެއްޓިފަ އެވެ. އެހެންވެ، އަފްޣާނިސްތާނުގެ ގިނަ އަދަދެއްގެ ރައްޔިތުން އެ ގައުމު ދޫކޮށްދާން މަސައްކަތް ކުރަމުން ދަނިކޮށް ވެރިރަށް ކާބުލްގެ އެއާޕޯޓު ކައިރީގައި ބޮމެއް ގޮއްވާލުމުން ގިނަ އަދަދެއްގެ އާންމުންނާއި އެމެރިކާ ސިފައިންގެ ބަޔަކު ވަނީ މަރުވެފަ އެވެ.

އެ ހަމަލާ ކުށްވެރި ކުރައްވައި، ޝާހިދު ކުރެއްވި ޓްވީޓެއްގައިވަނީ ޓެރަރިޒަމާ ދެކޮޅަށް ތެދުވުމުގެ އިތުރުން އަފްޣާނިސްތާން ރައްޔިތުންގެ ހައްގުގައި ވެސް ދުނިޔެއިން ތެދުވާން ޖެހޭ ކަމަށެވެ.

ޝާހިދުގެ ޓްވީޓް

މިއީ އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ޝާހިދު އަފްޣާނިސްތާންގެ މައްސަލާގައި އެއްޗެއް ވިދާޅުވި ފުރަތަމަ ފަހަރެވެ.

އަފްޣާނިސްތާނުގައި މިހާރު އޮތް ތާލިބާނުންގެ ސަރުކާރު ބަލައިގަތުމާ މެދު ރާއްޖެއިން ވަކި އެއްޗެއް ހާމައެއް ނުކުރެ އެވެ. އަފްޣާނިސްތަނަކީ ރާއްޖެ ހިމެނޭ ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ މެމްބަރު ގައުމަކަށް ވިޔަސް، ސާކްގެ ގައުމުތަކުން ވެސް އެކަމާ މެދު ގޮތެއް ނުނިންމަ އެވެ.

ކާބުލްގެ އެއާޕޯޓަށް އިއްޔެ ހަމަލާދިނީ އަފްޣާނިސްތާނުގެ ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ގޮފިންނެވެ. އެ ހަމަލާދިނީ އެ ގައުމު ދޫކޮށްދާން ބޭނުންވާ އެތައް ހާސް ބަޔަކު އެއާޕޯޓް ކައިރިއަށް އެއްވެފައި ތިއްބަ އެވެ. އެ ގައުމުގައި ތިބި އެމެރިކާ އާއި އިނގިރޭސިވިލާތާއި ޖަރުމަނުގެ އެތައް ހާސް ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމުގެ މަސައްކަތް އެ ގައުމުތަކުގެ ސިފައިން ކުރަމުން ދާތީ އަފްޣާނިސްތާނުގެ ގިނަ އަދަދެއްގެ މީހުން ވެސް ދަނީ އެ ފްލައިޓްތަކުގައި ގައުމުން ބޭރަށް ދާން މަސައްކަތް ކުރަމުންނެވެ.

އަފްޣާނިސްތާނަށް އެމެރިކާ ސިފައިން އެރީ ސެޕްޓެމްބަރު، 2001 ގައި އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ހަމަލާއަށްފަހު ޓެރަރިޒަމާ ދެކޮޅަށް އެމެެރިކާއިން ހަނގުުރާމަ އިއުލާން ކުރުމަށްފަހު އެވެ. އެމެރިކާ ސިފައިން އެރުމާ އެކު އޭރު އޮތް ތާލިބާނުންގެ ވެރިކަން ވެއްޓުނަސް، 20 އަހަރު ވަންދެން ކުރި މަސައްކަތުން ވެސް ތާލިބާނުން އެއްކޮށް ބަލިކޮށްލެވިފައެއް ނުވެ އެވެ. އެހެންވެ، އެ ގައުމުން އެމެރިކާ ސިފައިން ފޭބީ ތާލިބާނުންނާ އެކު ހެދި ސުލްހައިގެ އެއްބަސްވުމެއްގެ ދަށުންނެވެ.