Roadha Mihaaru
އައިއެސްގެ ހަމަލާތަކެއްގައި އަފްގާނުން 7 މީހުން މަރު

އައިއެސްގެ ހަމަލާތަކެއްގައި އަފްގާނުން ހަތް މީހުން މަރާލައިފި

19 ސެޕްޓެމްބަރ 2021

އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިން އަފްގާނިސްތާނުގައި އިއްޔެ ދިން ބޮމުގެ ހަތަރު ހަމަލާއެއްގައި މަދުވެގެން ހަތް މީހުން މަރުވެ އިތުރު އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިން އަފްގާނިސްތާނުގައި އިއްޔެ ދިން ބޮމުގެ ހަތަރު ހަމަލާއެއްގައި މަދުވެގެން ހަތް މީހުން މަރުވެ އިތުރު އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.

އަފްގާނުގައި އޮތް ތާލިބާނުންގެ ސަރުކާރުން ބުނި ގޮތުގައި އައިއެސްގެ ހަނގުރާމަވެރިން އިއްޔެ ދިން ފުރަތަމަ ހަމަލާގައި، މަގެއްގެ އަރިމަތީގައި ދެ ބޮމެއް ގޮއްވައިލީ ޖަލާލް އާބާދުގަ އެވެ. އަމިއްލަ އަށް ހަދާފައި އޮތް އަނެއް ދެ ބޮން ގޮއްވައިލީ ވެރިރަށް ކާބުލްގެ މަގެއް މަތީގަ އެވެ.

ތާލިބާނުން ބުނި ގޮތުގައި ޖަލާލް އާބާދުގައި ދިން ބޮމުގެ ހަމަލާގެ ތުހުމަތުކުރެވޭ މީހުން މިހާރު ތިބީ ހައްޔަރުކޮށްފަ އެވެ. އަދި އެމީހުންނާ ބެހޭ ގޮތުން މިހާރު ކުރިއަށް ދާ ތަހުގީގުގެ ހޯދުންތައް ފަހުން ހާމަކުރާނެ އެވެ.

ޖަލާލް އާބާދުގައި ދިން އެއް ހަމަލާއެއް އަމާޒުކުރީ، އެސަހަރުގެ މައި މަގެއްގައި ސަލާމަތީ ކަންތައް ބެލެހެއްޓުމަށް ތާލިބާންގެ ހަނގުރާމަވެރިން ދުއްވަމުން ދިޔަ ޕިކަޕަކަށެވެ. މި ހަމަލާގައި ޒަހަމްވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެ އެވެ.

އަފްގާނިސްތާނުގައި ތިބި އެމެރިކާ ސިފައިން ފައިބައިގެން ދިއުމާއެކު، ތާލިބާންގެ ހަނގުރާމަވެރިން އަފްގާނިސްތާނު ހިފީ، މިދިޔަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު އެވެ. ތާލިބާނުން މިހާރު އަންނަނީ އެ ގައުމުގައި އާ ސަރުކާރެއް އެކުލަވާލައި، ގައުމު އަލުން އާރާސްތު ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ.

ތާލިބާނުން ބުނާ ގޮތުގައި، އެމެރިކާ އާއި ނޭޓީ ސިފައިން އެ ގައުމުން ފައިބައިގެން ދިއުމާއެކު، އެ ގައުމުގެ ދާހިލީ ހަނގުރާމަ ނިމުމަކަށް އައީ އެވެ. ދެން އޮންނާނީ ގައުމު އާރާސްތުކުރުމުގެ މަސައްކަތެވެ. އަދި އެ ގައުމުގައި ދެން އުފައްދާނީ އެ ގައުމުގެ ހުރިހާ ދަރިކޮޅުތަކާއި ހުރިހާ ނަސްލުތަކެއް ބައިވެރިވާ ސަރުކާރެއް ކަމަށް ވެސް ތާލިބާނުން ބުނެ އެވެ.

ނަމަވެސް މިހާތަނަށް އިއުލާން ކުރި ކެބިނެޓް މަގާމުތަކުގެ ތެރޭގައި މުޅިން ވެސް ހިމެނެނީ ތާލިބާން ޖަމާއަތަށް ނިސްބަތްވާ މީހުންނެވެ.