Roadha Mihaaru
ކާބުލް އެއާޕޯޓަށް ހަމަލާ ދޭން އުޅުނު ބަޔަކު މަރާލައިފި

ކާބުލް އެއާޕޯޓަށް ހަމަލާ ދޭން އުޅުނު ބަޔަކު މަރާލައިފި

30 އޯގަސްޓް 2021

ޖާނުން ފިދާވެގެން، ކާބުލްގެ ވައިގެ ބަނދަރަށް ހަމަލާ ދޭން އުޅުނު ބަޔަކު، އެމެރިކާ ސިފައިން އިއްޔެ ހަމަލާދީ މަރާލައިފި އެވެ.

ޖާނުން ފިދާވެގެން، ކާބުލްގެ ވައިގެ ބަނދަރަށް ހަމަލާ ދޭން އުޅުނު ބަޔަކު، އެމެރިކާ ސިފައިން އިއްޔެ ހަމަލާދީ މަރާލައިފި އެވެ.

ކާބުލްގެ ވައިގެ ބަނދަރާ ދިމާލަށް ކާރެއްގައި ދިޔަ ބަޔަކަށް، އެމެރިކާގެ ޑްރޯން މަތިންދާބޯޓަކުން ހަމަލާ ދިން ކަން ތާލިބާނުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. އެއީ ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭން އުޅުނު ބައެއް ކަން ޔަގީންވާ ސަބަބެއް ކަމަށް ބުނެފައިވަނީ، އެމެރިކާ ސިފައިން ހަމަލާ ދިންތާ އިރުކޮޅެއް ފަހުން ވެސް، އެ ކާރުން ބާރުގަދަ ގޮވުމެއް ގޮވާފައިވުމެވެ.

އެހެންކަމުން އެއީ، ގޮވާ ތަކެތި ހަރުކޮށްފައި އޮތް ކާރެއް ކަމަށް ތާލިބާނުން ވެސް ބުނެ އެވެ. އޭގެ އިތުރުން، އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިން ތިބި ކަމަށް ބެލެވުނު އިމާރާތަކަށް ވެސް އެމެރިކާގެ ޑްރޯން މަތިންދާބޯޓުތަކުން ހަމަލާ ދިނެވެ.

ތާލިބާނުން ބުނި ގޮތުގައި އައިއެސްގެ ހަނގުރާމަވެރިން ތިބި ކަމަށް ބެލެވުނު އިމާރާތަށް ދިން މިސައިލް ހަމަލާގައި އާންމުންގެ ހަ މީހަކު މަރުވި އެވެ. އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނެ އެވެ.

އަފްގާނިސްތާނުގައި އުޅޭ އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންނަށް، އެމެރިކާ ސިފައިން ހަމަލާތަކެއް ދޭން މި ފެށީ މިދިޔަ ބުރާސްފަތި ދުވަހު، އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިއަކު، ކާބުލް ވައިގެ ބަނދަރުގެ ބޭރު ދޮރޯށި ކައިރީގައި، ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި ގިނަ އަދަދެއްގެ ބަޔަކު މަރާލާފައި ވަނިކޮށެވެ. އެ ހަމަލާގައި 170 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. އޭގެ ތެރޭގައި އެމެރިކާ ސިފައިންގެ 13 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން 200 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ.

އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ހަމަލާތަކެއް ދޭން ފަށާފައި މިވަނީ، ވިހި އަހަރަށް ފަހު އެމެރިކާ އާއި ނޭޓޯ ސިފައިން އަފްގާނިސްތާނުން ފޭބުމުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތްތައް ކުރިއަށް ދާ ދަނޑިވަޅެއްގަ އެވެ.

އެމެރިކާ އާއި ތާލިބާން ޖަމާއަތާ ދެމެދު އެއްބަސްވެފައިވާ ގޮތުން، މާދަމާގެ ނިޔަލަށް، އެމެރިކާ އާއި ނޭޓޯގެ ހުރިހާ ސިފައިން އަފްގާނިސްތާނުން ފައިބާނެ އެވެ.

މިއަހަރުގެ މެއި މަހުން ފެށިގެން އެމެރިކާ ސިފައިން އަފްގާނުން ފައިބަން ފެށުމާ އެކު، އަފްގާނު ސަރުކާރުގެ ސިފައިންނާ ދެކޮޅަށް ތާލިބާން ޖަމާއަތުން ދޭ ހަމަލާތައް ވަރުގަދަކުރި އެވެ. އަދި ޖުލައި މަސް ފެށުނު އިރު އަފްގާނިސްތާނުގެ ރަށްފުށުގެ ބޮޑު ސަރަހައްދެއް އޮތީ ތާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ.

އެއަށް ފަހު ޕްރޮވިންސްތަކުގެ މައި ރަށްތަކާއި ވެރިރަށްތައް ހިފަން ފެށި އިރު، ތާލިބާންގެ ހަނގުރާމަވެރިން ފަހަތަށް ޖެއްސުމުގައި ސަރުކާރު ސިފައިންނަށް މާ ބޮޑު ކުރިއެރުމެއް ނުލިބެ އެވެ. ތާލިބާންގެ ހަނގުރާމަވެރިން، އޮގަސްޓް 14 ވަނަ ދުވަހުގެ ރޭ، ވެރިރަށް ކާބުލް ހިސާރުކުރުމުން، ސަރުކާރު ސިފައިން ހަތިޔާރު ބަހައްޓައި ފިލައިގެން ދިޔަ އެވެ.

އޮގަސްޓް 15 ވަނަ ދުވަހު، އަފްގާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ގައުމު ދޫކުރައްވައި އެމިރޭޓްސް އަށް ވަޑައިގަތުމުން، އެ ދުވަހު ތާލިބާނުން ކާބުލް އަށް ވަދެ، ރިއާސީ ގަނޑުވަރާއި ސަރުކާރުގެ މައި އިދާރާތައް އެމީހުންގެ ބާރުގެ ދަށަށް ގެންދިޔަ އެވެ.

ތާލިބާނުން ކާބުލް ހިފުމާ ގުޅިގެން، އެމެރިކާ ސިފައިން ކާބުލްގެ ވައިގެ ބަނދަރު އެމީހުންގެ ބާރުގެ ދަށަށް ގެންގޮސް، އަފްގާނިސްތާނުގައި ތިބި އެމެރިކާގެ ޑިޕްލޮމޭޓުންނާއި އެމެރިކާ ސިފައިންގެ އިތުރުން، އެމެރިކާ ސިފައިންނަށް އެހީތެރިވެދިން އަފްގާނިސްތާނު ރައްޔިތުން އެ ގައުމުން ބޭލުމުގެ މަސައްކަތް ފެށި އެވެ.

އެ މަސައްކަތުގެ ދަށުން މިހާތަނަށް 117،000 އަށް ވުރެ ގިނަ މީހުން، އަފްގާނިސްތާނުން ބޭރަށް ގެންދެވިއްޖެ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ބުނެ އެވެ. އޭގެ އިތުރުން ނޭޓޯގެ ގައުމުތަކުން ވެސް ގިނަ އަދަދެއްގެ ބަޔަކު އަފްގާނިސްތާނުން ބޭރަށް ގެންގޮސްފި އެވެ.