Roadha Mihaaru
ކާބުލްގެ ވައިގެ ބަނދަރަށް ރޮކެޓް ހަމަލާތަކެއް

ކާބުލްގެ ވައިގެ ބަނދަރަށް ރޮކެޓް ހަމަލާތަކެއް

30 އޯގަސްޓް 2021

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ވައިގެ ބަނދަރަށް އަމާޒުކޮށް މިއަދު ހެނދުނު ރޮކެޓް ހަމަލާތަކެއް ދީފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފި އެވެ.

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ވައިގެ ބަނދަރަށް އަމާޒުކޮށް މިއަދު ހެނދުނު ރޮކެޓް ހަމަލާތަކެއް ދީފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފި އެވެ.

އެމެރިކާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި ކާބުލްގެ ވައިގެ ބަނދަރަށް އަމާޒުކޮށް މިއަދުގެ ހެނދުނު ފަސް ރޮކެޓެއް ފޮނުވައިލި އެވެ. ނަމަވެސް އެ ރޮކެޓްތައް ވައިގެ ބަނދަރާ ހަމައަށް ފޯރުމުގެ ކުރިން، ކާބުލްގައި އެމެރިކާ ސިފައިން ގާއިމުކޮށްފައިވާ މިސައިލުން ދިފާއުވާ ނިޒާމުގެ އެހީގައި، އެ ރޮކެޓްތައް ވަނީ ވައިގެ ތެރޭގައި ގޮއްވާލައިފަ އެވެ.

އެމެރިކާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި މިއަދު ހެނދުނު ދިން ރޮކެޓް ހަމަލާތަކުގައި އެމެރިކާ ސިފައިންގެ އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. ނަމަވެސް ކާބުލް ވައިގެ ބަނދަރާ ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުން ބުނި ގޮތުގައި، ވައިގެ ތެރެއިން އެއްޗެހިތަކެއް ގޮވި އަޑު އިވުމަށް ފަހު، އެ މީހުންގެ ފުރާޅުތަކަށާއި މަގުތަކަށް، ދަގަނޑު އެތިކޮޅުތަކެއް ވެއްޓިފައިވެ އެވެ. ބެލެވޭ ގޮތުގައި އެއީ ރޮކެޓްގެ ބައިތަކެވެ.

އެމެރިކާ ސިފައިން ބުނާ ގޮތުގައި ކާބުލް ވައިގެ ބަނދަރާ ދިމާލަށް ރޮކެޓްތައް އުދުއްސައިލީ، މަގެއްގެ މަތީގައި ޕާކްކޮށްފައި އޮތް އުޅަނދެއްގެ ބިއްދޮށުންނެވެ. ނަމަވެސް އެ ހަމަލާތަކުގެ ޒިންމާ މިހާތަނަށް އެއްވެސް ބަޔަކު ނުނަގަ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ ކާބުލްގެ ވައިގެ ބަނދަރަށް ޓެރަރިސްޓް ހަމަލާތަކެއް ދިނުމުގެ ނުރައްކާ އަދިވެސް އެބަ އޮތް ކަމަށެވެ. އަދި މިއަދު ދިން ރޮކެޓް ހަމަލާތަކުގެ ސަބަބުން، އެމެރިކާ ސިފައިން މިހާރު ކުރަމުން އަންނަ މަސައްކަތަށް އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

ކާބުލްގެ ވައިގެ ބަނދަރަށް ބަޔަކު ރޮކެޓް ހަމަލާތަކެއް މިދިނީ، އިސްލާމިކް ސްޓޭޓް އޮފް ޚުރާސާން (އައިއެސް-ކޭ) ޖަމާއަތުގެ ހަނގުރާމަވެރިންގެ އަމާޒުތަކަކަށް ކަމަށް ބުނެ، އެމެރިކާގެ ޑްރޯން މަތިންދާބޯޓުތަކަކުން ދިން ހަމަލާތަކެއްގައި، ކުޑަކުދިންތަކެއް ހިމެނޭ ގޮތުން، އާންމުން ބަޔަކު މަރުވެފައި ވަނިކޮށެވެ. އަފްގާނިސްތާނުގެ ނޫސްތަކުން ބުނާ ގޮތުގައި، ގޮވާތަކެތި ބަރުކޮށްފައި އޮތް ކަމަށް ބުނާ ކާރަކަށް ދިން މިސައިލް ހަމަލާގައި ގިނައިން މަރުވީ ކުޑަކުދިންނެވެ.

އެމެރިކާ ސިފައިން މި ހަމަލާ ދިނުމުގެ ކުރިން، ތާލިބާން ޖަމާއަތަށް އެކަމުގެ މައުލޫމާތު ނުދީ، އަފްގާނިސްތާނުގެ އިމުގެ ތެރޭގައި އަސްކަރީ ހަރަކާތެއް ހިންގުމުން، ތާލިބާނުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

ޗައިނާގެ ރަސްމީ ޓީވީ އަށް ތާލިބާނުންގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ދިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި އެމެރިކާ ސިފައިން އެކުރީ ގާނޫނާ ހިލާފު އަމަލެކެވެ. މިދިޔަ ހޮނިހިރު ދުވަހު ދިން ޑްރޯން ހަމަލާގައި ވެސް ހަތް މީހުން މަރުވި ކަމަށް ވެސް އޭނާ ބުންޏެވެ.

ޒަބީހުﷲ ބުނި ގޮތުގައި އަފްގާނިސްތާނުގެ ތެރެއިން އެމެރިކާ ސިފައިންނަށް ނުރައްކަލެއް ކުރިމަތިވާ ކަން އެނގޭ ނަމަ، އެކަން ފުރަތަމަ އަންގަން ޖެހޭނީ ތާލިބާން ޖަމާއަތަށެވެ. އެފަދަ ކަމެއްގައި އަމިއްލަ އަށް ހަމަލާތަކެއް ދީގެން އާންމުން މަރާނީ ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކާބުލްގެ ވައިގެ ބަނދަރު ބޭރު ދޮރޯށި ކައިރީގައި، އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިއަކު ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި 170 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި 200 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.