Roadha Mihaaru
މަތިންދާބޯޓުން އެ ވެއްޓުނީ އިންސާނުންތަ؟

މަތިންދާބޯޓުން އެ ވެއްޓުނީ އިންސާނުންތަ؟

17 އޯގަސްޓް 2021

މި އަހަރުގެ މެއި މަހުން ފެށިގެން ތާލިބާން ޖަމާއަތުގެ ހަމަލާތައް ވަރުގަދަކުރަން ފެށުމުން، އެކަމާ އެންމެ ބޮޑަށް ޖެހިލުންވެ ކަންބޮޑުވީ، އެ ގައުމުގެ އާންމު ރައްޔިތުންނެވެ. އެއީ 1996-2001 އަށް ތާލިބާނުން އަފްގާނިސްތާނުގައި ވެރިކަން ކުރި ދުވަސްވަރު، ކަންހިނގައި ދިޔަ ގޮތް ހަނދާން ހުރުމުންނެވެ.

މި އަހަރުގެ މެއި މަހުން ފެށިގެން ތާލިބާން ޖަމާއަތުގެ ހަމަލާތައް ވަރުގަދަކުރަން ފެށުމުން، އެކަމާ އެންމެ ބޮޑަށް ޖެހިލުންވެ ކަންބޮޑުވީ، އެ ގައުމުގެ އާންމު ރައްޔިތުންނެވެ. އެއީ 1996-2001 އަށް ތާލިބާނުން އަފްގާނިސްތާނުގައި ވެރިކަން ކުރި ދުވަސްވަރު، ކަންހިނގައި ދިޔަ ގޮތް ހަނދާން ހުރުމުންނެވެ.

އަފްގާނިސްތާނުގައި އޮތް ވެރިކަން ވެއްޓި، ތާލިބާނުންގެ ބާރުގެ ދަށަށް ގައުމު ހިނގައްޖެ ނަމަ، ތާލިބާނުންގެ އުސޫލުތައް ގަބޫލުނުކުރާ މީހުން ކުރިމަތިލާންޖެހޭނެ އަނިޔާ އާއި ބޭއިންސާފު ހިތަށް އަރާތީ، ގިނަ ބަޔަކު މާކުރިން ވެސް ނިންމައިގެން ތިބީ، ތާލިބާނުން ގައުމު ހިފައިފި ނަމަ، ގައުމު ދޫކޮށް ދާށެވެ. އަވައްޓެރި ގައުމަކަށް ނުވަތަ، އެމެރިކާ އާއި ނޭޓޯ ސިފައިންނާ އެކު، އެއިން ގައުމަކަށެވެ.

ތާލިބާނުންގެ ހަނގުރާމަވެރިން، މި މަހުގެ 15 ވަނަ ދުވަހު އަފްގާނިސްތާނުގެ ވެރިކަން ވައްޓާލައި، ވެރިރަށް ކާބުލް އަށް ވަންނަން ފެށުމާ އެކު، ކާބުލްގެ މަގުތައް ފުރިގެން ދިޔައީ، އެ ރަށުން ނުކުމެގެން ފިލަން ދުވި މީހުންތަކުންނެވެ. އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިން ގޮވައިގެން، ގިނަ ބަޔަކު ދުވަމުން ދިޔައީ ކާބުލްގެ ހާމިދު ކަރުޒާއީ ބައިނަލްއަގުވާމީ ވައިގެ ބަނދަރާ ދިމާލަށެވެ.

އެއީ، އަފްގާނިސްތާނުގައި ތިބި އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގެ ޑިޕްލޮމޭޓުންނާއި އާންމު ރައްޔިތުން، އެ ގައުމުން ބޭލުމަށް، އެމެރިކާ އާއި އެހެން ބައެއް ގައުމުތަކުގެ އަސްކަރީ މަތިންދާބޯޓުތައް އައުމާ ގުޅިގެން، އެ ބޯޓުތަކުގައި ގައުމުން ފުރައިގެން ދިއުމަށެވެ. އޭރު ކާބުލްގެ ވައިގެ ބަނދަރު އޮތީ، އެމެރިކާ ސިފައިންގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށްވާތީ، އެތަނަށް ވަދެވިއްޖެ ނަމަ ތާލިބާނުންގެ ހަމަލާތަކުން ރައްކާތެރިވެވޭނެ ކަމުގެ ޔަގީންކަން އޮތުމުންނެވެ.

އެމެރިކާ ސިފައިންގެ އަސްކަރީ މަތިންދާބޯޓުތަކުގައި އަފްގާނިސްތާނުން ބޭރަށް ގެންދިޔަ ފުރަތަމަ ބަޔަކީ، އެމެރިކާގެ ޑިޕްލޮމޭޓުންނާއި އެކުވެރި ގައުމުތަކުގެ ޑިޕްލޮމޭޓުންނެވެ. އެއަށް ފަހު، އެމެރިކާ އާއި އެކުވެރި ގައުމުތަކުގެ އާންމު ރައްޔިތުންނެވެ. އަދި ތިން ވަނަ މަރުހަލާގައި އަފްގާނުން ބޭރުކުރާނީ، އެމެރިކާ ސިފައިންނަށް އެހީތެރިވެދިން އަފްގާން ރައްޔިތުންނެވެ.

އަފްގާނިސްތާނުގެ ބަޔަކު ވެސް އެމެރިކާ ސިފައިންނާ އެކު ގައުމުން ބޭރަށް ގެންދާނެކަން އެނގުމާ އެކު، ގިނަ ބަޔަކު ކާބުލް ވައިގެ ބަނދަރަށް، އޮގަސްޓް 15 ވަނަ ދުވަހުގެ ހެނދުނުން ފެށިގެން ޖަމާވަމުން ދިޔަ އެވެ. ވައިގެ ބަނދަރުގައި ތިބި އެމެރިކާ ސިފައިންނަށް، އަފްގާނުގެ އާންމުން އާދޭސް ކުރަމުން ދިޔައީ، އެމީހުންގެ މަތިންދާބޯޓުތަކުގައި އަފްގާނިސްތާނުން ބޭރަށް ގެންގޮސްދިނުމަށެވެ.

އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއްގެ އިންޖީނުގެ އަޑު އިވޭ އިރަށް، ވައިގެ ބަނދަރަށް އެއްވެ ތިބި މީހުންގެ މެދުގައި ހަލަބޮލިކަން އުފެދިގެންދެ އެވެ. ބޯޓަކަށް މީހުން އަރުވާކަން އެނގޭ އިރަށް، އެތައް ބަޔަކު ބޯޓާ ދިމާއަށް ދުއްވައިގަނެ އެވެ. އެމީހުން މައިތިރި ކުރުމަށް، އެމެރިކާ ސިފައިން ވައިގެ ތެރެއަށް ބަޑިވެސް ޖަހަން ޖެހުނެވެ.

އެމެރިކާގެ ސީ-17 މަރުކާގެ، މުދާ އުފުލާ އަސްކަރީ މަތިންދާބޯޓެއް، ބަޔަކު ގޮވައިގެން ކާބުލްގެ ވައިގެ ބަނދަރުން ފުރުމަށް އިއްޔެ ތައްޔާރުވި އިރު، ބޯޓުގެ ތިން ފުރޮޅުގެ ހައިޑްރޯލިކް މުޑީގައި އެތައް ބަޔަކު އިށީނދެގެން ނުވަތަ އެލިގަނެގެން ތިއްބެވެ. އެ މީހަކަށް ހިފުނު ތަނަކުން ބޯޓުގައި ހިފަހައްޓައިގެން އެތައް ބަޔަކު ތިއްބެވެ.

ބޯޓު ރަންވޭ އަށް ނުކުތުމަށްޓަކައި މަޑު ދުވެލީގައި ދުއްވަމުން ދިޔައިރު، އިތުރު އެތައް ހާސް ބަޔަކު އެ ބޯޓާ އެކު ދުވަމުން، އަދި އަނެއް ބަޔަކު ބޯޓުގެ ތަނެއްގައި ހިފޭތޯ މަސައްކަތް ކުރަމުން ދިޔަ އެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި، އެމީހުން ބޯޓާ އެއްވަރަށް ދުވަމުން ގޮސް، ރަންވޭ އަށް ނުކުމެ އޭގެ ދުވެލި ބާރުކޮށްލުމާ އެކު، މީހުންތައް އެއްފަރާތް ވެގެން ދިޔަ އެވެ.

ދެން ފެންނަނީ، އެ ބޯޓު ބާރު ދުވެލީގައި ރަންވޭގައި ދުއްވާފައި ގޮސް، ވައިގެ ތެރެއަށް އުދުހިގެން އެރި މަންޒަރެވެ. ބޯޓު ވައިގެ ތެރެއަށް އަރައިގެން ދިޔަ މަންޒަރު ބޯޓުގެ ކުރިން ވެސް އަދި ފަހަތުން ވެސް ވީޑިއޯ ކޮށްފައިވެ އެވެ.

ގާތްގަނޑަކަށް 200 ނުވަތަ 300 ފޫޓަށް ވުރެ ވެސް މައްޗަށް ބޯޓު އެރިތަނުން، ދެން ފެނުނީ ބޯޓުން ދެ އެއްޗެއް ވެއްޓޭ މަންޒަރެވެ. ބައެއް މީހުން ބުނާ ގޮތުގައި ބޯޓުން އެ ވެއްޓުނީ، ބޯޓުގެ ފުރޮޅުތަކުގައި އެލިގަނެގެން ތިބި މީހުންގެ ތެރެއިން ބައެކެވެ. އެމީހުން ވެއްޓުނު ކަމަށް ބެލެވެނީ، ބޯޓުގެ ފުރޮޅު މައްޗަށް ނެގުމުގެ ތެރޭގަ އެވެ.

ބައެއް މީޑިއާތަކުން ބުނާ ގޮތުގައި އެ ބޯޓުގެ ފުރޮޅު މައްޗަށް އަރަމުން ދިޔަ ވަގުތު، ރަނގަޅަށް ނުހިފެހެއްޓުނު ތިން މީހަކު ބޯޓުން ވެއްޓުނެވެ. އެ ތިން މީހުން ވެސް ވެއްޓުނީ ވައިގެ ބަނދަރާ ކައިރީގައި ހުރި ގެތަކެއްގެ ފުރާޅު މައްޗަށެވެ. އަދި ތިން މީހުން ވެސް ވަނީ ވެއްޓި ޖެހުމާ އެކު މަރުވެފަ އެވެ.