Roadha Mihaaru
އަފްގާނު ހަނގުރާމައިން އެމެރިކާއަށް މަންފާއެއް ނުކުރި: ބައިޑެން

އަފްގާން ހަނގުރާމައިން އެމެރިކާއަށް މަންފާއެއް ނުކުރި: ބައިޑެން

01 ސެޕްޓެމްބަރ 2021

އަފްގާނިސްތާނުގައި 20 އަހަރު ވަންދެން އެމެރިކާ ސިފައިން ބައިތިއްބައިގެން ކުރި ހަނގުރާމައިން، އެމެރިކާ ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުކުރި ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

އަފްގާނިސްތާނުގައި 20 އަހަރު ވަންދެން އެމެރިކާ ސިފައިން ބައިތިއްބައިގެން ކުރި ހަނގުރާމައިން، އެމެރިކާ ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުކުރި ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސްގައި ރޭ ވާހަކަ ދައްކަވަމުން ބައިޑެން ވިދާޅުވި ގޮތުގައި އެމެރިކާ ސިފައިން އަފްގާނިސްތާނުން ބޭލުމަށް ނިންމި ނިންމުމާ މެދު، އޭނާ މަސްއޫލުވެވަޑައިގަންނަވާނެ އެވެ. ހަނގުރާމަ ނިންމުމަށް ފަހު، އަފްގާނިސްތާނުން ފޭބިއިރު، 120 ހާހަށް ވުރެ ގިނަ މީހުން އަފްގާނިސްތާނުން ބޭރަށް ގެންދިއުމުގައި، އެމެރިކާ ސިފައިން ކުރި މަސައްކަތަށް ބައިޑެން ވަރަށް ބޮޑަށް ތައުރީފު ކުރެއްވި އެވެ.

ބައިޑެން ވިދާޅުވީ އަފްގާނިސްތާނުން އެމެރިކާ ސިފައިން ބާލަން ނިންމި ނިންމުމަކީ ސީދާ އޭނާގެ ނިންމެވުމެއް ކަމަށެވެ. އަދި ވިދާޅުވީ އެމެރިކާ ސިފައިންގެ އެތައް ހާސް ބަޔަކު އަފްގާނިސްތާނުގައި ބައިތިއްބައިގެން، އެމެރިކާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އެމެރިކާ ރައްޔިތުންގެ މަސްލަހަތަށް މަންފާއެއް ނުކުރާ ހަނގުރާމައެއްގައި ދެމިއޮންނަން އަބަދުވެސް އިންކާރު ކުރަން. މީގެ 20 އަހަރު ކުރިން އަފްގާނިސްތާނުގެ ހަނގުރާމަ ފެށީއްސުރެ، އެމެރިކާ އޮތީ ރައްކާތެރިކަމުގެ ތެރޭގައެއް ނޫން. ވޭތުވެ ދިޔަ 20 އަހަރުގެ ތެރޭގައި އަފްގާނިސްތާނު ހަނގުރާމައަށް ކޮންމެ ދުވަހަކު 300 މިލިއަން ޑޮލަރު އަހަރެމެން ހަރަދުކޮށްފިން،" ބައިޑެން ވިދާޅުވި އެވެ.

އަފްގާނިސްތާނު ހަނގުރާމައިން ލިބުނު ފިލާވަޅުތަކުން، އެމެރިކާ އިބްރަތް ހާސިލްކުރަންޖެހޭ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ވޭތުވެ ދިޔަ 18 ދުވަހުގެ ތެރޭގައި، އެމެރިކާ އާއި ނޭޓޯ ސިފައިން ގުޅިގެން ހިންގި އަސްކަރީ ހަރަކާތުގައި، 120 ހާހަށް ވުރެ ގިނަ މީހުން، ވައިގެ މަގުން އަފްގާނިސްތާނުން ބޭރަށް ގެންދެވުމަކީ ލިބުނު ކާމިޔާބެއް ކަމަށެވެ.

ބައިޑެން ވިދާޅުވި ގޮތުގައި މި އަހަރުގެ ކުރީކޮޅު އޭނާ ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ތާލިބާނުން އޮތީ 2001 ވަނަ އަހަރު އެ ޖަމާއަތް އޮތް ވަރަށް ވުރެ ވެސް އަސްކަރީ ގޮތުން ބާރުގަދަ ޖަމާއަތަކަށް ވެފަ އެވެ. އަދި އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމާ ބެހޭ ގޮތުން ތާލިބާނުންނާ އެކުގައި އެއްބަސްވުމެއް ގާއިމުކުރީ ވެސް ކުރީގެ ރައީސް ޑޮނަލްޑް (ޓްރަމްޕުގެ) ސަރުކާރުން ކަމަށާއި، ތާލިބާނުންގެ ބާރު ގަދަވެގެން ދިޔައީ ވެސް ކުރީ ސަރުކާރުގެ ސަބަބުން ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.

އަފްޣާނިސްތާނުގެ ހެލްމަންދް ޕްރޮވިންސްގައި އެމެރިކާ ސިފައިންގެ ބަޔަކު 2010 ވަނަ އަހަރުގެ ތެރޭގައި ތާލިބާނުންނާ ދެކޮޅަށް ހިންގި އަސްކަރީ ހަރަކާތެއްގެ ތެރެއިން. --ފޮޓޯ:އޭއެފްޕީ

އަފްޣާނިސްތާނުގެ ހެލްމަންދް ޕްރޮވިންސްގައި އެމެރިކާ ސިފައިންގެ ބަޔަކު 2010 ވަނަ އަހަރުގެ ތެރޭގައި ތާލިބާނުންނާ ދެކޮޅަށް ހިންގި އަސްކަރީ ހަރަކާތެއްގެ ތެރެއިން. --ފޮޓޯ:އޭއެފްޕީ

އޮގަސްޓް 30 ވަނަ ދުވަހުގެ ރޭގެ މެންދަމުން ފަހުގެ ވަގުތެއްގައި އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބައިގެން ދިޔައިރު، އެމެރިކާގެ އިތުރު 200 ވަރަކަށް މީހުން އަދިވެސް އަފްގާނިސްތާނުގައި އެބަތިއްބެވެ. އެމީހުން ވެސް ތިބީ އަފްގާނިސްތާނުން ބޭރުވާން ބޭނުންވެފައި ކަމަށް ބައިޑެން ވިދާޅުވި އެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބައިގެން ދިޔައިރު، އެމެރިކާ ސަރުކާރާއި ތާލިބާން ޖަމާއަތާ ދެމެދު އެއްބަސްވި ގޮތަށް، ކާބުލް ވައިގެ ބަނދަރު އޮތީ އެމެރިކާ ސިފައިންގެ ބެލުމުގެ ދަށުގަ އެވެ. ވައިގެ ބަނދަރަށް ދެވެން އޮންނަ މަގުތައް ބަލަހައްޓަމުން އައީ ތާލިބާންގެ ހަނގުރާމަވެރިންނެވެ.

ދެ ފަރާތުގެ މެދުގައި އެއްބަސްވެފައިވާ ގޮތުގެ މަތިން، 31 އޮގަސްޓުގެ ނިޔަލަށް އެމެރިކާ އާއި ނޭޓޯ ސިފައިން އަފްގާނިސްތާނުން ފައިބައިގެން ދިޔައިރު، އެގައުމުން ބޭރަށް ގެންދަންޖެހޭ އިތުރު ބަޔަކު ތިބި ނަމަ، އެ ބަޔަކަށް އަފްގާނިސްތާނުން ބޭރުވެވޭނެ މަގު ފަހިކޮށްދިނުމަށް ތާލިބާނުން ވަނީ އެއްބަސްވެފަ އެވެ.

އެހެންކަމުން ބައިޑެން އިއްޔެ ވިދާޅުވީ އަފްގާނިސްތާނުގައި މިހާރު ތިބި ބޭރު ގައުމުތަކުގެ މީހުންނާއި އަފްގާނިސްތާނު ރައްޔިތުންގެ ތެރެއިން ގައުމު ދޫކޮށް ދާން ބޭނުންވާ ބަޔަކު ތިބި ނަމަ، އެމީހުން އަފްގާނިސްތާނުން ބޭރުވުމުގެ ފުރުސަތު ތާލިބާނުން ފަހިކޮށްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ބައިޑެން ވިދާޅުވި ގޮތުގައި އެމެރިކާ އިން އަބަދުވެސް ބަލާނީ ތާލިބާނުން ބުނާ ބަހަކަށް ނޫނެވެ. ތާލިބާނުން އަމަލުކުރާ ގޮތަކަށެވެ.

ބައިޑެން ވިދާޅުވީ އަފްގާނިސްތާނުން އެމެރިކާ ސިފައިން ފައިބައިގެން ދިޔަ ކަމުގައި ވިޔަސް، ޓެރަރިޒަމާ ދެކޮޅަށް އަފްގާނިސްތާނުގައި އެމެރިކާ ސިފައިން ކުރާ ހަނގުރާމަ އަދިވެސް ކުރިއަށް ދާނެ ކަމަށެވެ. އިސްލާމިމް ސްޓޭޓް-ޚުރާސާން (އައިއެސް-ކޭ) އާ ދެކޮޅަށް، އެމެރިކާ ސިފައިން ފަށާފައިވާ ހަނގުރާމަ އަދި ހުއްޓައިނުލާ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.