Roadha Mihaaru
ސިފައިން އަފްގާނުގައި ތިބުމާ މެދު މަޝްވަރާ ކުރާނަން

ސިފައިން އަފްގާނުގައި ތިބުމާ މެދު މަޝްވަރާ ކުރާނަން: ބައިޑެން

23 އޯގަސްޓް 2021

އެމެރިކާ ސިފައިން އަފްގާނިސްތާނުން އެކުގައި ބޭލުމަށް ކަނޑައަޅާފައިވާ ތާރީހު ކަމަށްވާ، އޮގަސްޓް 31 އަށް ފަހު، އެމެރިކާ ސިފައިން އެ ގައުމުގައި ބޭތިއްބުމާ މެދު މަޝްވަރާ ކުރައްވާނެ ކަމަށް، ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނުން އެކުގައި ބޭލުމަށް ކަނޑައަޅާފައިވާ ތާރީހު ކަމަށްވާ، އޮގަސްޓް 31 އަށް ފަހު، އެމެރިކާ ސިފައިން އެ ގައުމުގައި ބޭތިއްބުމާ މެދު މަޝްވަރާ ކުރައްވާނެ ކަމަށް، ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.

އެމެރިކާ ސިފައިން މިހާރު އަފްގާނިސްތާނުގައި ކުރަމުންދާ މަސައްކަތަކީ، އަފްގާނުގައި ތިބި އެމެރިކާ ރައްޔިތުންނާއި، ތާލިބާނުން އަފްގާނިސްތާނު ހިފުމާ ގުޅިގެން، އެ ގައުމު ދޫކޮށް ދާން ބޭނުންވާ މީހުން، އެ ގައުމުން ބޭރުކުރުމުގެ މަސައްކަތެވެ.

ބައިޑެން ވިދާޅުވީ އަފްގާނިސްތާނުން މީހުން ބޭރު ކުރުމުގެ މަސައްކަތް ނިމޭނެ ވަކި ތާރީހެއް ބުނަން ދަތި ކަމަށެވެ. ނަމަވެސް އޭނާ ބޮޑަށް ބުރަވަނީ އޮގަސްޓް 31 ގެ ފަހުން އެމެރިކާ ސިފައިން އަފްގާނިސްތާނުގައި ނުތިބުން ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޮގަސްޓް 31 ގެ ފަހުން ވެސް އެމެރިކާ ސިފައިން އަފްގާނިސްތާނުގައި ތިބުމަށް ބައެއް ގައުމުތަކުން ގޮވައިލަމުން އަންނާތީ، އެކަމާ ގުޅޭ ގޮތުން އެމެރިކާގެ އަސްކަރިއްޔާގެ ވެރިންނާ އެކުގައި މަޝްވަރާ ކުރައްވާނެ އެވެ. އަދި މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ، އަފްގާނިސްތާނުގައި ތިބި އެމެރިކާ ރައްޔިތުން ރައްކާތެރިކަމާ އެކު އެ ގައުމުން ބޭރުކުރުމަށް ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނުން ބޭލުމުގެ މަސައްކަތް މިދިޔަ ޖުލައި މަހުން ފެށިގެން ހަލުވިކޮށްފައިވާ އިރު، ސިފައިންގެ އިތުރުން 33 ހާސް މީހުން މިހާތަނަށް އަފްގާނިސްތާނުން ބޭރަށް ގެންގޮސްފައިވާނެ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.

ބައިޑެން އިއްޔެ ވެސް ތަކުރާރުކޮށް ވިދާޅުވީ، އަފްގާނިސްތާނުގައި އޮތް ވެރިކަން ވެއްޓި އެ ގައުމު ތާލިބާނުންގެ ބާރުގެ ދަށަށް ދިޔަ ކަމުގައި ވިޔަސް، އެމެރިކާ ސިފައިން އަފްގާނިސްތާނުން ބޭލުމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ.

"މިހާރު އަހަރެމެން އަފްގާނިސްތާނުން ނުފައިބައިފި ނަމަ، ދެން ކޮން އިރަކުންތޯ ފައިބާނީ؟ އިތުރު 10 އަހަރު ފަހުންތޯ؟ ނޫނީ އިތުރު ފަސް އަހަރު ފަހުންތޯ، ނޫނީ އިތުރު އެއް އަހަރު ފަހުންތޯ؟" ބައިޑެން ސުވާލު ކުރެއްވި އެވެ.

ބައިޑެން ވިދާޅުވީ އެއްވެސް ބޭނުމެއް ނެތް ހަނގުރާމައެއް ކުރަން، އެމެރިކާ ސިފައިން އެއްވެސް ތަނަކަށް ފޮނުވަން އޭނާ ބޭނުން ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ އެއްވެސް އިރެއްގައި ތާލިބާނުންނަށް އިތުބާރު ނުކުރައްވާ ކަމަށާއި، ނަމަވެސް އެމެރިކާ ރައްޔިތުން އަފްގާނިސްތާނުން ފޭބުމަށް ފުރުސަތު ދޭނެކަމަށް ތާލިބާނުން ވެފައިވާ ވައުދާ އެއްގޮތަށް، ތާލިބާނުން އަމަލު ކުރަމުން އަންނަ ކަމަށެވެ.

އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސުލީވާން އިއްޔެ ވިދާޅުވި ގޮތުގައި ކާބުލްގެ ވައިގެ ބަނދަރަށް އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިން ހަމަލާއެއް ދިނުމުގެ ނުރައްކާ އަދިވެސް އެބަ އޮތެވެ.

"އެއީ ހަގީގީ ނުރައްކަލެއް. އެއީ މިހާރުވެސް އަފްގާނިސްތާނުގައި ތިބި ބައެއް. އަހަރެމެން މިތިބީ އެފަދަ ކަމަކަށް ވަރަށް ރަނގަޅަށް ފާރަލައި ބަލަން. އަހަރެމެން އެތަނުގައި ތިބިހާ ހިނދަކު އެފަދަ ހަމަލާތައް ނާކާމިޔާބުކޮށްލަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން،" ޖޭކް ސުލީވާން ވިދާޅުވި އެވެ.