Roadha Mihaaru
މަސައްކަތް ނިމެންދެން އަފްގާނުގައި ސިފައިން ތިބޭނެ

އެމެރިކާ ރައްޔިތުން ބޭރުކުރެވެންދެން ސިފައިން އަފްގާނުގައި ތިބޭނެ: ބައިޑެން

19 އޯގަސްޓް 2021

އަފްގާނިސްތާނުގައި ތިބި އެމެރިކާގެ ހުރިހާ ރައްޔިތުން އެ ގައުމުން ބޭރަށް ގެންގޮސް ނިމެންދެން، އެމެރިކާ ސިފައިން އަފްގާނިސްތާނުގައި ތިބޭނެ ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.

އަފްގާނިސްތާނުގައި ތިބި އެމެރިކާގެ ހުރިހާ ރައްޔިތުން އެ ގައުމުން ބޭރަށް ގެންގޮސް ނިމެންދެން، އެމެރިކާ ސިފައިން އަފްގާނިސްތާނުގައި ތިބޭނެ ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.

ބައިޑެން ވިދާޅުވި ގޮތުގައި އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމަށް މި މަހުގެ 31 ގެ ނިޔަލަށް ކަނޑައަޅާފައިވާ މުއްދަތު ފަހަނަޅައި ދިޔަ ކަމުގައި ވިޔަސް، އަފްގާނިސްތާނުން ބޭރުކުރަންޖެހޭ އެންމެން ބޭރު ކުރެވެންދެން އެމެރިކާ ސިފައިން ތިބޭނެ އެވެ. މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް، އެމެރިކާ ސިފައިންގެ އަސްކަރީ މަތިންދާބޯޓުތަކުގައި، 5،000 އަށް ވުރެ ގިނަ މީހުން އަފްގާނިސްތާނުން ބޭރަށް ގެންގޮސްފި އެވެ.

އަފްގާނިސްތާނުގައި ތިބި އެމެރިކާ ރައްޔިތުންނާއި، އެމްބަސީގެ މުވައްޒަފުން އެ ގައުމުން ބޭރަށް ގެންދިއުމުގެ މަސައްކަތުގައި އެމެރިކާ ސިފައިންގެ 4،000 އަށް ވުރެ ގިނަ މީހުން، ކާބުލްގެ ވައިގެ ބަނދަރުގައި މިހާރު ވެސް އެބަ ތިއްބެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، ތާލިބާންގެ ހަނގުރާމަވެރިން ކާބުލް ހިސާރުކުރުމާ އެކު، އެމެރިކާ ސިފައިން ވަނީ ކާބުލްގެ ވައިގެ ބަނދަރު ހިފައިފަ އެވެ.

އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުގައި ގެންދިއުމަށް ހަމަޖެހިފައިވާ މީހުންގެ ތެރޭގައި، އެމެރިކާ އެމްބަސީގެ މުވައްޒަފުންނާއި އެމެރިކާ ރައްޔިތުންގެ އިތުރުން، އެމެރިކާ ސިފައިންނަށް އެހީތެރިވުމުގައި އުޅުނު އަފްގާނިސްތާނު ރައްޔިތުންނާއި، ހާއްސަ ވިސާގެ ދަށުން އެމެރިކާ އަށް ދިރިއުޅުން ބަދަލުކުރަން ހަމަޖެހިފައިވާ މީހުން ވެސް ހިމެނެ އެވެ.

އަފްގާނިސްތާނުން މީހުން ބޭރުކުރުމުގެ މަސައްކަތް، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ 24 ގަޑިއިރު އެމެރިކާ ސިފައިން އަންނަނީ މެދުކެނޑުމެއް ނެތި ކުރަމުންނެވެ. އެމެރިކާ އާއި ނޭޓޯ ސިފައިންނާ އެކުގައި، އަފްގާނިސްތާނު ދޫކޮށް ދާން ބޭނުންވާ، އަފްގާނިސްތާނުގެ އެތައް ހާސް ރައްޔިތުންނެއް މިހާރު ވެސް ކާބުލްގެ ވައިގެ ބަނދަރުގައި އެބަތިއްބެވެ.

އޭގެ އިތުރުން ވެސް އެތައް ހާސް ބަޔަކު، ކާބުލްގެ ވައިގެ ބަނދަރަށް ދިއުމަށް މިހާރުވެސް މަސައްކަތް ކުރަމުން އެބަދެ އެވެ. ނަމަވެސް ތާލިބާންގެ ހަނގުރާމަވެރިން މަގުތަކުގައި ފޯރިމަރަމުން އަންނަ ޗެކް ޕޮއިންޓްތަކުން، މީހުން ހިފަހައްޓާތީ ވައިގެ ބަނދަރުގައި އެމެރިކާ ސިފައިން ތިބި ހިސާބަށް ދިއުމަށް ވަނީ ދަތިވެފަ އެވެ. އެމެރިކާ ސިފައިން ވައިގެ ބަނދަރުގެ ބޭރު ސަރަހައްދުގައި ތިބި އިރު، ވައިގެ ބަނދަރަށް ދެވެން އޮތް މަގުތަކުގައި ތާލިބާނުން ދަނީ ހަތިޔާރާ އެކު ހަރަކާތްތެރިވަމުންނެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވި ގޮތުގައި އަފްގާނިސްތާނުން ބޭރަށް ގެންދަން ބޭނުންވާ މީހުން ކާބުލްގެ ވައިގެ ބަނދަރުގައި އެމެރިކާ ސިފައިން ތިބި ހިސާބަށް ރައްކާތެރިކަމާ އެކު ދެވޭނެ މަގު ފަހިކުރުމަށްޓަކައި އެމެރިކާ އިން އަންނަނީ ތާލިބާނުންނާ ވާހަކަ ދައްކަމުންނެވެ. އަދި އެކަމުގައި ތާލިބާނުންގެ ފަރާތުން އެއްބާރުލުން ލިބޭކަން ވެސް ބައިޑެން ފާހަގަކުރެއްވި އެވެ.

އަފްގާނިސްތާނުން މީހުން ބޭރު ކުރުމުގައި އެމެރިކާ ސިފައިންގެ އިތުރުން، ޖަރުމަން، އިނގިރޭސި ވިލާތް، ފްރާންސްގެ އިތުރުން ތުރުކީގެ ސިފައިން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.