Roadha Mihaaru
ސިފައިން އަފްގާނުން ނުބޭލުމަށް ލަފާއެރުވިން: ޖެނެރަލުން

އެމެރިކާ ސިފައިން އަފްގާނުން ނުބޭލުމަށް ލަފާ އެރުވިން: ޖެނެރަލުން

29 ސެޕްޓެމްބަރ 2021

އަފްގާނިސްތާނުގައި ތިބި އެމެރިކާ ސިފައިން އެ ގައުމުން ބޭލުމަށް ވެފައިވާ އެއްބަސްވުމުގެ އެންމެ ފަހު ތާރިހާ ހަމައަށް ވެސް، އެމެރިކާގެ 2،500 ސިފައިން އަފްގާނިސްތާނުގައި ބޭތިއްބުމަށް، ރައީސް ޖޯ ބައިޑެން އަށް ލަފާ އެރުވިކަމަށް، އެމެރިކާގެ އެންމެ އިސް ދެ ޖެނެރަލުން އިއްޔެ ވިދާޅުވެއްޖެ އެވެ.

އަފްގާނިސްތާނުގައި ތިބި އެމެރިކާ ސިފައިން އެ ގައުމުން ބޭލުމަށް ވެފައިވާ އެއްބަސްވުމުގެ އެންމެ ފަހު ތާރިހާ ހަމައަށް ވެސް، އެމެރިކާގެ 2،500 ސިފައިން އަފްގާނިސްތާނުގައި ބޭތިއްބުމަށް، ރައީސް ޖޯ ބައިޑެން އަށް ލަފާ އެރުވިކަމަށް، އެމެރިކާގެ އެންމެ އިސް ދެ ޖެނެރަލުން އިއްޔެ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ސެނެޓްގެ އަސްކަރީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި، އެމެރިކާ ސިފައިންގެ ސެންޓްރަލް ކޮމާންޑުގެ ކޮމާންޑަރު، ޖެނެރަލް ފްރޭންކް މެކެންޒީ ވިދާޅުވި ގޮތުގައި އެމެރިކާގެ 2،500 ސިފައިން އަފްގާނުގައި ބޭތިއްބުމަށް، ރައީސް ބައިޑެންއަށް ލަފާ ދެއްވި އެވެ. އެމެރިކާ އަސްކަރިއްޔާގެ ޗީފް އޮފް ދަ ޖޮއިންޓް އޮފް ސްޓާފްސް، ޖެނެރަލް މާކް މިލޭ ވެސް ވިދާޅުވީ އެ ލަފާ އޭނާ ވެސް ގަބޫލުކުރައްވާ ކަމަށެވެ.

ކުއްލި ގޮތަކަށް އެމެރިކާ ސިފައިން އަފްގާނުން ބޭލުމަށް ދެކޮޅު ހެއްދެވީ، އެ ދެ ޖެނެރަލުން ވިދާޅުވި ގޮތުގައި، އަފްގާނިސްތާނުގެ އަސްކަރީ ބާރުތައް ބަލިކަށިވެދާނެ ކަމަށް ފެންނާތީ އެވެ. ތާލިބާނުންގެ ކުރިމަތީގައި އަފްގާނު ސިފައިންނަށް ސާބިތުކަން ނުދެއްކިއްޖެނަމަ، އޭގެ އާހިރު ނަތީޖާއަކަށްވާނީ، އަފްގާނުގައި އޮތް ސަރުކާރު ވެސް ވެއްޓުން ކަމަށް ޖެނެރަލުން ގަބޫލުކުރައްވަ އެވެ.

އެމެރިކާ ސިފައިންގެ އެންމެ އިސް ދެ ޖެނެރަލުން، މި މޭރުމުން ވާހަކަ ދެއްކެވި އިރު، އެމެރިކާގެ ރައީސް ޖޯ ބައިޑެން މީގެ ކުރިން ވިދާޅުވެފައިވަނީ، އެފަދަ މަޝްވަރާއެއް ޖެނެރަލުންގެ ފަރާތުން ލިބިވަޑައިނުގަންނަވާ ކަމަށެވެ. ހުސްވި އޮގަސްޓް މަހުގެ 18 ވަނަ ދުވަހު ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ބައިޑެން ވިދާޅުވީ، އެފަދަ ލަފައެއް ދިން ކަމަށް ވިދާޅުވާ ނަމަ އެއީ ދޮގެއް ކަމަށެވެ.

ޖެނެރަލް މެކެންޒީ، ސެނެޓްގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ. --އޭއެފްޕީ

ޖެނެރަލް މެކެންޒީ، ސެނެޓްގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ. --އޭއެފްޕީ

ސެނެޓްގައި ޖެނެރަލް މިލޭ އާއި މެކެންޒީ ވިދާޅުވީ އަފްގާނުގައި 2،500 ސިފައިން ބޭތިއްބުމަށް ދިން ލަފައަކީ އެމީހުންގެ އަމިއްލަ ލަފައެއް ކަމަށެވެ. އަދި އެލަފަޔާ ބެހޭ ގޮތުން ރައީސް ބައިޑެންއާ އެކުގައި މަޝްވަރާ ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ދެ ޖެނެރަލުންގެ ވާހަކަ އަށް ތާއީދު ކުރައްވަމުން، އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ވިދާޅުވީ، ޖެނެރަލުން ދެއްވި ލަފާތައް ރައީސް ބައިޑެން އަށް ލިބިވަޑައިގެންނެވި ކަމަށާއި، އެ ލަފަޔާ މެދުގައި ރައީސް ވިސްނާވަޑައިގެންނެވި ކަމަށެވެ. އަދި އަސްކަރީ ޖެނެރަލުން ދެއްވާ ލަފަޔަކީ، އެއްވެސް އިރެއްގައި ސިއްރުން ދެއްވާ ލަފައެއް ނޫން ކަމަށް ވެސް ދިފާއީ ވަޒީރު ވިދާޅުވި އެވެ.

ޖެނެރަލް މާކް މިލޭ ވިދާޅުވި ގޮތުގައި، ކުއްލި ގޮތަކަށް އެމެރިކާ ސިފައިން އަފްގާނުން ބާލައިފި ނަމަ، އަފްގާނިސްތާނުގެ އަސްކަރިއްޔާ އާއި އެ ގައުމުގައި އޮތް ސަރުކާރު ވެއްޓޭނެ ކަމަށް، އޭނާ އާއި އަސްކަރިއްޔާގެ އެހެން ވެރިން ވާނީ، ރައީސް ޓްރަމްޕަށާއި ރައީސް ޖޯ ބައިޑެން އަށް ވެސް ދަންނަވައިފަ އެވެ. އަދި އެހެންވެއްޖެ ނަމަ، ތާލިބާނުން އަފްގާނިސްތާނު ހިފާނެ ކަމަށް ވެސް އޮންނާނީ ދަންނަވާފައި ކަމަށް ވެސް ޖެނެރަލް މިލޭ ވިދާޅުވި އެވެ.

ދެ ޖެނެރަލުންނާއި ދިފާއީ ވަޒީރު ވެސް ސެނެޓްގައި އިއްޔެ ވިދާޅުވި ގޮތުގައި، އެމެރިކާ ސިފައިން އަފްގާނުން ފޭބިޔަސް، އެހާ އަވަހަށް ތާލިބާނުން އެ ގައުމު ހިފައިފާނެ ކަމުގެ އެއްވެސް ސިއްރު މައުލޫމާތެއް ލިބިފައެއް ނެތެވެ. އަދި އެކަންވީ ލިބުނު ކުއްލި ސިހުމަކަށް ކަމަށް ވެސް ތިން ބޭފުޅުން ވިދާޅުވި އެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން، ސެނެޓްގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ. --އޭއެފްޕީ

އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން، ސެނެޓްގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ. --އޭއެފްޕީ

އެ ބޭފުޅުން ވިދާޅުވި ގޮތުގައި ޓްރަމްޕުގެ ސަރުކާރުން ތާލިބާނުންނާ އެކުގައި، ގަތަރުގެ ދޯހާއި ސޮއިކުރި އެއްބަސްވުމުގެ ސަބަބުން، އަފްގާނު ސިފައިންނަށް ވަރަށް ބޮޑު ނުރަނގަޅު އަސަރުތަކެއް ކުރި އެވެ. އަދި އެކަމުގެ ސަބަބުން، ސިފައިންގެ ގާބިލުކަން ދެއްކުމުގައި ހުރަސްތަކެއް ކުރިމަތިވި ކަމަށް ވެސް އެބޭފުޅުން ވިދާޅުވި އެވެ.

"އަހަރެން ދެކޭ ގޮތުގައި، ދޯހާ އެގްރީމެންޓްގެ ސަބަބުން އަފްގާނު ސިފައިންގެ އަސްކަރީ ވާޖިބުތައް އަދާކުރުމުގައި ނުރަނގަޅު އަސަރުތަކެއް ފޯރި. ހާއްސަކޮށް، އެ އެއްބަސްވުމުގެ ދަށުން އަފްގާނިސްތާނު ސަރުކާރުން އަޅަންޖެހުނު ބައެއް ފިޔަވަޅުތަކުގެ ސަބަބުން، އަފްގާނު ސިފައިންނަށް ވަރަށް ނުބައި އަސަރެއް ފޯރި،" ޖެނެރަލް މެކެންޒީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތާލިބާނުންނާ އެކުގައި ވެފައިވާ އެއްބަސްވުމުގައި ހަތް ޝަރުތެއް ކަނޑައަޅާފައިވާނެ އެވެ. ނަމަވެސް އޭގެ ތެރެއިން ތާލިބާނުން ފުރިހަމަކުރީ އެންމެ ޝަރުތެއް ކަމަށާއި، އެއީ އެއްބަސްވުމުގައި ސޮއިކުރި ފަހުން، އެމެރިކާ ސިފައިންނަށް އެއްވެސް ހަމަލާއެއް ނުދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެން އެއްވެސް ޝަރުތެއް ތާލިބާނުން ފުރިހަމަ ނުކުރާ ކަމަށް ޖެނެރަލް މެކެންޒީ ވިދާޅުވި އެވެ.