Roadha Mihaaru
އަފްގާނިސްތާނުގައި އެމެރިކާއަށް ހާސިލުވީ ސުމެއް: ޕުޓިން

އަފްގާނިސްތާނުގައި އެމެރިކާ އަށް ހާސިލުވީ ސުމެއް: ޕުޓިން

02 ސެޕްޓެމްބަރ 2021

ވިހި އަހަރު ވަންދެން އެމެރިކާ ސިފައިން އަފްގާނިސްތާނުގައި ބައިތިއްބައިގެން ކުރި ކަންތަކުން އެމެރިކާ އަށް ލިބުނު ހަމައެކަނި އެއްޗަކީ ހިތާމަ އާއި ހިތްދަތިކަން ކަމަށާއި، އެއްވެސް ކާމިޔާބެއް ހާސިލު ނުވި ކަމަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިއްޔެ ވިދާޅުވެއްޖެ އެވެ.

ވިހި އަހަރު ވަންދެން އެމެރިކާ ސިފައިން އަފްގާނިސްތާނުގައި ބައިތިއްބައިގެން ކުރި ކަންތަކުން އެމެރިކާ އަށް ލިބުނު ހަމައެކަނި އެއްޗަކީ ހިތާމަ އާއި ހިތްދަތިކަން ކަމަށާއި، އެއްވެސް ކާމިޔާބެއް ހާސިލު ނުވި ކަމަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިއްޔެ ވިދާޅުވެއްޖެ އެވެ.

އާ ދިރާސީ އަހަރު ފެށުން ފާހަގަކުރުމުގެ ގޮތުން، ރަޝިޔާގެ އިރުމަތީ ސަހަރެއް ކަމަށްވާ ލަޑިވޮސްޓޮކްގެ ސާނަވީ ސްކޫލަކަށް ކުރެއްވި ޒިޔާރަތުގައި ދަރިވަރުންނާ ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވީ، އެމެރިކާގެ އުސޫލުތަކާއި ގޮތްތައް އަފްގާނިސްތާނުގައި ފަތުރަން ކުރި މަސައްކަތުން އެއް ކަމެއް ވެސް ހާސިލް ނުވި ކަމަށެވެ.

"އެ ސަރަހައްދުގައި އެމެރިކާ ސިފައިން ތިބޭތާ ވިހި އަހަރުވީ. އެ ވިހި އަހަރުގެ ތެރޭގައި، ނަމެއްގައި އެމީހުން މަސައްކަތް ކުރީ، އަފްގާނިސްތާނު ރައްޔިތުން ތަހުޒީބު ކުރަން. ނަމަވެސް ހަގީގަތުގައި އެ މީހުން ކުރަން އުޅުނު ކަމަކީ، އެމީހުންގެ ހަމަތަކާއި އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި އެ މީހުންގެ ސިޔާސީ ވިސްނުން، އަފްގާނިސްތާނުގައި ފަތުރަން،" ޕުޓިން ވިދާޅުވި އެވެ.

"އެކަމުން ނުކުތް ހަމައެކަނި ނަތީޖާއަކީ، އިތުރު ހިތާމަތައް ލިބުމާއި އެކަމުގައި އުޅުނު މީހުންގެ ފުރާނަ ގެއްލިގެން ދިއުން. މިއީ ނެގެޓިވް ނަތީޖާއެއް ނޫނިއްޔާ، ސުމެއްގެ ނަތީޖާއެއް ބޭރުން އެއްވެސް ކަމެއް ގެނެސް އެތެރޭގައި މުޑުވައް ކުރުމަކީ ވާނެ ކަމެއް ނޫން."

ޕޫޓިން އަބަދުވެސް ތުހުމަތު ކުރައްވާ ގޮތުގައި، އެމެރިކާ އިން މަސައްކަތް ކުރަނީ ހުޅަނގުގެ ގައުމުތައް ނޫން ގައުމުތަކުގައި ހުޅަނގުގެ ހަމަތަކާއި ގޮތްތައް ފަތުރާށެވެ. އަދި އަފްގާނިސްތާނު މައްސަލައިގައި އެމެރިކާ އިން ގެންގުޅޭ ސިޔާސަތަށް ޕޫޓިން އަބަދުވެސް ފާޑުވިދާޅުވެ އެވެ.

ވިހި އަހަރު ފަހުން އެމެރިކާ ސިފައިން އަފްގާނިސްތާނު ދޫކޮށް ދާން ނިންމުމާ އެކު، މިދިޔަ އޮގަސްޓް 15 ވަނަ ދުވަހު ތާލިބާނުން ވަނީ އަފްގާނިސްތާނުގައި އޮތް ސަރުކާރު ވައްޓާލައި، އެ ގައުމު ހިފައިފަ އެވެ. އެމެރިކާ ސިފައިންނާއި އަފްގާނުގައި ތިބި ވިލާތުގެ ގައުމުތަކުގެ ޑިޕްލޮމޭޓުންނާއި އާންމު ރައްޔިތުން، އަފްގާނުން ބޭލުމުގެ މަސައްކަތް، އެމެރިކާ އާއި ނޭޓޯ ސިފައިން ގުޅިގެން ކުރަން ފެށީ، އޮގަސްޓް 14 ވަނަ ދުވަހު އެވެ.

އެމެރިކާ ސިފައިންގެ އެންމެ ފަހު މީހާއާ އެކު، އެމެރިކާގެ އަސްކަރީ މަތިންދާބޯޓު، ކާބުލް ވައިގެ ބަނދަރުން ފުރީ، އޮގަސްޓް 30 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގަ އެވެ.

ތާލިބާނުން އަފްގާނިސްތާނު ހިފުމާ ގުޅިގެން، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން މިދިޔަ ހަފުތާގައި ވިދާޅުވީ ރަޝިޔާ އިން އަފްގާނިސްތާނުގެ ދާހިލީ ކަންކަމާ ނުބެހޭނެ ކަމަށެވެ. ސޯވިއެޓް ޔޫނިއަނުން އަފްގާނިސްތާނުގައި 10 އަހަރު ވަންދެން ކުރި ހަނގުރާމަ އިން، މޮސްކޯ އޮތީ އިބްރަތް ހާސިލުކޮށްގެން ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.

ސޯވިއެޓް ސިފައިން އަފްގާނިސްތާނު އަޅުވެތިކޮށް، މުޖާހިދުންގެ ލަޝްކަރުތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ފަހު، އެ ގައުމު ދޫކޮށް ފޭބީ 1989 ވަނަ އަހަރުގެ ތެރޭގަ އެވެ.