31 އޯގަސްޓް 2021
މިއަދަކީ އެމެރިކާ އާއި ނޭޓޯ ސިފައިން އަފްގާނިސްތާނުން ފައިބައިގެން ދިއުމަށް ދީފައިވާ މުހުލަތު ހަމަވާ ދުވަހެވެ. ތާލިބާނުންނާއި އެމެރިކާ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބައިގެން ދާއިރު، ތާލިބާނުން ވަނީ އެމެރިކާގެ ނުރުހުމުގައި ވިޔަސް، އަފްގާނިސްތާނު ހިފައި، އެ ގައުމުގެ ވެރިކަން ހޯދައިފަ އެވެ.
މިއަދަކީ އެމެރިކާ އާއި ނޭޓޯ ސިފައިން އަފްގާނިސްތާނުން ފައިބައިގެން ދިއުމަށް ދީފައިވާ މުހުލަތު ހަމަވާ ދުވަހެވެ. ތާލިބާނުންނާއި އެމެރިކާ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބައިގެން ދާއިރު، ތާލިބާނުން ވަނީ އެމެރިކާގެ ނުރުހުމުގައި ވިޔަސް، އަފްގާނިސްތާނު ހިފައި، އެ ގައުމުގެ ވެރިކަން ހޯދައިފަ އެވެ.
އެހެން ނަމަވެސް، އަފްގާނިސްތާނުގައި ތާލިބާނުން އުފައްދާ ސަރުކާރެއްގެ ގާނޫނީ ހައިސިއްޔަތާ މެދު ބައިނަލްއަގުވާމީ މުޖްތަމައު ދެކޭނެ ގޮތަކާ މެދު ސުވާލު އުފެދެ އެވެ. ތާލިބާނުން އުފައްދާ ސަރުކާރެއް ބަލައިގަންނާނީ ކިތައް ގައުމުތޯ ވެސް ސުވާލު އުފެދެ އެވެ.
ބައިނަލްއަގުވާމީ މުޖްތަމައު ކިތަންމެ ނުރުހުނަސް، އަފްގާނިސްތާނު މިހާރު އެ އޮތީ، ހަމަ ޔަގީނުން ވެސް ތާލިބާން ހަނގުރާމަވެރިންގެ ބާރުގެ ދަށުގަ އެވެ. އެފަދަ ހާލަތެއްގައި އެ ގައުމު އޮތް އިރު، ފަރަންސޭސި ރައީސް އިމަނުއެލް މެކްރޯން ވިދާޅުވާ ފަދައިން، މިހާރު އެ ގައުމުގައި ކަމެއް ކުރެވޭނީ، ތާލިބާނުންނާ ވާހަކަ ދައްކައިގެންނެވެ.
މިދިޔަ 20 އަހަރު ދުވަހު ވެސް، އަދި މިހާރު ވެސް އެމެރިކާ އާއި ވިލާތުން އަދި ދުނިޔޭގެ ގިނަ ގައުމުތައް ގަބޫލުކުރާ ގޮތުގައި، ތާލިބާން ޖަމާއަތަކީ ޓެރަރިސްޓު ޖަމާއަތެކެވެ. އެ ޖަމާއަތާ އެކު އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އެއްވެސް މުއާމަލާތެއް ކުރާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް، އަފްގާނިސްތާނަކީ ވެސް ބައިނަލްއަގުވާމީ މުޖްތަމައުގެ މެމްބަރަކަށް ވާތީ، އެ ގައުމުގައި ދިރިއުޅޭ ރައްޔިތުންގެ ހާލަތާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގައި، ތާލިބާނުންނާ މުއާމަލާތު ނުކޮށް ވާކަށް ވެސް ނެތެވެ.
އަފްގާނިސްތާނުގައި ތިބި އެމެރިކާ ސިފައިންގެ އެންމެ ފަހު މީހާ، މިއަދު ފަތިހު ކާބުލް ވައިގެ ބަނދަރުން ފުރުމަށްޓަކައި މަތިންދާބޯޓަށް އަރަނީ. --އޭއެފްޕީ
"މިހާރު އަފްގާނިސްތާނު އެ އޮތީ ތާލިބާނުންގެ ފުރިހަމަ ބާރުގެ ދަށުގައި. އެހެންކަމުން އެމީހުންނާ އެކުގައި އަހަރެމެން މުއާމަލާތު ކުރަން އެބަޖެހޭ. އެކަމަކު އޭގެ މާނައަކީ ތާލިބާނުންގެ ސަރުކާރު ބަލައިގަތުމެއް ނޫން، އަދި އެ ޖަމާއަތަށް އިއުތިރާފްވުމެއް ވެސް ނޫން،" ފަރަންސޭސި ރައީސް އިމަނުއޭލް މެކްރޯން ވިދާޅުވި އެވެ.
ތާލިބާނުންގެ ވެރިކަމެއްގައި އަފްގާނިސްތާނުގެ ކުރިމަގު އޮންނާނެ ގޮތަކާ މެދު، އަދި އަފްގާނިސްތާނުގެ އާންމު ރައްޔިތުންގެ ކަންކަމާ މެދުގައި މަޝްވަރާކުރުމުގެ ގޮތުން، ވިލާތުގެ ގައުމުތަކުގެ މެދުގައި މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެ މަޝްވަރާތަކުގައި ބައިވެރިވަނީ، ފަރަންސޭސި ވިލާތް، ކެނެޑާ، ޖަރުމަން ވިލާތް، އިޓަލީ ވިލާތް، ޖަޕާން، އެމެރިކާ، އިނގިރޭސި ވިލާތް، ތުރުކީ ވިލާތް، ގަތަރު، ޔޫރަޕިއަން ޔޫނިއަން އަދި ނޭޓޯގެ އެހެން ގައުމުތަކެވެ.
މި ބައްދަލުވުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ފަރަންސޭސި ރައީސް ވިދާޅުވި ގޮތުގައި، ތާލިބާން ޖަމާއަތުން އަފްގާނިސްތާނުގައި އުފައްދާ ސަރުކާރެއް ބަލައިގަނެވޭނީ ވަކި ޝަރުތުތަކެއްގެ މަތިންނެވެ. އޭގެ ތެރެއިން ވެސް އެންމެ ފުރަތަމަ ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި، އަފްގާނިސްތާނުން ބޭރަށް ގެންދަން ހަމަޖެހިފައިވާ މީހުންގެ ތެރެއިން މިހާތަނަށް ނުގެންގޮސް ތިބި މީހުން، ކާބުލްގެ ވައިގެ ބަނދަރުގެ ޒަރީއާއިން އެ ގައުމުން ބޭރުކުރުމުގައި ތާލިބާނުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދިނުމެވެ.
އޭގެ އިތުރުން، އަފްގާނިސްތާނު ރައްޔިތުންގެ އިންސާނީ އަސާސީ ހައްގުތަކަށް ތާލިބާނުން ފުރިހަމައަށް އިހުތިރާމް ކުރަންޖެހޭނެ އެވެ. އަދި ގައުމު ދޫކޮށް ރެފިއުޖީންގެ ގޮތުގައި ނުކުންނަން ބޭނުންވާ ކޮންމެ މީހަކަށް ތާލިބާނުންގެ ފަރާތުން ރައްކާތެރިކަން ދޭންޖެހޭނެ އެވެ. ހަމައެފަދައިން އަންހެނުންގެ އިންސާނީ ކަރާމާތާއި ހައްގުތަކަށް ވެސް ފުރިހަމައަށް އިހުތިރާމްކޮށް އެ ހައްގުތައް ލިބިދޭންޖެހޭނެ އެވެ.
ތާލިބާންގެ ވެރިކަމެއް ބަލައިގަތުމުގައި، ތާލިބާނުންނަށް އޮތް އެންމެ މުހިންމު އަނެއް ޝަރުތަކަށް ވާނީ، ޓެރަރިޒަމްގެ އެންމެހައި އަމަލުތަކުން ތާލިބާނުން ދުރުހެލިވުމެވެ. އަދި އަފްގާނިސްތާނުގެ އިމުގެ ތެރޭގައި ހާލި ހަދައިގެން އުޅުމުގެ ފުރުސަތު، އެއްވެސް ޓެރަރިސްޓު ޖަމާއަތަކަށް ނުދިނުމެވެ. އޭގެ ތެރޭގައި އަލްގާއިދާ އާއި އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތް ވެސް ހިމެނެ އެވެ.
ތާލިބާންގެ ހަނގުރާމަވެރިން، މިމަހުގެ 15 ވަނަ ދުވަހު އަފްގާނިސްތާން ހިފި ފަހުން، މިއަދާ ހަމައަށް އައި އިރު، އެ ޖަމާއަތުން ދުނިޔެ އަށް ދައްކަމުން އައީ، 1996 އިން 2001 އަށް އެ ޖަމާއަތުގެ ހަނގުރާމަވެރިން، އެ ގައުމުގައި ވެރިކަން ކުރި އިރު، ގެންގުޅުނު ސިޔާސަތާ މުޅިން ތަފާތު ސިޔާސަތެކެވެ.
ތާލިބާނުން ވެރިކަން ކުރި ދުވަސްވަރު، އަންހެން ކުދިން މަދަރުސާ އަށް ކިޔަވަން ފޮނުވުމަކީ މުޅިން މަނާކަމެކެވެ. ނަމަވެސް މިހާރު އެ ބުނަނީ، އެއްވެސް ޖިންސެއް އަދި އުމުރެއް ތަފާތު ކުރުމެއް ނެތި، ތައުލީމް ހާސިލްކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އަންހެނުން ވަޒީފާ އަދާކުރުމަކީ އޭރު މުޅިން މަނާ ކޮށްފައި އޮތް ކަމެކެވެ. ނަމަވެސް މިހާރު ތާލިބާނުން ގޮވައިލަމުން އަންނަނީ، ގައުމު އަލުން އާރާސްތުކުރުމުގައި އަންހެނުން ބައިވެރިވުމަށެވެ. ސަރުކާރުގެ އިދާރާތަކުގައި ވަޒީފާ އަދާކުރަމުން އައި ހުރިހާ އަންހެނުން އަލުން ވަޒީފާތަކަށް ނުކުތުމަށެވެ. އަދި ޕްރައިވެޓް ސެކްޓާގައި ވެސް އަންހެނުން މަސައްކަތްކޮށް، ގައުމީ ތަރައްގީގެ ދުވެލި ހަލުވިކޮށްދިނުމަށެވެ.
ތާލިބާނުންނަށް އޭރު ވެރިކަން ލިބުމާއެކު، އޭރު ގައުމުގެ ރައީސްގެ މަގާމުގައި ހުރި މީހާ ހައްޔަރުކޮށް ތަޅައި އަނިޔާކޮށް އެންމެންގެ ކުރިމަތީ، އާންމު މައިދާނެއްގައި ދަންޖައްސައި މަރައިލި އެވެ. އަދި ސިޔާސީ މަގާމުތައް ފުރި ކިތަންމެ ބަޔަކަށް މަރުގެ އަދަބު ދިނެވެ.
ނަމަވެސް މިއަދު އެ ބުނަނީ، ތާލިބާނުން އުފައްދާ ސަރުކާރެއްގައި، ސިޔާސީ ހުރިހާ ފިކުރަކަށް ފުރުސަތު ދޭނެ ކަމަށެވެ. އަދި އާ ސަރުކާރުގައި ކުރީގެ ދެ ސަރުކާރުގައި އުޅުނު ބައެއް ސިޔާސީ ބޭފުޅުންނަށް ފުރުސަތު ދޭނެ ކަމަށެވެ. އެކަމުގެ މަޝްވަރާތައް ކުރަމުން އަންނަތާ ދެ ހަފުތާ ވަނީ އެވެ.
އޭގެ އިތުރުން، އެ ގައުމުގެ 34 ޕްރޮވިންސްގެ ތެރެއިން ތާލިބާނުންގެ ބާރުގެ ދަށަށް މިހާތަނަށް ނުގޮސް އޮތް ހަމައެކަނި ޕްރޮވިންސް ކަމަށްވާ ޕަންޖްޝޭރް ވާދީގެ މައްސަލަ ވެސް ހައްލު ކުރަން ބޭނުންވަނީ ސުލްހަވެރިކަމާ އެކުގައި ކަމަށް ތާލިބާނުން ބުނެ އެވެ. ޕަންޖްޝޭރް ވާދީގެ ހަނގުރާމަވެރިން، އަމާންދީ ހަތިޔާރު ބަހައްޓަން ދެކޮޅު ހެދުމުން، އެ ސަރަހައްދަށް ތާލިބާނުންގެ ހަނގުރާމަވެރިން ފޮނުވިތާ މިހާރު 10 ދުވަސް ވެއްޖެ އެވެ.
ނަމަވެސް މިހާތަނަށް އައި އިރު، ތާލިބާންގެ ހަނގުރާމަވެރިންނާއި ޕަންޖްޝޭރް ވާދީގެ ހަނގުރާމަވެރިންނާ ދެމެދު އެއްވެސް ކުރިމަތިލުމެއް ނުހިނގަ އެވެ. ތާލިބާނުން ބުނަމުން އަންނަނީ، މައްސަލަ އަށް ބޭނުންވަނީ ސުލްހަވެރި ދާއިމީ ހައްލެއް ކަމަށެވެ. އަދި އެ ޕްރޮވިންސްގެ ނުފޫޒު ގަދަ ވެރިޔާ އަހްމަދު ޝާހް މަސްއޫދު ވެސް، ސަރުކާރުގައި ބައިވެރިކުރަން ބޭނުންވާ ކަމަށް ތާލިބާނުން އެބަ ބުނެ އެވެ.
ވިހި އަހަރަށް ފަހު ތާލިބާންގެ ހަނގުރާމަވެރިން ރޭ، އަފްގާނިސްތާނުން ފައިބައިގެން އެ ދިޔައީ، ތާލިބާނުންގެ ހިތްނިޔަތް ސާފުކަން، ދުނިޔޭގެ ކުރިމަތީގައި ހާމަކޮށްދިނުމުގެ ފުރުސަތު އެ ޖަމާއަތަށް ދީފަ އެވެ. މުޅި ގައުމު މިހާރު އެ އޮތީ ހިތަކަށް ތާލިބާނުންނަށް ލިބިފަ އެވެ. ދެން އޮތީ ވައުދު ފުއްދުމުގެ މަރުހަލާ އެވެ. އަފްގާނިސްތާނަށް ވެސް ދާހިލީ ހަނގުރާމައެއް ނެތް ދިރިއުޅުމެއް ފެންނާނީ، ތާލިބާނުންގެ އަމަލުތައް ބަހައްޓާ ގޮތަކުންނެވެ.
ކާބުލްގެ ވައިގެ ބަނދަރު ހިންގާނީ ތުރުކީ އާއި ގަތަރުން
"ތާލިބާނުން އައުމަކީ ހަރުކަށި ފިކުރަށް ލިބުނު ބާރެއް"
ސިފައިން އަފްގާނުން ނުބޭލުމަށް ލަފާއެރުވިން: ޖެނެރަލުން
އެމެރިކާ ސިފައިން ފޭބީ އަފްގާނުގެ މުދާތައް ހަލާކުކޮށްފަ
ހުޅަނގުން ތަމްރީން ކުރި ސިފައިން ތާލިބާނުގައި
އަފްގާނިސްތާނުގައި އެމެރިކާއަށް ހާސިލުވީ ސުމެއް: ޕުޓިން
އަފްގާނު ހަނގުރާމައިން އެމެރިކާއަށް މަންފާއެއް ނުކުރި: ބައިޑެން
އެމެރިކާ ބަލިކޮށް މިނިވަންކަން ހޯދައިފިން: ތާލިބާން
އެމެރިކާ ސިފައިން އަފްގާނުން ފައިިބައިފި
ކާބުލްގައި ހުރި އެމެރިކާގެ ޖާސޫސީ މަރުކަޒު ގޮއްވާލައިފި