Roadha Mihaaru
މިނިސްޓަރު ޝާހިދަށް އެޗްޕީއޭ އިން ޚާއްސަ ހުއްދައެއް

ކަރަންޓީނުގެ މުއްދަތުގައި މިނިސްޓަރު ޝާހިދު އިވެންޓުތަކަށް ވަޑައިގަތުމަށް ޚާއްސަ ހުއްދައެއް

21 ސެޕްޓެމްބަރ 2020

ރާއްޖެ އިން ބޭރަށް ކުރެއްވި ދަތުރަކަށް ފަހު، މިދިޔަ ހުކުރު ދުވަހު އެނބުރި ވަޑައިގެން ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރައްވަމުން ގެންދަވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ރަސްމީ އިވެންޓްތަކުގައި ބައިވެރިވެވަޑައިގަންނަވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދީފައިވާ ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖެ އިން ބޭރަށް ކުރެއްވި ދަތުރަކަށް ފަހު، މިދިޔަ ހުކުރު ދުވަހު އެނބުރި ވަޑައިގެން ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރައްވަމުން ގެންދަވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ރަސްމީ އިވެންޓްތަކުގައި ބައިވެރިވެވަޑައިގަންނަވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދީފައިވާ ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން އެކުލަވާލައި އެޗްޕީއޭ އިން އާއްމުކޮށްފައިވާ ގައިޑްލައިންގައިވާ ގޮތުން ނަމަ ރާއްޖެ އިން ބޭރުން އަންނަ ހުރިހާ އެންމެން ވެސް 14 ދުވަހަށް ކަރަންޓީން ވާން ޖެހެ އެވެ.

އެކަމަކު، އޭގެ ކުރިން މިނިސްޓަރު ޝާހިދު އިވެންޓްތަކުގައި ބައިވެރިވެވަޑައިގަންނަވާ ސަބަބާ މެދު ވަނީ އެޗްއީއޯސީގެ މީޑިއާ ގްރޫޕްގައި ސުވާލު އުފައްދައިފަ އެވެ.

ރާއްޖޭގެ ބަޖެޓް ސަޕޯޓަށް އިންޑިއާ އިން ދިން 250 މިލިއަން ޑޮލަރުގެ ލޯނުގެ ޗެކް ހަވާލުކުރުމަށް ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ މިނިސްޓަރު ޝާހިދު ގެންދަވަނީ 14 ދުވަހުގެ ހޯމް ކަރަންޓީން މުއްދަތު ފުރިހަމަ ކުރައްވަމުން ކަމަށެވެ. ރަސްމީ އިވެންޓްތަކުގައި ބައިވެރިވެވަޑައިގަންނަވަނީ އެޗްޕީއޭގެ ޚާއްސަ ހުއްދައެއްގެ ދަށުން އަމަލުކުރަން އަންގަވާފައި އޮތް ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ ތެރޭގައި ގައިދުރުކަމާއި ގިނަ ވަގުތު އެ ހަރަކާތެއްގެ ތެރޭގައި ނުހުންނެވުން ހިމެނޭ ކަމަށް މިއުވާން ވިދާޅުވި އެވެ.

"އެ ހުއްދައިގެ ދަށުން މި ހަފުތާ އާއި އަންނަ ހަފުތާގައި ވެސް އޮންނަ ބައެއް ރަސްމީ އިވެންޓުތަކުގައި [މިނިސްޓަރު ޝާހިދު] ބައިވެރިވެވަޑައިގަންނަވާނެ،" މިއުވާން ވިދާޅުވި އެވެ.

ރާއްޖެ އިން ބޭރުން އަންނަ މީހުން ކަރަންޓީނުކޮށް، ޓެސްޓްކުރާ ގޮތަށް ހެދީ ބަލި ފެތުރުން ކޮންޓްރޯލްކުރާށެވެ. މި ހަރުކަށި ފިޔަވަޅުތަކުގެ ނަތީޖާ ފެނުނު ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 9،700 އަށް އަރައިފަ އެވެ. މި ބަލީގައި ރާއްޖެ އިން 34 މީހުން ވަނީ މަރުވެފަ އެވެ.