Roadha Mihaaru
ވެކްސިނާއެކު ރާއްޖެއަށް މި އައީ އުއްމީދު: ނަސީމް

ވެކްސިނާއެކު ރާއްޖެއަށް މި އައީ އުއްމީދު: ނަސީމް

20 ޖެނުއަރީ 2021

ކޮޮވިޑް-19 ވެކްސިނާ އެކު ރާއްޖެ އަށް މި އައީ އުއްމީދު ކަމަށާއި އެއީ ބަލިން ރައްޔިތުން ސަލާމަތްކުރުމުގެ ފެށުން ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮޮވިޑް-19 ވެކްސިނާ އެކު ރާއްޖެ އަށް މި އައީ އުއްމީދު ކަމަށާއި އެއީ ބަލިން ރައްޔިތުން ސަލާމަތްކުރުމުގެ ފެށުން ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާ އިން އުފެއްދި "ކޮވިޝީލްޑް" ވެކްސިންގެ އެއްލައްކަ ޑޯޒް ހަދިޔާކުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ނަސީމް ވިދާޅުވީ، އެ ވެކްސިން ލިބުނު ފުރަތަމަ ގައުމަކަށް ރާއްޖެ ވުމަކީ އިންޑިއާގެ ހިތްހެޔޮކަން ހާމަވެގެން ދިޔަ ކަމެއް ކަމަށެވެ. ބަލިމަޑުކަން ފެތުރިގެން ދިޔައިރު ރާއްޖެއަށް މާލީ އެހީތެރިކަމާއި ކާނާ އާއި ބޭހުގެ އިތުރުން ޓްރޭނިންތައް ހިންގުމުގައި އެހީތެރިކަން ދީފައިވާ ކަމަށް ވިދާޅުވި އެވެ.

"މިއީ [ރާއްޖެއަށް] ލިބުނު އުއްމީދު. އަދި ރައްޔިތުން ކޮވިޑުން ސަލާމަތްކުރުމުގެ ފެށުން،" ނަސީމް ވިދާޅުވި އެވެ.

އިންޑިއާއިން ރާއްޖެއަށް 100،000 ޑޯޒްގެ ކޮވިޑް ވެކްސިން ހަދިޔާކުރަން ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނަސީމް ވާހަކަދައްކަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އިންޑިއާއިން ރާއްޖެއަށް 100،000 ޑޯޒްގެ ކޮވިޑް ވެކްސިން ހަދިޔާކުރަން ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނަސީމް ވާހަކަދައްކަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އިންޑިއާ އިން ހަދިޔާކުރި ވެކްސިންގެ އިތުރުން ރާއްޖެއިން އަމިއްލައަށް ހަރަދުކޮށްގެން ވަނީ އެސްޓްރާޒެނިކާގެ ވެކްސިން ގަންނަން ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ނަސީމް ވިދާޅުވީ އެސްޓްރާޒެނެކާގެ ސައުތު އީސްޓް ބްރާންޗާ އެކު ސޮއިކުރުމުން ރާއްޖެއަށް ވަރަށް އަވަހަށް ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން އެ ފަރާތުން ދީފައިވާ ކަމަށެވެ. އެއިން މުޅި ރާއްޖޭގެ އާބާދީއަށް ވެކްސިން ޖެހޭނެ ކަމަށާއި މިއީ، ގައުމުގެ އެންމެންނަށް ވެކްސިން ޖަހާ ފުރަތަމަ ގައުމަށް ވެދާނެ ކަމަށް ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ފާއިތުވި 10 މަސް ތަހައްމަލްކުރަމުން ދިޔައީ ހިތްދަތިކަމާ އެކު ކަމަށެވެ.

އިންޑިއާއިން ރާއްޖެއަށް 100،000 ޑޯޒްގެ ކޮވިޑް ވެކްސިން ހަދިޔާކުރަން ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޝާހިދު ވާހަކަދައްކަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އިންޑިއާއިން ރާއްޖެއަށް 100،000 ޑޯޒްގެ ކޮވިޑް ވެކްސިން ހަދިޔާކުރަން ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޝާހިދު ވާހަކަދައްކަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ދުނިޔޭގައި ވެކްސިން އުފައްދަން ފެށުމާއެކު ފޮރިން މިނިސްޓްރީއާ ހަވާލުކުރީ ރާއްޖެއަށް ވެކްސިން ހޯދޭނެ މަގުތައް ކަމަށާއި މެދުކެނޑުމެއް ނެތި އެކަން ކުރަމުން ދިއުމުގެ ނަތީޖާއަކީ، ޝާހިދު ވިދާޅުވި ގޮތުގައި، އިންޑިއާގެ ހިލޭ އެހީގައި ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ލިބުމެވެ.

ވެކްސިން ޖެހުމުގެ އެންމެ ބޮޑު ޕްރޮގްރާމް ފަށައި، ހަތަރު ދުވަސްތެރޭ ވެކްސިން ފޯރުކޮށްދިނުމަކީ އިންޑިއާ އިން އަވަށްޓެރި ގައުމުތަކާ މެދު ބަހައްޓާ ގާތްކަން ސާބިތުވާ ކަމެއްކަން ފާހަގަކުރެއްވި އެވެ.

އެ ގައުމުން ހަދިޔާކުރީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރެޒެނެކާ ކުންފުނީގެ ދިރާސާގެ މައްޗަށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ވެކްސިނެވެ. ޝާހިދު ވިދާޅުވީ އެއީ ތިން ޓްރަޔަލް ނިންމާފައިވާ ރައްކާތެރި ވެކްސިނެއް ކަމަށެވެ.

ސީރަމް އިންސްޓިޓިއުޓަކީ ދުނިޔޭގެ އެންމެ ބޮޑު ވެކްސިން އުފައްދާ އިންސްޓިޓިއުޓެވެ. އެ ތަނުން ކޮންމެ އަހަރަކު 1.5 ބިލިއަނަށް ވުރެ ގިނަ ޑޯޒްގެ ވެކްސިން ދަނީ އުފައްދަމުންނެވެ. ދުނިޔޭގެ 170 ގައުމެއްގެ 66 ޕަސެންޓް ކުޑަކުދިންނަށް ސީރަމް އިންސްޓިޓިއުޓުން އުފައްދާ ކޮންމެ ވެސް އެއް ވެކްސިނެއް ޖަހަ އެވެ.