Roadha Mihaaru
ނުގުޅޭ ކަމަށް ބުނެ އިންޑިއާ ގުޅޭ ސުވާލަށް ޖަވާބެއްނެތް

"ނުގުޅޭ" ކަމަށް ބުނެ އިންޑިއާ އާ ގުޅޭ އެއްވެސް ސުވާލަކަށް ޖަވާބެއް ނުލިބުނު!

09 ނޮވެމްބަރ 2022

ސަރުކާރުގެ ހާރިޖީ ސިޔާސަތާއި އިންޑިއާ އާއެކު ބާއްވާ ގުޅުމާ މެދު ސުވާލު އުފައްދައި އިދިކޮޅު ފަރާތްތަކާއި ކުރީގެ ބައެއް އިސް ބޭފުޅުން ވެސް ކަންބޮޑުވުން ފާޅު ކުރެ އެވެ. ނަމަވެސް އެ މައްސަލަތަކާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން އާންމުކޮށް ވާހަކައެއް ނުދައްކަ އެވެ. މި ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ ވަރަށް މަދު ފަހަރެއްގަ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ސަރުކާރުގެ ހާރިޖީ ސިޔާސަތާއި އިންޑިއާ އާއެކު ބާއްވާ ގުޅުމާ މެދު ސުވާލު އުފައްދައި އިދިކޮޅު ފަރާތްތަކާއި ކުރީގެ ބައެއް އިސް ބޭފުޅުން ވެސް ކަންބޮޑުވުން ފާޅު ކުރެ އެވެ. ނަމަވެސް އެ މައްސަލަތަކާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން އާންމުކޮށް ވާހަކައެއް ނުދައްކަ އެވެ. މި ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ ވަރަށް މަދު ފަހަރެއްގަ އެވެ.

އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތުގައި އަހަރެއްހާ ދުވަހު ހުންނެވުމަށް ފަހު ރޭ ފުރަތަމަ ފަހަރަށް ޝާހިދު ވަނީ ނޫސްވެރިންނާ ބައްދަލު ކުރައްވައިފަ އެވެ. ރައީސް އޮފީހުގައި ލައިވްކޮށް ކުރިޔަށް ދިޔަ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ އިންޑިއާގެ މަސްލަހަތު އޮންނަ ކަންކަމުގައި ސަރުކާރުން ހަނު ހުންނަ މައްސަލާގައި ސުވާލުކޮށްފަ އެވެ.

"އިންޑިއާގެ މަސްލަހަތު އޮންނަ ކަންކަމުގައި ސަރުކާރުން ފާޅުގައި ބަސް ނުބުނާކަން ފާހަގަ ކުރެވޭ،" ނޫސްވެރިޔާ ސުވާލު ކުރި އެވެ.

އޭގެ މިސާލެއް ގޮތުން ބުނަން މަސައްކަތް ކުރީ ދާދިފަހުން ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ހަށިކޮޅަށް ބަޑި ޖަހައި ޒަހަމްކޮށްލި މައްސަލާގައި ސަރުކާރުން ކުށްވެރިކޮށް ނުވަތަ ހަމްދަރުދީގެ އެއްވެސް ސްޓޭޓްމަންޓެއް ނުނެރޭ މައްސަލަ އެވެ.

ނަމަވެސް ނޫސްވެރިޔާ ސުވާލު ކުރަން ހަމަ ފެށުމާ އެކު ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ގެންދެވީ ސުވާލު ކުރުން ހުއްޓާލަން އަންގަމުންނެވެ. ނަމަވެސް ތަކުރާރުކޮށް އެ މައްސަލާގައި ސުވާލު ކުރުމުން ރައީސް އޮފީހުން ވަނީ މައިކުގެ އަޑު ކަނޑާލައި ނޫސްވެރިޔާ ސުވާލު ކުރުން ހުއްޓުވައިފަ އެވެ.

"މައުލޫއާ ގުޅޭ ގޮތުން އެކަނި އިނގޭތޯ ސުވާލު ކުރާނީ،" އެހެން ނޫސްވެރިއަކު މައިކު ކައިރިއަށް ދިޔުމަށް ނަން ގޮވުމަށް ފަހު މިއުވާން ވިދާޅުވި އެވެ.

ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިން --ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިން --ފޮޓޯ: ރައީސް އޮފީސް

އެއްވެސް އެއްޗެއް ވިދާޅު ނުވެ މަޑުން އިންނެވުމަށް ފަހު ޝާހިދު ވިދާޅުވީ މައުލޫއާ ނުގުޅޭ ސުވާލަކަށް ޖަވާބު ދީފި ނަމަ ރައީސް އޮފީހުން ކަނޑައަޅާފައިވާ އުސޫލުތަކާ އޭނާ އަށް ހިލާފު ވެވޭނެ ކަމަށެވެ.

"އެހެންވެ އަޅުގަނޑު ފަހުން ތިޔަށް ޖަވާބު އަރުވާނަން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު މިހެން ވިދާޅުވި ނަމަވެސް މީގެ ކުރިން ރައީސް އޮފީހުގައި ސަރުކާރުގެ އެކި މިނިސްޓްރީތަކާއި ކޮމިޝަންތަކުން ވެސް ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި މައުލޫ އާ ސީދާ ނުގުޅޭ ސުވާލުތައް ކުރެވެ އެވެ. އަދި ސުވާލު ކުރުމުން ޕޯޑިއަމްގައި ހުންނަވާ ބޭފުޅުން ޖަވާބު ވެސް ދެއްވަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަކީ ވެސް ބައެއް ފަހަރަކު ވަކި މައްސަލައަކާ ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް ކަމަށް ރައީސް އޮފީހުން ބުންޏަސް، އާންމުކޮށް ބައްދަލު ނުވާނެތީ ނޫސްވެރިން ކުރާ އެހެން ސުވާލުތަކަށް ރައީސް ވެސް ޖަވާބު ދެއްވަ އެވެ.

އެއީ ރައީސް އޮފީހުގެ އުސޫލުތަކާ ހިލާފުވުން ކަމަށް މީގެ ކުރިން އެއްވެސް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނުބުނެ އެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާނަށް ދާދިފަހުން ދިން ޓެރަރިސްޓް ހަމަލާ ސަރުކާރުން ކުށްވެރި ނުކުރީ ކީއްވެގެންތޯ، މީގެ ކުރިން "މިހާރު"ން ވަނީ ފޮރިން މިނިސްޓްރީގައި ވެސް ސުވާލުކޮށްފަ އެވެ. އެ މިނިސްޓްރީގެ މީޑިއާ އޮފީޝަލް ވިދާޅުވީ އެ މައްސަލާގައި "ކޮމެންޓެއް ނެތް" ކަމަށެވެ.

މީގެ އިތުރުން ޗައިނާގެ ރައީސް ޝީ ޖިން ޕިން ތިން ވަނަ ދައުރަކަށް އިންތިހާބުވުމާ ގުޅިގެން ވެސް ސަރުކާރުން ފާޅުކަން ބޮޑު ގޮތެއްގައި އެމަނިކުފާނަށް މަރުހަބާ ވިދާޅެއް ނުވެ އެވެ.

ނަމަވެސް ރާއްޖެ އާ ގާތް ގުޅުމެއް ބާއްވާ އެހެން ގައުމުތަކުގެ ވެރިން އިންތިހާބުވުން ރައީސް އިބްރާހިިމް މުހައްމަދު ސޯލިހު ވެސް މަރުހަބާ ވިދާޅުވެ ޓުވީޓު ވެސް ކުރައްވަ އެވެ.

މި ސަރުކާރަށް ފާޑު ކިޔުން އަންނަ އެންމެ ބޮޑު އެއް މައްސަލައަކީ ވެސް ހާރިޖީ ސިޔާސަތު ގެންގުޅޭ ގޮތާއި އިންޑިއާ އަށް މާ ބޮޑަށް ބަރޯސާވެފައި އޮންނަ މައްސަލަ އެވެ. ނަމަވެސް އެއިން އެއްވެސް ކަމެއްގައި ސަރުކާރުން ރައްޔިތުންނަށް އެންމެ ފުރިހަމަ އަށް ސާފެއް ނުކޮށްދެ އެވެ.