Roadha Mihaaru
"އިންޑިއާގެ ގުޅުމަށް ފާޑުކިޔަނީ ތަރައްގީ ހަޖަމުނުވާތީ"

އިންޑިއާގެ ގުޅުމަށް ފާޑުކިޔަނީ ތަރައްގީ ހަޖަމު ނުވެގެން: ޝާހިދު

14 ސެޕްޓެމްބަރ 2020

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުމަށް ފާޑުކިޔައި އެ ގުޅުން ބަލައިނުގަނެވިގެން އުޅެނީ މި ސަރުކާރުން ގެންނަ ތަރައްގީ ހަޖަމް ނުވާ ބައެއް ކަމަށް ފޮރިން މިނިސްޓްރު އަބްދުއްﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުމަށް ފާޑުކިޔައި އެ ގުޅުން ބަލައިނުގަނެވިގެން އުޅެނީ މި ސަރުކާރުން ގެންނަ ތަރައްގީ ހަޖަމް ނުވާ ބައެއް ކަމަށް ފޮރިން މިނިސްޓްރު އަބްދުއްﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާ އިން ދީފައިވާ ހިލޭ އެހީގައި މ. ކޮޅުފުށީގެ މަގު ބައްތި ހަރުކޮށް ނިމުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތީ ވަރަށް ގާތް އަދި ވަރަށް ހާއްސަ ގުޅުމެއް ކަމަށެވެ.

"މި ގުޅުމަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމެއް. ދެ ގައުމުގެ ރައްޔިތުންގެ ހިތާ ހިތާ ގުޅިފައި އޮތް ގުޅުމެއް. އެކަން އަޅުގަނޑުމެން ގަބޫލު ކުރަން. އެކަން ގަބޫލު ނުކުރެވިގެން އުޅޭ ބަޔަކީ މި ސަރުކާރުން ހިންގަވާ ތަރައްގީގެ މަޝަރޫތަކަށް، އެ ތަންތަން ފެނި އެކަމަށް ހިތްދަތިވާ ފަރާތްތައް،" ޝާހިދު ވިދާޅުވި އެވެ.

ރާއްޖޭގައި ހިންގާ އެންމެ ކުދި މަޝްރޫތަކުން ފެށިގެން ގޮސް އެންމެ ބޮޑެތި މަޝްރޫތަކަށް ވެސް އިންޑިއާ ސަރުކާރުގެ ބޮޑު އެހީއެއް ލިބެމުން އަންނަ ކަން ފާހަގަކުރައްވައި އެކަމަށް ޝާހިދު ޝުކުރުއަދާކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19އާ ގުޅިގެން މުޅި ދުނިޔެ ހުއްޓުމަކަށް އައިސްފައި އޮތްއިރު ވެސް މި ސަރުކާރުން މަޝްރޫއުތައް ކުރިއަށް އެބަގެންދެ އެވެ. އޭގެތެރޭގައި ރަށްރަށުގައި މަގު ބައްތި ޖެހުމާއި ބަނދަރު ހެދުމާއި ނަރުދަމާގެ މަސައްކަތްތައް ހިމަނޭ ކަމަށް ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އެ މަޝްރޫއުތަކުގެ އިތުރުން ވެސް މި ސަރުކާރުން ބޮޑެތި މަޝްރޫއުތައް ރާވައި ފަށަން ގާތްވެފައި އެބަހުރި ކަމަށެވެ. ދިވެހިންނަށް މިހާރު އެންމެ ބޭނުންވެފައިވާ އެއް ކަންތައް ކަމަށްވާ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ވެސް މިއަހަރު ތެރޭގައި ފަށަން ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫ ކަމަށްވާ ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫ ވެސް އަވަސް މުސްތަގުބަލެއްގައި ފަށަން ތައްޔާރުވެފައިވާ ކަމަށް ވިދާޅުވި އެވެ.

އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް ފާޑުކިޔަނީ ތަރައްގީ ހަޖަމްނުވާ ބައެއް ކަމަށް ޝާހިދު ވިދާޅުވިއިރު، މި ސަރުކާރު އުފެދުމާ އެކު ގާތްވި އެ ގުޅުމަށް އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އިދިކޮޅު ކޯލިޝަނުން ތުހުމަތުކުރާ ގޮތުގައި އިންޑިއާއާ މާބޮޑަށް ގާތްވުމަކީ ރާއްޖޭގެ މިނިވަންކަމަށް އޮތް ނުރައްކަލެކެވެ. އެކަމަކު ސަރުކާރުން ބުނަމުން އަންނަނީ ރާއްޖެ އަށް ނުރައްކާވާ ފަދަ އެއްވެސް ކަމެއް އެއްވެސް ގައުމަކާ އޮންނަ ގުޅުމުގެ ތެރެއިން ނުކުރާނެ ކަމަށެވެ.