Roadha Mihaaru
މާފަރު އެއާޕޯޓަށް ޔޫރަޕުން ސީދާ ފްލައިޓް!

މާފަރު އެއާޕޯޓް ޔޫއޭއީ އެއާލައިނެއްގެ ހަބަކަށް، ޔޫރަޕުން ސީދާ ފްލައިޓް ބާއްވަނީ!

14 އޯގަސްޓް 2023

ރާއްޖޭގައި އޮތް އެންމެ ދިގު ރަންވޭއާ އެކު ނ. މާފަރު އެއާޕޯޓް ތަރައްގީކޮށް، ޔޫރަޕުން ސީދާ ފްލައިޓްތައް ކުރިމަގުގައި ޖައްސާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނ. މާފަރުން ނާޒިމް ހަސަން

ރާއްޖޭގައި އޮތް އެންމެ ދިގު ރަންވޭއާ އެކު ނ. މާފަރު އެއާޕޯޓް ތަރައްގީކޮށް، ޔޫރަޕުން ސީދާ ފްލައިޓްތައް ކުރިމަގުގައި ޖައްސާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ، އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. މާފަރަށް ވަޑައިގެން ބޭއްވި ކެމްޕެއިން ޖަލްސާގަ އެވެ.

އެއާޕޯޓަކީ ޔޫއޭއީގެ ޝާހީ އާއިލާއާ ގުޅުން އޮންނަ އަބޫދާބީ ފަންޑް ފޯ ޑިވެވެލޮޕްމަންޓް (އޭޑީއެފްޑީ)ން ހެދި އެއާޕޯޓެކެެވެ.

އެ އެއާޕޯޓްގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، ރާއްޖޭގެ އެންމެ ދިގު ރަންވޭއަކަށް މާފަރުގެ ރަންވޭ ވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، އޭޑީއެފްޑީ އެ މަޝްރޫއު ހިންގާއިރު މާފަރު ކައިރިން ބައެއް ރަށްތައް ދޫކޮށްފައިވާ ކަމަށެވެ. އެ ރަށްތަކުގައި ވެސް އެ ކުންފުނިން ރިސޯޓް ހަދާނެ ކަމަށާއި އަދި މާފަރު އެއާޕޯޓަށް ސީދާ ޔޫރަޕުން ފްލައިޓް ޖެއްސޭވަރު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ މީހުންގެ ތަސައްވުރެއް އެބަ އޮތް، އެކަން އޮތީ ހިއްސާ ކޮށްފައި، ޓޫރިޒަމްގެ ބޮޑު އެކްސްޕެންޝަނެއް ގެންނަން ވަނީ ނިންމާފައި. އެއާ ގުޅިގެން ބައެއް ރަށްތައް ވާނީ ދޫކޮށްފައި. ވަރަށް އަވަހަށް އެ މަސައްކަތްތައް ފަށައި ތަން ފެންނާނެ، ފުރިހަމަ ޔަގީންކަން އެބަ އޮތް އެކަން އެ ބޭފުޅުން ނިންމާނެ ކަމަށް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ހަމަ އެއާއެކު، ޔޫއޭއީގެ އެއާލައިނެއްގެ ހަބެއްގެ ގޮތުގައި ވެސް މާފަރު އެއާޕޯޓް ބޭނުން ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް، އޭގެ ތަފްސީލު ރައީސް ވިދާޅެއް ނުވެ އެވެ.

"ކަން ނިމިގެންދާއިރު މި ތަން ވާނެ އެ ބޭފުޅުންގެ ހަބެއްގެ ގޮތުގައި،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި، އެއާޕޯޓާ އެކު މާފަރަށް ލިބޭނީ މާ ބޮޑު ކުރިއެރުމެކެވެ. ވަޒީފާ ފުރުސަތައް އިތުރުވެ، ގިނަ ބަޔަކު މި ރަށުގައި ދިރިއުޅެވޭނެ ގޮތް ހަމަޖެހޭނެ ކަމަށް ވިދާޅުވި އެވެ. އެ ފުރުސަތުތައް ފަހިވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ދެއްވި އެވެ.

ރައީސް މާފަރުގައި

ރައީސް މާފަރުގައި

މާފަރަށް ވީ އެހެން ވައުދުތައް:

- ޖުމުލަ 45 ހެކްޓަރުގެ ބިން ހިއްކުން.

- މަގުތަކުގައި ތާރު އެޅުން.

- ކައުންސިލްގެ އާ އިމާރާތެއް.

- ފުޓްބޯޅަ ދަނޑުގައި ލައިޓް ޖެހުން.

- ސްކޫލްގައި ސައިންސް ލެބް

- މަސްމާރުކޭޓާއި ކުޑަކުދިންގެ ޕާކް

ރައީސް ވިދާޅުވީ، މާފަރު ހިމެނޭ ގޮތުން ނ. އަތޮޅުން އެ މަނިިކުފާނަށް ރެކޯޑު އަދަދަކުން ވޯޓު ލިބޭނެ ކަމަށް އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ. އެ ނަތީޖާއާ އެކު ކަށަވަރު ވާނީ ރިޔާސީ އިންތިހާބު ބޮޑު ފަރަގަކުން ކާމިޔާބުވުން ކަމަށް ވިދާޅުވި އެވެ.

"އެ މަންޒަރު ފެންނަނީ ރައްޔިތުން މި ސަރުކާރަށް އިތުބާރު ކުރާތީ. ވައުދުތައް ފުއްދަމުންދާތަން ރައްޔިތުންނަށް ފެންނާތީ،" ރައީސް ވިދާޅުވި އެވެ.

އިދިކޮޅަށް ރައީސްގެ ފާޑުކިޔުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ މަނިކުފާނާ ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ. ވިދާޅުވީ، އެ ކެންޑިޑޭޓުންގެ ތެރެއިން ބަޔަކު އެކުވާނެ ކެންޑިޑޭޓަކަށް ވެސްވީ އެ މަނިކުފާނު އެކަނި ކަމަށެވެ.

ރައީސް މާފަރުގައި

ރައީސް މާފަރުގައި

"އެހެން ބޭފުޅުން ވަރަށް ބައްދަލުވުންތައް ބޭއްވި، ރަށްރަށަށް ވަޑައިގެން ރިސޯޓްތަކަށް ވެސް ވަޑައިގެން، ފޮޓޯތައް ފެނުނު އަޅުގަނޑަށް. ޕްރެސްތައް ވެސް ބޭއްވި ތިން ޕާޓީ އެކުވެގެން. އެކަމަކު ނުވި. އެކުވާނެ ބަޔަކު ނުވި، ވަކިން އެ ތިބީ ނުކުމެ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެހެން ވަނީ އެ ބޭފުޅުންނަކީ އަމިއްލަ އެދުމާއިގެން އިންތިހާބަށް ނުކުތް ބަޔަކަށް ވާތީ އެވެ. އެ ކެންޑިޑޭޓުން ބޭނުން ވަނީ އެންމެ ކަމެއް ކަމަށާއި އެއީ ވެރިކަން ނޫނީ ބޮޑުވަޒީރަކަށް ވުން ކަމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

"ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭނެ ކެންޑިޑޭޓެއް އަޅުގަނޑު ނޫނީ ނެތް. ސިޔާސީ ގޮތުން އަޅުގަނޑު އަރާނެ ހަރުފަތެއް ދެން ނެތް، ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުން ނޫން އެއްވެސް ކަމެއް އަޅުގަނޑަކަށް ނެތް،" ރައީސް ވިދާޅުވި އެވެ.