Roadha Mihaaru
ކުރިން ނުކޮށްދެވޭ ވަރުގެ މަސައްކަތް ކުރެވިއްޖެ: ރައީސް

ދައުރު ފުރިހަމަ ކުރި އެހެން ހުރިހާ ސަރުކާރުތަކަށް ނުކޮށްދެވޭ ވަރުގެ މަސައްކަތްތައް ރަށްރަށުގައި ކުރެވިއްޖެ: ރައީސް

07 ޖެނުއަރީ 2023

ފަސް އަހަރުގެ ދައުރު ފުރިހަމަކުރި އެހެން ހުރިހާ ސަރުކާރުތަކަށް ނުކޮށްދެވޭ ވަރުގެ މަސައްކަތްތަކެއް އެ މަނިކުފާނުގެ ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި ކޮށްފި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ފަސް އަހަރުގެ ދައުރު ފުރިހަމަކުރި އެހެން ހުރިހާ ސަރުކާރުތަކަށް ނުކޮށްދެވޭ ވަރުގެ މަސައްކަތްތަކެއް އެ މަނިކުފާނުގެ ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި ކޮށްފި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ނުކުންނަ ކެންޑިޑޭޓަކު ކަނޑައަޅަން މި މަހުގެ 28 ގައި ބާއްވާ ޕްރައިމަރީގެ ކެމްޕެއިނަށް ނ. ކެނިދުކުޅުދު އަށް ވަޑައިގެން އެ ޕާޓީގެ މެމްބަރުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރ. އަތޮޅުގެ ދަތުރުފުޅަށް ފަހު، ނ. އަތޮޅުގެ ކެމްޕެއިންގެ ފުރަތަމަ ރަށް ކެނދިކުޅުދޫގައި ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ސަރުކާރަށް ފެށުނީއްސުރެ ގޮންޖެހުންތަކެއް ކުރިމަތި ކުރަމުން ދިޔަ ކަމަށެވެ. އެކަމަކު، މި ސަރުކާރުގެ ފަސް އަހަރު ނިމިގެން މިދަނީ އެ ގޮންޖެހުންތައް ހުރަސްކޮށް ފަސް އަހަރުގެ ތެރޭގައި އެއްވެސް ރައީސަކަށް ނުކުރެއްވޭ ވަރުގެ ކަންތައްތަކެއް ރަށްރަށުގައި ކޮށްފައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ކެތްތެރިކަމާއެކު އެ ގޮންޖެހުންތައް ހުރަސްކޮށް، މިއަދު މި ވަނީ ރާއްޖޭގެ ވެރިކަމުގައި ފަސް އަހަރު ހޭދަކުރި އެއްވެސް ސަރުކާރަކަށް ނުކޮށްދެވޭ ވަރުގެ މަސައްކަތްތައް ރާއްޖޭގެ ރަށްރަށަށް ކޮށްދީފައި،" އެމްޑީޕީގެ އިސް ލީޑަރުގެ މަގާމު ވެސް ފުރުއްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ސިއްހީ، ތައުލީމީ ދާއިރާ އަދި ދަތުރުފަތުރުގެ ނިޒާމަށް ބަލައި ކޮންމެ ފަސް އަހަރަކާ އަޅައި ކިޔަން ވެސް އެ މަނިކުފާނު އެދިވަޑައިގަތެވެ.

އެއްވެސް ރަށެއް ބާކީ ނުކޮށް ސަރުކާރުން ހިދުމަތް ދޭނެ ކަމަށް ކެމްޕެއިން ދަތުރުފުޅުގައި އެހެން ރަށްތަކުގައި ވެސް ރައީސް ވިދާޅުވި އެވެ. ކެނދިކުޅުދޫގައި ދެއްކެވި ވާހަކަފުޅުގައި، ނ. އަތޮޅުގައި 800 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ހެނބަދޫގައި ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް ރައީސް ފާހަގަކުރެއްވި އެވެ.

ކެނދިކުޅުދޫގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ރަށުގެ އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ

ކެނދިކުޅުދޫގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ރަށުގެ އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ

ހެނބަދު އަކީ ވަރަށް ކުޑަ ރަށެއް ކަމަށާއި ކުރިން އެކަހެރިކޮށް މުޅިން ބާކޮށްފައި އޮތް ރަށެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ. އެކަމަކު، މިހާރު ފެނާއި ނަރުދަމާ ގާއިމްކޮށް، ބަނދަރު ހަދާފައިވާއިރު، ސްކޫލާއި ސިއްހީ މަރުކަޒުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވިގޮތުގައި، ކުޑަކުޑަ އާބާދީއަކަށް ކޮށްދިން އެ ކަންތައްތަކަކީ އިސްރާފެއް ނޫނެވެ. އަދި ސަރުކާރަކުން ރައްޔިތުންނަށް ކޮށްދޭ އެއްވެސް ކަމަކީ އިސްރާފެއް ނޫން ކަމަށް ވިދާޅުވި އެވެ.

"ވެރިކަމެއްގައި ބަޔަކު ތިބެނީ ރައްޔިތުންނަށް ހިދުމަތް ކުރަން. އަޅުގަނޑުމެން ނުވާނެ ބާކީ ކޮށްގެންނެއް،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީއަށް ލިބިވަފައިވާ އަޣުލަބިއްޔަތު ބޭނުން ކުރަންވާނީ ހުރިހާ ދިވެހިންނަށް ހިދުމަތް ކުރަން ކަމަށް ވެސް ވިދާޅުވި އެވެ. އެމްޑީޕީން ވެރިއަކު ހޮވަނީ އެ ކަމަށް ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ކެނދުކުޅުދޫއަށް ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް މަރުހަބާ ކިޔަނީ

ރައީސް ސޯލިހު ކެނދުކުޅުދޫއަށް ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް މަރުހަބާ ކިޔަނީ

އެ މަނިކުފާނު ވިދާޅުވީ، މިހާރު މަސައްކަތް ކުރައްވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، ރައްޔިތުން ބޭނުންވާ ހިދުމަތްތައް އިތުރަށް ފުޅާކޮށްދިނުމަށް ކަމަށެވެ. އެކަން ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވެސް ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީ ބޮޑު ތަނުން ކާމިޔާބު ކުރައްވައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ރައީސް މިއަދު ކެނދިކުޅުދުއަށް ވަޑައިގެންފައިވާއިރު، އެ އަތޮޅުގެ އެހެން ދެ ރަށަކަށް ވެސް މިއަދު ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ. މިއަދު ހަވީރު މަނަދު އަށް ވަޑައިގެން އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާނެ އެވެ. އަދި މިރޭ ވެލިދޫގައި ބާއްވާ ކެމްޕެއިން ޖަލްސާ އަށް އެ ރަށަށް ވަޑައިގަންނަވާނެ އެވެ.