Roadha Mihaaru
ހިޔާލު ތަފާތު ވިޔަސް، މިއީ އެމްޑީޕީ އެކުވާންވީ ވަގުތު

ހިޔާލު ތަފާތު ވިޔަސް، މިއީ އިންތިޚާބު ކާމިޔާބު ކުރަން އެމްޑީޕީ އެއްކޮށް ނުކުންނަންވީ ވަގުތު: ރައީސް

17 ފެބުރުއަރީ 2023

ހިޔާލު ތަފާތުވުން ހުއްޓަސް، އެމްޑީޕީ އެކުގައި ނުކުމެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވެ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އެކަމަށް ދައުވަތު ދެއްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހިޔާލު ތަފާތުވުން ހުއްޓަސް، އެމްޑީޕީ އެކުގައި ނުކުމެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވެ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އެކަމަށް ދައުވަތު ދެއްވައިފި އެވެ.

ރައީސާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރެއްވި ޕްރައިމަރީ ރައީސް ކާމިޔާބު ކުރެއްވުމުން އެމަނިކުފާނަށް ރިޔާސީ ޓިކެޓް އަރުވަން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ހާމަވެގެން ދިޔައީ އެމްޑީޕީއަކީ ތަފާތު ހިޔާލުތަކަށް ޖާގަ އޮތް ޕާޓީއެއް ކަން ކަމަށެވެ. އަދި ޕްރައިމަރީއަށްފަހު ދެން އޮތީ ހިޔާލު ތަފާތު ވިޔަސް، އެންމެން އެކުގައި ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން މަސައްކަތް ކުރަންވީ ވަގުތު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ މިއީ ހިޔާލު ތަފާތުން އެކަހެރިކޮށް ނުވަތަ ހިޔާލު ތަފާތުވުންތައް ހުއްޓަސް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރުމަށްޓަކައި އަޅުގަނޑުމެން އެންމެން އެއްވާންވީ ވަގުތު." ރައީސް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވަނީ: އެމްޑީޕީގެ މެމްބަރުން އެކަތިގަނޑެއްގެ ގޮތުގައި އިންތިހާބު ކާމިޔާބުކުރަން ނުކުތުމަށް ގޮވާލެއްވި. --- މިހާރު ފޮޓޯ/ނިޝާން އަލީ

މިރޭގެ ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވަނީ: އެމްޑީޕީގެ މެމްބަރުން އެކަތިގަނޑެއްގެ ގޮތުގައި އިންތިހާބު ކާމިޔާބުކުރަން ނުކުތުމަށް ގޮވާލެއްވި. --- މިހާރު ފޮޓޯ/ނިޝާން އަލީ

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ހަމައެކަނި ބޭނުމަކީ އެމްޑީޕީއަށް ވެރިކަން ހޯދައި ދިނުމެވެ. ސަބަބަކީ ތަފާތު ކުރުމެއް ނެތި އަދި ރައްޔިތުން ބޭނުންވާ ގޮތަށް އިންސާފުން ވެރިކަން ކުރެވޭނީ އަދި ހުއްޓުމެއް ނެތި ތަރައްގީ ގެނެވޭތީ އެމްޑީޕީއަށް ކަމަށްވާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިކަމަށްޓަކައި ދެން އެމްޑީޕީން ކުރަންވީ އެންމެ ކަމެއް. އެންމެން އެކަތިގަނޑެއްގެ ގޮތުގައި ތެދުވެ، އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުން. މުޅި އެމްޑީޕީ އާއި މި ޕާޓީއަށް ނިސްބަތްވާ ހުރިހާ މެމްބަރުންނަށް އަޅުގަނޑު މިރޭ މި ދައުވަތު އަރުވަން." ރައީސް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ

މިރޭގެ ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ

މިހާރު ފެންނަމުންދާ ތަރައްގީ ލިބުނީ އެމްޑީޕީގެ މެމްބަރުންނާއި ސަރުކާރު ކޯލިޝަންގެ އެހެން ޕާޓީތަކުން އެމަނިކުފާނަށް ކުރެއްވި އިތުބާރުގެ ސަބަބުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ކުރިމަތިވި ކޮންމެ ގޮންޖެހުމަކުން އަރައިގަނެވުނީ ވެސް އެންމެންގެ އެހީތެރިކަމާ އެކު ކަމަށް ވިދާޅުވި އެވެ.

"އެކަމެއް އަޅުގަނޑު ހަނދާނެއް ނުނެތޭނެ. އެކަމަށްޓަކައި އަޅުގަނޑު އެ ބޭފުޅުންނަށް ވެސް ޝުކުރު އަދާކުރަން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ދެން އޮތީ އިގްތިސާދު ކުރިއަރައި، އެތައް ވަޒީފާގެ ފުރުސަތުތަކާއި ރައްޔިތުންނަށް ތަނަވަސްކަން ލިބޭނެ ދުވަސްތަކެކެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަން އަޑުއެހުމަކީ އެމްޑީޕީގެ އަބަދުވެސް ސިޔާސަތެއް ކަމަށް ވިދާޅުވެ، މިފަހަރު ވެސް ރައްޔިތުންގެ ހިޔާލު ހޯއްދަވާނެ ކަމަށް ވިދާޅުވި އެވެ.

"އިންތިޚާބުގެ ކެމްޕެއިނަށް އަޅުގަނޑު ނިކުންނާނީ ތި ބޭފުޅުންގެ ހިޔާލާއި މަޝްވަރާއަށް ބިނާކޮށް ތައްޔާރުކުރާ މެނިފެސްޓޯ ހިފައިގެން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފަހުގެ ތާރީޚުގައި ހިނގަމުން އަންނަ އެންމެ ބޮޑެތި މަޝްރޫއުތައް ދަނީ ކުރިއަށް ކަމަށެވެ. އަދި ރާއްޖެއަށް ތަރައްގީ ގެންނަމުން ދަނީ މާލެ އާއި އަތޮޅު ތެރެއާ އެއްވެސް ތަފާތު ކުރުމެއް ނެތި ކަމަށާއި އޭގެ ސަބަބުން މާލޭގެ ތޮއްޖެހުމަށް ބޮޑު ލުޔެއް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.