Roadha Mihaaru
ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށް ނުކުތުން ގަވާއިދާ ހިލާފު!

މެމްބަރެއްގެ ގޮތުގައި ހުންނަވައި ރައީސާ ދެކޮޅަށް ނަޝީދަށް ނުނިކުންނެވޭނެ!

30 ޖެނުއަރީ 2023

އެމްޑީޕީގެ އިންތިހާބުތަކުގައި ހޮވޭ ކެންޑިޑޭޓުންނާ ދެކޮޅަށް ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުރެ މަސައްކަތް ކުރުމާއި ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރެއްވުމަކީ އަސާސީ ގަވާއިދާ ހިލާފު ކަމެއް ކަން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) މިއަދު ހަނދާންކޮށްދެއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޑީޕީގެ އިންތިހާބުތަކުގައި ހޮވޭ ކެންޑިޑޭޓުންނާ ދެކޮޅަށް ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުރެ މަސައްކަތް ކުރުމާއި ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރެއްވުމަކީ އަސާސީ ގަވާއިދާ ހިލާފު ކަމެއް ކަން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) މިއަދު ހަނދާންކޮށްދެއްވައިފި އެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި އަސާސީ ގަވާއިދުގައި އޮންނަ ގޮތް ކިޔައި ދެއްވީ ޕްރައިމަރީގައި ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކުު މި އަހަރުގެ ރިޔާސީ އިންތިހާބުގައި މަސައްކަތް ނުކުރައްވަން ނަޝީދު ނިންމެވުމެވެ. އިންތިހާބުން ނާކާމިޔާބުވި ނަޝީދު މިއަދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ ޕްރައިމަރީގައި ނަޝީދުގެ މައްޗަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރި ހޯއްދެވީ 61 ޕަސެންޓުންނެވެ. އެ ވޯޓުގައި އޮޅުވާލުން ހިމެނޭ ކަމުގެ ތުހުމަތު ކުރައްވައި ނަޝީދުގެ ނިންމެވުމަކީ ޕާޓީ ތެރެއިން "ފިކުރެއްގެ ދިރުން" ނަމުގައި ހަރަކާތެއް ކުރިއަށް ގެންދެވުމަށެވެ. އަދި އެ ހަރަކާތަށް ފަހު ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމެވެ.

އެމްޑީޕީގެ މެމްބަރުންނަށް މި މެސެޖް ދެއްވާފައި ވަނިކޮށް ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރޭ ވިދާޅުވީ އެމްޑީޕީގެ އިންތިހާބުތަކުގައި ހޮވޭ ކެންޑިޑޭޓުންނަށް ތާއީދުކުރުމާއި ވޯޓު ހޯދައި ދިނުމަށް މަސައްކަތްކުރުމާއި ވޯޓުދިނުމަކީ އަސާސީ ގަވާއިދުގެ 16 ވަނަ މާއްދާގެ (ބ) ގެ ދަށުން ޕާޓީގެ ހުރިހާ މެމްބަރުންގެ މަސްއޫލިއްޔަތެއްގެ ގޮތުގައި އޮންނަ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓް، ސައްހަ އިންތިހާބަކުން ޕާޓީގެ މެމްބަރުން ވަނީ ހޮވައިފަ އެވެ. ޕާޓީގެ ހުރިހާ މެމްބަރުންނަށް އޮތީ އެ ކެންޑިޑޭޓުގެ ފަހަތުގައި ކުރިއަށް ދިއުން ކަމަށާއި އެމްޑީޕީގެ އަސާސީ ގަވާއިދުގައި ވެސް އޮތީ އެގޮތަށް ކަމަށް ވިދާޅުވި އެވެ.

"އަސާސީ ގަވާއިދުގައި އެހެން އޮއްވާ އެ އުސޫލަކާ ޚިލާފެއް ނުވެވޭނެ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ މަސްލަހަތުތަކަށް ބުރޫނާރާނެ ގޮތަށް އުޅުން ބެހެއްޓުން އަދި ހާއްސަކޮށް ޕާޓީގެ އަހުލާގީ މިންގަނޑަށް ހުރުމަތްތެރިކޮށް ހިތުން މެމްބަރުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެ އެވެ.

އެމްޑީޕީން ބޭއްވި ޕްރެސް ކޮންފަރެންސްގައި، އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރޭ ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެމްޑީޕީން ބޭއްވި ޕްރެސް ކޮންފަރެންސްގައި، އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރޭ ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވުމުން ނަޝީދު ހުށަހަޅުއްވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ޕާޓީގެ ގޮފިތައް ހަދައި ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅާށެވެ.

"އަޅުގަނޑު ހުށަހަޅަނީ 'ފިކުރެއްގެ ދިރުން' ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި ވެސް އަލުން ހަދައި، ކަނޑާލި 39،000 އަށް ވުރެ ގިނަ މީހުން އަލުން އެމްޑީޕީއާ ގުޅި، އެ މީހުންނާ އެކު އަޅުގަނޑުމެންނަށް ފެންނަ ގޮތް ނިންމުން،" ނަޝީދު ވިދާޅުވެފައިވެ އެވެ. "ފިކުރެއްގެ ދިރުމުގެ ފަރާތުން ތާއީދުކުރާ ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅާނީ ފަހުން."

މިއީ ޕާޓީގެ އާއްމު މެމްބަރުން ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާފައި ވަނިކޮށް ނަޝީދަށް އަމަލުކުރެއްވޭނެ ގޮތެއް ނޫން ކަަމަށް ވިދާޅުވެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ވަނީ އެ ނިންމެވުމާ ދޭތެރޭގައި އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެންފަ އެވެ.

"އަލުން ތިކަމާ މެދު ވިސްނާލެއްވުމަށް އެދެން. ޕާޓީގެ އުސޫލާ ގަވާއިދު ބަދަލުކޮށް ތި ގޮތަށް ކަންކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ،" ފައްޔާޒް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު ނަޝީދު މިހާތަނަށް ޕްރެސް ކޮންފަރެންސެއް ނުބާއްވަ އެވެ. ސިޔާސީ ގޮތުން ދެން އަމަލުކުރައްވާނެ ގޮތަކާ މެދު އެއްޗެއް މި ވިދާޅުވަނީ އެމްޑީޕީގެ މެމްބަރުން ތިއްބަވާ ގްރޫޕްތަކުގަ އެވެ.