Roadha Mihaaru
ޝިފާޒް ލަވަޔަކުން ވިދާޅުވީ "މަރުފަލިޖަހަނީ" ކަމަށް!

ޕްރައިމަރީ އަށް ފަހު ޝިފާޒް ލަވަޔަކުން ވިދާޅުވީ "ހޭވައްޓާލައި މަރުފަލި ޖަހަނީ" ކަމަށް

30 ޖެނުއަރީ 2023

އެމްޑީޕީގެ ވާދަވެރި ޕްރައިމަރީ އަށް ފަހު، "ހޭވައްޓާލައި މަރުފަލި ޖަހަނީ" ކަމަށް ވިދާޅުވެ ލަވަޔަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި މި ސަރުކާރުގެ މިސްރާބާ މެދު ދެކެވަޑައިގަންނަވާ ގޮތް ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ރޭ ހާމަކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޑީޕީގެ ވާދަވެރި ޕްރައިމަރީ އަށް ފަހު، "ހޭވައްޓާލައި މަރުފަލި ޖަހަނީ" ކަމަށް ވިދާޅުވެ ލަވަޔަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި މި ސަރުކާރުގެ މިސްރާބާ މެދު ދެކެވަޑައިގަންނަވާ ގޮތް ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ރޭ ހާމަކުރައްވައިފި އެވެ.

ރިޔާސީ ކެންޑިޑޭޓު ހޮވުމުގެ ޕްރައިމަރީގައި ވާދަކުރެއްވީ އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ޕާޓީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. މި ޕްރައިމަރީގައި 61 ޕަސެންޓުން ނަޝީދުގެ މައްޗަށް ކުރި ހޯއްދެވީ ރައީސް އެވެ.

އެމްޑީޕީގެ އިންތިހާބެއްގައި ވާދަކުރައްވައި، ނަޝީދަށް ލިބިވަޑައިގަތް މި ނާކާމިޔާބީއާ ގުޅޭ ގޮތުން އެމަނިކުފާނު މިހާތަނަށް ވާހަކައެއް ނުދައްކަވަ އެވެ. ވިދާޅުވީ، އިންތިިހާބުގެ ނަތީޖާ ސައްހަ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށާއި އެހެން ނޫން ނަމަ މި އިންތިހާބުން އެމަނިކުފާނު މޮޅުވީސް ކަމަށެވެ.

ވޯޓުގެ ނަތީޖާ އިއުލާންކުރަން ފެށުމާއެކު އެމްޑީޕީގެ ގްރޫޕްތަކަށް މި މެސެޖް ދެއްވުން ފިޔަވައި، އެމަނިކުފާނު ސިޔާސީ ގޮތުން ދެން ކުރިއަށް ވަޑައިގަންނަވާ ގޮތެއް ވިދާޅެއް ނުވެ އެވެ. ވޯޓު އޮޅުވާލާފައިވާ ކަމުގެ ތުހުމަތުކޮށް ނަޝީދުގެ އަރިސް ބޭފުޅުން ވެސް މި އިންތިހާބަށް ފަހު އަދި ތިއްބެވީ ހިމޭނުންނެވެ.

އެކަމަކު ނަޝީދާ އެކު އަބަދުވެސް ހުންނެވި އެމްޑީޕީގެ ނައިބު ރައީސް ޝިފާޒް ވަނީ، ޒީރޯ ޑިގްރީ އެޓޯލްގެ ލަވައެއް ޓުވީޓްކުރައްވައި ނުސީދާކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވެފަ އެވެ.

އެ ލަވާގައި ޖުމްލަކޮށް ބުނަނީ "ބޮނޑިއެއްބޯން ހޭނާރައި މަރުފަލި ޖަހަމުންދާ" ވާހަކަ އެވެ.

"ނޭނގޭތީތާ އޭ ދޯ ހޭތިދަނީ ފޯރީގައި،

ހޭނާރާ ޖަހަނީ، މަރުފަލިތާ ބޮނޑިބޯން

މާކުރިން ކަން ވީ ގޮތުންތާމަ އެހުރީ އުފަލަކުން

މާކުރިން ކަން ދިޔަގޮތުން ތާނަސީބުގެ ދެރަކަމުން"

މިއީ ސިޔާސީ ގޮތުން ކުރިމަތިވާ ބައެއް ހާލަތުތައް ސިފަކޮށްދެއްވަން، ރާއްޖޭގެ ސިޔާސީ ބައެއް ބޭފުޅުން މީގެ ކުރިން ވެސް ނުސީދާކޮށް މެސެޖް ދެއްވަން ބޭނުންކުރައްވާފައިވާ ލަވައެކެވެ.

އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޝިފާޒު އެ މާނަކުރައްވަނީ، އެމްޑީޕީގެ 2018ގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތުމާ ހިސާބުން މި ޕްރައިމަރީ ނިމުމާ ހަމައަށް ކަންކުރެއްވި ގޮތް ކަމަށް ނަޝީދު ދައްކަވާ ވާހަކަތަކަށް ބާރުދެއްވަން ކަމަށް ބެލެވެ އެވެ.

ޕްރައިމަރީގެ ކުރިން ސަރުކާރަށް ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވުމަށް ފަހު ނާކާމިޔާބުވެވަޑައިގަތަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު ސިޔާސީ މަސައްކަތް އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް އެކުގައި މަސައްކަތް ނުކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނުގެ ސިޔާސީ ކުރިމަގު ދެން ކުރިއަށް ގެންދަވާނެ ގޮތަކާ ދޭތެރޭ ސުވާލު އުފެދިފައި އޮތް އިރު އާ ޕާޓީއެއް ހެއްދެވުން ގާތް ކަމަށް ނުވަތަ އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަފާނެ ކަމަށް ޕާޓީގެ ތެރެއިން ވެސް ބައެއް މީހުން ލަފާކުރައްވަ އެވެ.

އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެކުގައި އިންތިހާބަށް ދިއުމަށް ނަޝީދަށް ދައުވަތު ދެއްވައިފަ އެވެ. އަނެއްކާވެސް އެމްޑީޕީގެ ވެރިކަމެއް މި ގައުމުގައި ދެމިއޮންނާނީ މުޅި ޕާޓީއެކުގައި ތިބެގެން ކަމަށް އިންތިހާބު ކާމިޔާބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައިވެ އެވެ.

ޝިފާޒްގެ ޓުވީޓްކުރެއްވި ލަވަޔަކީ، އޭނާ އާއި ނަޝީދުގެ އެހެން އަރިސް ބޭފުޅުން ދެކޭ ގޮތް ހާމަކޮށްދޭ ލަވައެއް ކަމުގެ ފުރުސަތު ބޮޑުއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކުގައި ނަޝީދު ދެން މަސައްކަތް ކުރައްވާފަނެތޯ އެއީ މިހާރު ގިނަބަޔަކު އުފައްދަމުންދާ ސުވާލެވެ.