Roadha Mihaaru
ގޮތްޕަކުން ރިޔާސީ ކެންޑިޑޭޓް ބަދަލު ނުކުރެވޭނެ: ޝަރީފް

ގޮފި އުފެއްދިޔަސް ރިޔާސީ ކެންޑިޑޭޓް ބަދަލެއް ނުކުރެވޭނެ: ޝަރީފް

02 ފެބުރުއަރީ 2023

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ކެންޑިޑޭޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް އާއްމު މެމްބަރުން ނިންމާފައިވާ ކަމަށާއި ޕާޓީން އުފައްދާ ވަކި ގޮތްޕަކަށް އެކަން ބަދަލުނުކުރެވޭނެ ކަމަށް ވިދާޅުވެ، ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ހަރަކާތަށް މަރަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ފާޑުވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ކެންޑިޑޭޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް އާއްމު މެމްބަރުން ނިންމާފައިވާ ކަމަށާއި ޕާޓީން އުފައްދާ ވަކި ގޮތްޕަކަށް އެކަން ބަދަލުނުކުރެވޭނެ ކަމަށް ވިދާޅުވެ، ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ހަރަކާތަށް މަރަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ފާޑުވިދާޅުވެއްޖެ އެވެ.

ވާދަވެރި ކެމްޕޭނަކަށް ފަހު ނެގި ވޯޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރި ހޯއްދެވީ 61 ޕަސެންޓުންނެވެ. ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް ލިބިވަޑައިގަތީ 39 ޕަސެންޓެވެ.

މި ނަތީޖާ ނުކުތީ އިތުރަށް ވޯޓު އަޅައި އޮޅުވާލުން ކަމުގެ ތުހުމަތާ އެކު ނަޝީދުގެ ނިންމެވުމަކީ ޕާޓީގެ ތެރެއިން އެމަނިކުފާނަށް ތާއީދުކުރާ "ފިކުރު ގޮފި" އުފައްދެވުމެވެ. އަމާޒު ހިފާފައި ވަނީ 50,000 މެމްބަރުން ހަމަކޮށް ކޮންގްރެސްއަކަށް ގޮސް ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް. އެއީ ޕްރައިމަރީގައި އެމްޑީޕީގެ އާއްމު މެމްބަރުން ނިންމި ގޮތް. އެ ބަދަލު ކުރެވޭނެ ގޮތްޕެއް ނޯންނާނެ. އާއްމު މެމްބަރުންގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން. -- ޝަރީފް

އެމަނިކުފާނުގެ މި ވިސްނެވުމާ އެއްގޮތަށް ފޯމު ފުރައި ފިކުރުގެ ގޮފި އުފެއްދުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދެ އެވެ.

މިކަމަށް އިޝާރާތްކުރައްވައި ޝަރީފް ވިދާޅުވީ ޕާޓީގެ 2023ގެ ރިޔާސީ ކެންޑިޑޭޓު ބަދަލުކުރެވޭނެ ގޮތްޕެއް ނެތް ކަމަށެވެ.

"އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް. އެއީ ޕްރައިމަރީގައި އެމްޑީޕީގެ އާއްމު މެމްބަރުން ނިންމި ގޮތް. އެ ބަދަލު ކުރެވޭނެ ގޮތްޕެއް ނޯންނާނެ. އާއްމު މެމްބަރުންގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން," ޝަރީފް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޕްރައިމަރީގެ ކެމްޕޭން ޖަލްސާއެއްގައި ޝަރީފް ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވަނީ އެމްޑީޕީގެ އާއްމު މެމްބަރުންގެ ނިންމުން ގަބޫލުކުރަން ޖެހޭ ކަަމަށް. -- ފޮޓޯ | މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޕްރައިމަރީގެ ކެމްޕޭން ޖަލްސާއެއްގައި ޝަރީފް ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވަނީ އެމްޑީޕީގެ އާއްމު މެމްބަރުންގެ ނިންމުން ގަބޫލުކުރަން ޖެހޭ ކަަމަށް. -- ފޮޓޯ | މިހާރު

އޭނާ ވިދާޅުވި ގޮތުގައި އާއްމު މެމްބަރުންގެ ނިންމުމުން ބަދަލުކުރަން އެއްވެސް ގުނަނަކަށް އަދި ގޮތްޕަކަށް ބާރެއް ނުފޯރުވޭނެ އެވެ. ފަހުގެ ނިންމުމަކީ ޕާޓީގެ އާއްމު މެމްބަރުންގެ ނިންމުންކަން އޭނާ ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.

"ޕްރައިމަރީގެ ނަތީޖާ ލިބެންދެން ކެންޑިޑޭޓް ކަނޑައެޅެން ވާނީ ވާދަވެރި ޕްރައިމަރީއަކުން ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ދިޔަ. ޕްރައިމަރީން ބަލީވީމާ މިހާރު ވިދާޅުމިވަނީ ޕްރައިމަރީއަކުން ނޫނޭ ތިމަންނަ އުފައްދަވާ ގޮފިތަކެއްގެ މެމްބަރުންގެ މެދު ބާއްވާ ޖަލްސާއަކުންނޭ," ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ މައްސަލަތައް ވީހާވެސް އަވަހަކަށް ހައްލުކުރަން ޖެހެ އެވެ. އެމްޑީޕީގެ ތެރޭގައި ފެކްޝަން ނުހައްދަވައި ނަޝީދަށް އެންމެ ރަނގަޅު ގޮތަކީ ވަކި ޕާޓީއެއް ހެއްދެވުން ކަމަށާއި އެމަނިކުފާނު ކުރިއަށް ވަޑައިގަންނަވަންވީ ގޮތް މާ ސާފުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޝަރީފް ވަނީ "ފިކުރެއްގެ ދިރުން" އުފައްދަން އުޅޭ ސަބަބާ މެދު ވެސް ސުވާލު އުފައްދަވައިފަ އެވެ.

އޭނާ ވިދާޅުވީ ފިކުރެއް ދިރުވަން ޖެހޭނީ މަރުވެގެން އުޅޭ ނަމަ ކަމަށާއި އެމްޑީޕީގެ ފިކުރު މަރުނުވެ ބާރަށް ކުރިއަށް އެބަދާ ކަމަށެވެ. އެމްޑީޕީއަށް ދިމާވެގެން މިއުޅޭ މައްސަލައަކީ "އެއް އުރައެއްގައި ދެ ކަނޑިއެއް ނޯވެވުން" ކަމަށް ވެސް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ނަޝީދުގެ މަސްއޫލިއްޔަތަކަށް ވާންޖެހޭނީ މެޖޯރިޓީއަށް ތަބާވެ ޕާޓީ އަލުން ވެރިކަމަށް ގެނައުމެވެ.

ޝަރީފަށް ތާއީދުކުރައްވައި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވެސް ވަނީ ނަޝީދު ކުރައްވާ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. އާދަޔާޚިލާފު ކޮންގްރެސްއަކަށް ގޮވަނީ ގައުމީ މަޖިލީހުން ކަން ފާހަގަކުރައްވައި އެފަދަ ކޮންގްރެސްއަކުން ކާމިޔާބީއެއް ނުހޯދޭނެ ކަަމަށް ވިދާޅުވި އެވެ.

"ގައުމީ މަޖިލީހުގެ މެޖޯރިޓީއަށް މި ޕާޓީގެ އަސާސީ ގަވާއިދު ސާފު. ވަކި ބޭފުޅަކަށް ކާމިޔާބުވަންދެން އިންތިހާބު ބޭއްވުމަކީ މި ޕާޓީ ދެކޮޅު ހެދި ކަމެއް. އަދި ދެން ވެސް ދެކޮޅު ހަދާނެ ކަމެއް. ރިޔާސީ ޕްރައިމަރީ ނިމި ކެންޑިޑޭޓް ހޮވައިފި," ރޮޒައިނާ ވިދާޅުވި އެވެ.

އޭނާ ވެސް ވިދާޅުވަނީ އާއްމު މެމްބަރުންގެ ނިންމުމަށް ވުރެން ކޮންގްރެސްގެ ނިންމުން ބޮޑުނުވާނެ ކަމަށެވެ. އެކަން އެގޮތަށް ކުރެވިދާނެ ކަމަކަށް ދެއްކުމަކީ އޮޅުވާލުމެއް ކަމަށް ވެސް ވިދާޅުވި އެވެ. ރޮޒައިނާ ވިދާޅުވި ގޮތުގައި ބުއްދިވެރި އަދި ރީތި ގޮތަކީ ޑިމޮކްރަސީއަށް ތަބާވުމެވެ.