Roadha Mihaaru
ނަޝީދު ބަލި ގަބޫލުކޮށްފި، ބޭނުމީ ސިޔާސީ ވަކިހަރަކާތެއް

ނަޝީދު ބަލި ގަބޫލުކުރައްވައިފި، އެކަމަކު ބޭނުމީ އެމްޑީޕީ ތެރެއިން ސިޔާސީ ވަކި ހަރަކާތެއް

30 ޖެނުއަރީ 2023

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބީ ހޯއްދަވާފައިވާ ކަމަށް، އެ މަނިކުފާނާ ވާދަކުރެއްވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގަބޫލުކުރައްވައިފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބީ ހޯއްދަވާފައިވާ ކަމަށް، އެ މަނިކުފާނާ ވާދަކުރެއްވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގަބޫލުކުރައްވައިފި އެވެ.

އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު މިއަދު ހެނދުނު ފޮނުއްވި މެސެޖެއްގައި ލިޔުއްވާފައިވާ ގޮތުގައި "އިންތިހާބުގެ އޮޅުވާލުންތައް އެއްކިބާކޮށްފި ނަމަ" ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ގިނަ ވޯޓް އުނިވާނެ އެވެ. އެކަމަކު ނަޝީދު ވިދާޅުވީ ވޯޓާސް ލިސްޓަށް ބަލާ ނަމަ ކުޑަ ފަރަގަކުން ރައީސް މޮޅުވެދާނެ ކަމަށެވެ.

މިހެން ވިދާޅުވެ ނަޝީދު ލިޔުއްވި ގޮތުގައި، ޕްރައިމަރީ ކާމިޔާބުކުރެއްވުނަސް ރައީސަށް މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބެއް ނުކުރެއްވޭނެ އެވެ.

"އަޅުގަނޑު ހުށަހަޅަނީ 'ފިކުރެއްގެ ދިރުން' ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި ވެސް އަލުން ހަދައި، ކަނޑާލި 39،000 އަށް ވުރެ ގިނަ މީހުން އަލުން އެމްޑީޕީއާ ގުޅި، އެ މީހުންނާ އެކު އަޅުގަނޑުމެންނަށް ފެންނަ ގޮތް ނިންމުން،" ނަޝީދު ވިދާޅުވެފައިވެ އެވެ.

"ފިކުރެއްގެ ދިރުމުގެ ފަރާތުން ތާއީދުކުރާ ރިޔާސީ ކެނޑިޑޭޓެއް ކަނޑައަޅާނީ ފަހުން."

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި، އިންތިހާބުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި، އިންތިހާބުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު

ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކުރިއަށް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެއްބަސްވާ ކެންޑިޑޭޓަކީ ތާއީދުކުރަން ފަސޭހަވާނެ ކެންޑިޑޭޓެއް ކަމަށެވެ.

ނަޝީދުގެ މި މެސެޖަށް ރައްދު ދެއްވައި، އެމްޑީޕީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެ ގްރޫޕްގައި ވިދާޅުވީ ނަޝީދުގެ އެ ހުށަހެޅުއްވުމާ މެދު އަލުން ވިސްނާލަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ޕާޓީގެ އުސޫލާއި ގަވައިދު ބަދަލު ނުކޮށް ތިގޮތަށް ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. [ރިޔާސީ] ޓިކެޓް ކާމިޔާބުކުރާ ފަރާތަކީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް،" ފައްޔާޒް ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީ ކެމްޕެއިނުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ގޮތުގައި އެ މަނިކުފާނު ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަކަށެވެ. އަދި ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވާ ނަމަ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން މަސައްކަތެއް ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ބަރުލަމާނީ ނިޒާމެއްގެ ތެރޭގައި ވެރިކަން ކުރާކަށް ނޫޅޭނަން،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބޭއްވި އެންމެ ވާދަވެރި އެތެރޭގެ އިންތިހާބުގައި ދެ ފަރާތުން ބަހުގެ ވަރުގަދަ ހަމަލާތައް ބަދަލުކުރި ނަމަވެސް އިންތިހާބަށް ފަހު ނަޝީދު އަދި އާންމުކޮށް އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ. ރައީސް ވިދާޅުވެފައި ވަނީ ކިތަންމެ ވާދަވެރިކަމާ އެކު ކެމްޕޭންކުރި ނަމަވެސް އެ މަނިކުފާނު ހުންނެވީ އަދިވެސް އެކުގައި މަސައްކަތްކުރައްވަން ތައްޔާރަށް ކަމަށެވެ.