Roadha Mihaaru
ޕާޓީއާ ނުބެހޭ މީހުން އިންތިހާބު ގަޑުބަޑުކުރަން އުޅުނު: އެމްޑީޕީ

ޕާޓީއާ ނުބެހޭ މީހުން އިންތިހާބު ގަޑުބަޑުކުރަން އުޅުނު: އެމްޑީޕީ

29 ޖެނުއަރީ 2023

އެމްޑީޕީއާ އެއްވެސް ގުޅުމެއް ނެތް މީހުން އިއްޔެގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ގަޑުބަޑުކުރަން މަސައްކަތްކުރި ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެމްޑީޕީއާ އެއްވެސް ގުޅުމެއް ނެތް މީހުން އިއްޔެގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ގަޑުބަޑުކުރަން މަސައްކަތްކުރި ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ރިޔާސީ ޕްރައިމަރީ އަށް ހާއްސަކޮށް އެކުލަވާލި ކޮމިޓީގެ މުގައްރިރު އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވީ އެހެން ޕާޓީތަކުން ބާއްވާ އެތެރޭގެ އިންތިހާބުތަކުގައި އެމްޑީޕީން ބައިވެރިނުވާ ކަމަށެވެ.

ނަމަވެސް، އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި އިންތިހާބަށް އެހެން ޕާޓީތަކުގެ މީހުން ހުރަސްއެޅި ކަމަށް އިބްރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ށ. ފީވަކުގައި ވޯޓުލުން ލަސްވީ، ކެންޑިޑޭޓުގެ މަންދޫބު ކަމަށް ބުނެ، ޕީޕީއެމްގެ ދެ މީހަކު މަންދޫބު ފާސް އަޅައިގެން ވޯޓު ނުދޭނެ ކަމަށް ބުނެ ވޯޓު ފޮށި ބަންދުކޮށްގެން ތިބުމުންނެވެ.

އެ ދެ މީހުން ވެސް އެންމެ ފަހުން އެ ތަނުން ބޭރުކުރީ ފުލުހުން މެދުވެރިކޮށް ކަމަށާއި އެއީ ބަލައިގަންނަ ކަންތައްތަކެއް ނޫން ކަމަށް އިބްރޭ ވިދާޅުވި އެވެ.

"މަޝްހޫރު" ގާނޫނީ ވަކީލަކު ވެސް މާލޭގެ އެކި ފޮށިތައް ހުރި މަރުކަޒުތަކަށް ގޮސް މަންދޫބުން ލައްވައި ހަމަނުޖެހުން ހިންގަން މަސައްކަތްކުރި ކަމުގެ ހެކި ލިބިފައިވާ ކަމަށް އިބުރޭ ވިދާޅުވި އޭނާ އެވެ.

އެ ގާނޫނީ ވަކީލަކީ، ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރަން ގާނޫނުއަސާސީ އިސްލާހު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައްވައި ޕެޓިޝަން ތައްޔާރުކުރުމުގައި އިސްކޮށް އުޅުނު ނިޝާން އިބްރާހިމެވެ. އެމްޑީޕީގެ ދަފްތަރުގައި އޭނާގެ ނަމެއް އެއްވެސް އިރަކު ނޯންނަ ކަމަށް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރޭ ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެމްޑީޕީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރޭ ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"އިންތިހާބު ހުއްޓުވަން އެހެން ޕާޓީތަކުން މަސައްކަތް ކޮށްގެން ނުވާނެ. އަޅުގަނޑުމެން ވެސް އެހެން ޕާޓީތަކުގެ އިންތިހާބުތަކުގައި ހަރަކާތްތެރިއެއް ނުވަން. އަޅުގަނޑުމެންގެ ޕާޓީ މެމްބަރެއްގެ ގޮތުގައި އެއްވެސް ޒަމާނެއްގައި ހިމެނިފައި ނުވާ ވަރަށް މަޝްހޫރު ލޯޔަރަކު، މާލޭގައި އެކިއެކި ވޯޓު ފޮށިތައް ހުރި މަރުކަޒުތަކަށް ގޮސް ކެންޑިޑޭޓުންގެ މަންދޫބުން ލައްވައި ހަމަނުޖެހުން ހިންގަން މަސައްކަތްކޮށްފައި ހުރި ކަމުގެ ހެއްކާއި އެހެނިހެން އެއްޗެހި އަޅުގަނޑުމެންނަށް ލިބިފައި ހުރި،" އިބްރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދިޔަ ވަގުތު ހަމަނުޖެހުން ހިންގަން އެހެން ޕާޓީތަކުގެ މީހުންގެ ބޭނުން ހިފި އެވެ. އަދި އެ ކަންކަމުގައި އެ މީހުން ބައިވެރިވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕާޓީއާ ނުބެހޭ މީހުން މި އިންތިހާބު ތެރެއަށް ވަރަށް ބޮޑަށް ވަދެ، އިންތިހާބު ގަޑުބަޑުކުރުމަށް މަސައްކަތްކުރި،" އިބްރޭ ވިދާޅުވި އެވެ.

ޕްރައިމަރީގެ ހަމަނުޖެހުންތަކުގެ ތެރެއިން ދެ ރަށެއްގެ ވޯޓު ފޮށި ވަނީ ފަޅާލައިފަ އެވެ. އެ މައްސަލައިގެ ތުހުމަތުގައި ގދ. ރަތަފަންދޫން ދެ މީހަކާއި ތިނަދޫން މީހަކު ހައްޔަރުކުރި އެވެ. އޭގެ ފަހުން، މާލޭގައި ބަހައްޓާފައިވާ ހިންނަވަރު ދާއިރާގެ ވޯޓު ގުނަން ތައްޔާރުވަމުން ދަނިކޮށް އެ ތަނުގައި ހުރި ފިރިހެނަކު ވަނީ މޭޒު މަތީގައި ބަހައްޓާފައި ހުރި ވޯޓު ކަރުދާސްތަކެއް އުކާލައި ވީދާލަން މަސައްކަތްކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން ދެ ފިރިހެނުން އިއްޔެ ހައްޔަރުކުރި އެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންގޮސްފައިވެ އެވެ.

އިބްރޭ ވިދާޅުވީ ހަމަނުޖެހުންތަކުގެ ތެރެއިން ޕާޓީގެ މެމްބަރުން ހިންގާފައިވާ މައްސަލަތައް ބެލުމަށް ފިޔަވަޅު އަޅާ ކޮމިޓީއަށް ފޮނުވާނެ ކަމަށެވެ. އެކަމާ ބެހޭ މައުލޫމާތު އެއްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.